މީހުން

ކުންފުނިތައް އުފައްދާ، ހިންގުން ބައްޓަންކޮށް، ހަރުދަނާކުރުމުގައި ލާމަސީލު މިސާލެއް

ކެލާ ފޫޅުމާމަގެ މުޙައްމަދު މަނިކު ނުވަތަ މިލާނޯ މަނިކު ނުވަތަ އެސްޓީއޯ މަނިކަކީ އެތައް ގޮތަކުން ބަލައި އިރު މަޝްހޫރު ބޭފުޅެކެވެ. ތަޢުލީމީ ރޭހުގައެވެ. ކުޅިވަރުގެ މައިދާނުގައެވެ. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގައެވެ. އަދި ހިންގުމުގެ ދާއިރާގައެވެ. މަނިކަކީ އިޚްލާޞްތެރިކަމާއެކު މި ޤައުމަށް ޚިދުމަތް ކުރެއްވެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައި އެއް ބޭފުޅެވެ. ނަތީޖާ ނެރެދެއްވާފައިވާ އަދި މިހައިރުވެސް ނަތީޖާ ނެރެދެއްވުމުގައި ބުރަކޮށް މަސައްކަތްޕުޅުކުރައްވަމުން އަންނަ ޝަޚްޞިއްޔަތެކެވެ.

މުޙައްމަދުމަނިކަކީ ހއ. ކެލާ މޭވާގޭ މަރުޙޫމް ޙުސައިންމަނިކުބެއާއި، މަރުޙޫމާ ފޫޅުމާމައަށް ލިބިލެއްވި ހަމައެކަނި ދަރިފުޅެވެ. މަނިކާއި އެއްބަފައި ބޭފުޅަކު މި ވަގުތު ދުނިޔޭގައި ނެތަސް އެއް މަންމަ ބޭފުޅުންގެ ތެރޭން ފޫޅުމާ ކަތްދާމަނިކެދައިތައާއި، ކެލާގެ ކުޑަ ކަތީބުކަން ކުރެއްވެވި ޢަބްދުﷲ މުފީދު ދުނިޔޭގައި އެބަ ހުންނެވިއެވެ. މަނިކުގެ ބައްޕައަށް ލިބިލެއްވި ޙަސަން ޙުސައިންމަނިކާއި، މަންމައަށް ލިބިލެއްވި ޢާއިޝާމަނިކެއާއި، އާދަމްމަނިކު ވަނީ ނިޔާވެފައެވެ. މި ހުރިހައި ބޭފުޅުންނަށް ހެޔޮ ޖަޒާ މިންވަރުކޮށްދެއްވާށިއެވެ.

މަނިކަކީ ބަސް މަދު ހިތްހެޔޮ މިޒާޖުގެ ބޭފުޅެކެވެ. މަޑުމަތިރި ހިތްތިރި ބޭފުޅެކެވެ. އޯގާވެރިކަމާއެކު މީހުންނާ މުޚާޠަބުކުރައްވާ ސާދާ ބޭފުޅެކެވެ. ހިނިތުންވެ ހުރެ އެހެން މީހުންނަށް މަރުޙަބާ ވިދާޅުވާ ބޭފުޅެކެވެ. ކުރައްވާ ކޮންމެ ކަމެއްގައި ވެސް ޢިލްމާއި، ޙިލްމު ބޭނުންފުޅުކުރައްވާ ބޭފުޅެކެވެ.

މަނިކު ވިދާޅުވި ގޮތުގައި، މަނިކު މާލެވަޑައިގެންނެވީ 1965 ވަނަ އަހަރުގައެވެ. އެއީ ކޮންމެ އަތޮޅަކުން ކުއްޖަކަށް މާލޭން ކިޔެވުމަށް ދެއްވި ފުރުޞަތުގެ ތެރޭންނެވެ. މަނިކަށް އެ ފުރުޞަތު ލިބިވަޑައިގެންނެވީ 1960 ގައި، ހއ. އަތޮޅުން ފުރުޞަތު ލިބިވަޑައިގެންނެވި، ޑޮކްޓަރޢަބްދުލްޙަމީދު ކިޔެވުމަށް ޓަކައި މިޞްރަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ. މަނިކަށް އެ ފުރުޞަތު ލިބިވަޑައިގެންނެވީ ހއ. އަތޮޅުގެ ރަށްތަކުން ނެގުނު ކުދިންގެ މެދުގައި އިމްތިޚާނެއް ބެއްވުމަށް ފަހުގައެވެ. މަނިކު ވިދާޅުވީ އެ އިމްތިޚާނުގައި އަތޮޅުގެ ބޮޑު ކޮންމެ ރަށަކުން ދެ ކުދިންނާއި، ކުޑަ ކޮންމެ ރަށަކުން އެއް ކުއްޖަކު ބައިވެރިވި ކަމަށެވެ. އިމްތިޚާނު އޮތީ، އަތޮޅުގެ ވެރިރަށް ކަމުގައިވާ ދިއްދޫގައި ކަމަށް ވެސް މަނިކު ވިދާޅުވިއެވެ.

