މިނިވަންކަމުގެ ހައްޓިއަށް، މަލިކުދަނޑި މާލެއަށް

ރާއްޖޭގެ މިނިވަންކަމުގެ ހައްޓި އަހަރު ފާހަގަކުރުމަށް ޤައުމީ ފެންވަރުގައި މާލޭގައި ބާއްވާ ޙަރަކާތަކުގައި ކެލާ މަލިކުދަނޑި ޖަހައި ގޮތަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހަމަޖައްސައިފި ކަމަށް ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން ވިދާޅުވެއްޖެއެވެ.
ސަގާފީ ކުޅިވަރު ދިރުވާއާލަކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކެލާ ޔޫތު ފޯރަމްގެ ރައީސް ޢާމިރު ވިދާޅުވި ގޮތުގައި މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އޮންނަ ހަވީރުގައާއި، 27 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ ޙަރަކާތުގައި މަލިކުދަނޑި ޖެހުމަށް ވަނީ ދަޢުވަތު ލިބިފައެވެ.
މިނިވަންކަމުގެ ހައްޓި ފާހަގަކުރުމަށް މާލޭގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް، ކެލާ ޔޫތު ފޯރަމަށް ލިބުނު މި ދަޢުވަތުގައި މަލިކުދަނޑި ޖެހުމަށް މާލެ އަންނަނީ އެ ޖަމްޢިއްޔާގެ ފަރާތުން ހިންގާ ސަގާފީ ކުޅިވަރު އުނގަންނައިދޭ ކުލަބު ކަމުގައިވާ “ކެލަވަކި ނަޣާރާ” ގައި ބައިވެރިވެ ސަގާފީ ކުޅިވަރު ދަސްކުރުމަށް މަސައްކަތްކުރަމުން އަންނަ 30 ދަރިވަރެކެވެ.
ޖަމްޢިއްޔާގެ ރައީސް ޢާމިރު ވިދާޅުވި ގޮތުގައި މި ދަޢުވަތު އެ ފަރާތުން ބަލައިގަތީ ސަގާފީ ކުޅިވަރު ދަސްކުރުމަށް މަސައްކަތްކުރަމުން އަންނަ ކުދިބަޔަކަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށް ދެކެމުންނެވެ. އަދި ވަރަށް ބޮޑު ހިތް ވަރެއް ކަމަށް ޤަބޫލުކުރާތީއެވެ.