ކިޔެވުމަށް ޓަކައި މާލެ ވާޑައިގެން މަނިކު ހުންނެވީ އަމީނިއްޔާ ބޯޑިންގގައެވެ. އަމީނިއްޔާ ބޯޑިންގ އޭރު ހުރީ ސީއެޗްއެސްއީ މާލެ، މިހާރު އެ ހުރި ތަނުގައެވެ. މަނިކު ވިދާޅުވި ގޮތުގައި އޭރާ އަޅައިބަލައި އިރު، ބޯޑިންގުގައި ވަރަށް ރަނގަޅަށް ކަންތައްތައް އިންތިޒާމުކުރެވިފައި ވެއެވެ. ކޮންމެ ކުއްޖަކަށް ގޮދަޑި އެޅި އެނދަކާއި، ކަބަޑެއް ހުރެއެވެ. ސަވަރުން ފެންވެރޭނެ ގޮތް ހުއްޓެވެ. ފާޚާނާކުރެވޭނެ ނިޒާމު ހަމަޖެހިފައި ވެސް ހުއްޓެވެ. ވަރަށް ރަނގަޅަށް ކާންދީ ހެއްދެވިއެވެ. ކިޔެވުމުގެ ކަންކަން ވެސް ވަރަށް ރަނގަޅަށް އިންތިޒާމުކޮށްފައި ބޯޑިންގގައި ހުރި މެއެވެ. ކުދިންގެ ކަންކަން ބެލެހެއްޓުމަށް އެކި ވަރުން މުވައްޒަފުން ލައިފައި ތިއްބެވިއެވެ. މަނިކު ވިދާޅުވި ގޮތުގައި ހެނދުނު ސައި ވެސް ސުކޫލަށް ގެންގޮސް ލިބޭ ގޮތް ހައްދަވައިދެއްވިއެވެ. އަމީނިއްޔާ ބޯޑިންގއަށް މަނިކު ވަޑައިގެންނެވި އިރު ޢުމުރަކީ އެންމެ 10 އަހަރެވެ.

އަމީނިއްޔާ ސުކޫލް ބޮޑުކުރަންޖެހުމާ ގުޅިގެން 1969 ގައި އަމީނިއްޔާ ބޯޑިންގ އުވާލެއްވިއެވެ. އެ ހިސާބުން ބޯޑިންގގައި ތިބި ކިޔަވާކުދިން މާލޭގެ ބޮޑެތި މަޝްހޫރު ޢާއިލާތަކާ ޙަވާލުކުރެއްވިއެވެ. މަނިކު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް ނާޞިރުގެ ގެކޮޅަށް ވެސް ދެ ކުއްޖަކު ގެންދެވިއެވެ. 

މަނިކަކީ މަޖީދިއްޔާ ސުކޫލުގެ ފަޚުރުވެރި އެއް ދަރިވަރެވެ. 1976ގެ މަޖީދިއްޔާ ސުކޫލުގެ ބެސްޓް އޯލްރައުންޑެވެ. ރަސްމީ ތަޢުލީމީ ޙަޔާތް މަނިކު ނިންމަވައިލެއްވީ ރީތިނަމާއެކު ރަންއަކުރުން ކެލާގެ ތާރީޚު ޖަރީކޮށްދެމުންނެވެ. މަނިކު ވިދާޅުވި ގޮތުގައި ޖެހިޖެހިގެން 3 އަހަރު މަޖީދިއްޔާ ސުކޫލުގެ ބެސްޓްއޯލް ރައުންޑަރގެ މަޤާމު މަނިކަށް ލިބިވަޑައިގެންނެވިއެވެ. އެއީ 1974 ވަނަ އަހަރާއި، 1975 ވަނަ އަހަރާއި، 1976 ވަނަ އަހަރުގައެވެ. މީގެ އިތުރުން 2 އަހަރު އޭލެވެލް ތަޢުލީމް ވެސް މަޖީދިއްޔާ ސުކޫލުން ކިޔެވި ކަމަށް މަނިކު ވިދާޅުވިއެވެ. ނަމަވެސް އޭލެވެލް ކިޔެވުން ފެށި ކުދިން ލީބިޔާއިން ފަންޑުކޮށްގެން ފަހުން ޕާކިސްތާނަށް ފޮނުވާލެއްވީއެވެ. ނަމަވެސް ޕާކިސްތާނުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން ފަހުން އެކި ޤައުމުތަކަށް އެ 15 ކުދިން ފޮނުވައިލެއްވިއެވެ. މަނިކު ވަޑައިގަންނަވަންޖެހުނީ ބޭރޫތަށެވެ. ނަމަވެސް ބޭރޫތު ހަނގުރާމައާ ގުޅިގެން އެނބުރި ރާއްޖެއަންނަން މަނިކަށް ޖެހިވަޑައިގެންނެވިއެވެ.

މަނިކަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ބޭރޫތުން 1985ގައި ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހެއްދެވުމަށް ފަހު، އެގްޒެކެޓިވް ލެވެލްގައި، ގިނަގުނަ ތަޖުރިބާތަކެއް ޙާޞިލްކުރައްވާފައިވާ ތަޖުރިބާކާރެކެވެ. ޚާއްޞަކޮށް ފައިސާއާއި، ކުންފުނިތައް ހިންގުމާއި، ވިޔަފާރިއާއި، އިޤްތިޞާދު ކުރިއަރުވާ ތަރައްޤީކުރުމުގެ މޭސްތިރިއެކެވެ. މި ވަގުތު މަނިކަކީ ކެޕިޓަލް މާރކެޓިންގ ޑިވޮލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯއެވެ. ކެޕިޓަލް މާރކެޓިންގ ޑިވޮލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯގެ މަޤާމާ މަނިކު ޙަވާލުވެވަޑައިގެންނެވީ 21 ޖަނަވަރީ 2021 ގައެވެ. މަނިކު ވަނީ މޯލްޑިވްސް ޕެންސަން އޮފީހުގެ ސީއީއޯކަން ވެސް 10 އަހަރު ކުރައްވާފައެވެ. މީގެ އިތުރުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވައި އެމްބެސަޑަރކަން ވެސް މަނިކު ވަނީ ކުރައްވާފައެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނެޖިންގ ޑިރެކްޓަރކަން 15 އަހަރު ކުރައްވާފައި ވެއެވެ.

މަނިކުގެ ޤައުމީ ޚިދުމަތް ފެއްޓެވީ 8 ޖުލައި 1980 ގައި ޑިޕާޓްމެންޓް އޮފް ފިނޭންސުންނެވެ. ފުރަތަމަ އަދާކުރެއްވީ ޕްރޮޖެކްޓް ކޯޑިނޭޓިންގ އޮފިސަރުގެ މަޤާމެވެ. 13 ޖުލައި 1982ގައި ޑިޕާޓްމެންޓް އޮފް ފިނޭންސުން ވަކިވެވަޑައިން 13 ޖުލައި 1982ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭންކިންގ އޮފިސަރގެ މަޤާމަށް ވެންނެވިއެވެ. 10 އޭޕްރީލް 1985 ގައި މަނިޓަރީ އޮތޯރިޓީގެ މަޤާމުން ވަކިވެވަޑައިގެން ޑިޕާޓްމެންޓް އޮފް ފިނޭންސުގެ ރިސޯސް މެނޭޖްމަންޓް އޮފިސަރގެ މަޤާމަށް ބަދަލުވެވަޑައިގެންނެވިއެވެ. 16 އޮކްޓޯބަރ 1986 އާ ހަމައަށް ފިނޭންސުގެ ރިސޯސް މެނޭޖްމަންޓް އޮފިސަރގެ މަޤާމު އަދައިކުރުމަށް ފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް އެ ތާރީޚުގައި ބަދަލުވެވަޑައިގެންނެވިއެވެ. 5 ޖަނަވަރީ 1989 ގައި އެ މަޤާމުން ވަކިވެވަޑައިގެން އެ ތާރީޚުގައި އެ މިނިސްޓްރީގެ ވަކީލަކަށް ބަދަލުވެވަޑައިގެންނެވިއެވެ. 27 މޭ 1990އާ ހަމައަށް އެ މަޤާމުގައި ހުންނެވުމަށް ފަހު އެ ތާރީޚުގައި ފިޝަރީޒް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޑިޕާޓްމެންޓްގެ ޑެޕިޔުޓީ ޑިރެކްޓަރަކަށް ބަދަލުކުރެއްވިއެވެ. އެއަށް ފަހު 1991 ގެ، އޮކްޓޯބަރ 1 އާހަމައަށް އެ މަޤާމުގައި ހުންނެވުމަށް ފަހު އެ ތާރީޚުގައި އެސްޓީއޯގެ ޑެޕިޔުޓީ ޑިރެކްޓަރަކަށް ބަދަލުކުރެއްވިއެވެ. ޑެޕިޔުޓީ ޑިރެކްޓަރގެ މަޤާމުން އެސްޓީއޯގެ މެނެޖިންގ ޑިރެކްޓަރގެ މަޤާމަށް ބަދަލުކުރެއްވީ 13 ނޮވެންބަރ 1993 ގައެވެ.

މަނިކު ވަނީ 6 ކުންފުންޏެއްގެ ޗެއަރމަންކަން ވެސް ކުރައްވާފައެވެ. އެ ގޮތުން 1994 އިން 2007 އަށް އެލައިޑް އިންސުއަރެންސްގެ ޗެއަރމަންކަން ކުރެއްވިއެވެ. 2003 އިން 2007 އަށް އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަންކަން ކުރެއްވިއެވެ. 2001 އިން 2008 އަށް ފިއުލް ސަޕްލައި މޯލްޑި ވްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަންކަން ކުރެއްވިއެވެ. 2003 އިން 2007 އަށް މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް ފައިނޭންސް އެންޑް ލީޒިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަންކަން ކުރެއްވިއެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަންކަން 2000 އިން 2008 އަށް ކުރެއްވިއެވެ. މަނިކު ވަނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން ޕްރައިވެޓް ލިމިޓެޑާއި، ބެންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް މަސައްކަތްޕުޅު ކުރައްވާފައެވެ.

ޕްރޮފިޝަނަލް ޑިވޮލޮޕްމެންޓްގެ އެތައް ޕްރޮގްރާމުތަކެއް މަނިކު ވަނީ ރާއްޖޭން ބޭރުން ފުރިހަމަކުރައްވާފައެވެ. ފުރިހަމަކުރެއްވި ޕްރޮގްރާމްތައް:

1. ކޯސް އޮން ޕަބްލިކް ފައިނޭންސް އޮފް ދަ އައިއެމްއެފް އިންސްޓިޓިއުޓް، 21 އޭޕްރީލުން 27 ޖޫން 1986 އަށް (ވޮޝިންގޓަން ޑީ.ސީ ޔޫއެސްއޭ)

2. ޕަބްލިކް އެކްސްޕެންޑިޗަރ ޕްރޮގްރާމިންގ އެންޑް މެނޭޖްމެންޓް ރީޖެނަލް ކޯސް، 29 މޭން 16 ޖޫން 1989 އަށް (ފިޖީ)

3. ސެޓްފިކެޓް އިން ފައިނޭންސަލް އެޑްމިނިސްޓްރޭޝަން އިން ގަވަރމެންޓް (ސީނިއަރ މެނޭޖަރސް)، 9 އޭޕްރީލުން 17 މޭ 1990 އަށް (ސިޑްނީ އޮސްޓްރޭލިޔާ)

4. އެޑްވާންސް ސެމިނަރ ފޯރ ޗީފް އެގްޒެކެޓިވްސް، 29 މޭން 9 ޖޫން 2006 އަށް (އެންޔޫއެސް ބިޒްނަސް ސްކޫލް، ސިންގަޕޯރ)

5. ވޯލްޑް ބެންކް ޕެންސަން ކޯރ ކޯސް، 8 – 19 ނޮވެންބަރ 2010 (ވޮޝިންގޓަން ޑީ.ސީ ޔޫއެސްއޭ)

6. 8 ވަނަ ކޮރެއަން ކެޕިޓަލް މަރކެޓް ސެމިނަރ، 30 ޖޫނުން 7 ޖުލައި 2012 އަށް (ސޮއުލް ކޮރެއާ)

7. ރީޖަނަލް ސެމިނަރ އޮން އިންވެސްޓަރ އެޑިޔުކޭޝަން އެންޑް ފައިނޭންޝިއަލް ލިޓްރެސީ، 14 – 18 އޮކްޓޯބަރ 2013 (ހަނޮއި، ވިއެޓްނާމް)

8. ޕެންސަން ފަންޑް ސްޓްރެޓެޖީ، 23 – 25 މާރިޗު (ޕެރިސް، ފްރާންސް)

9. ސްޓްރެންތެނިންގ ރީޖަނަލް ޕަރޓްނަރޝިޕް ފޯރ ކްލައިމެޓް ޓްރާންސިޝަން، 26 – 27 މާރިޗު 2024 (ތައިލެންޑް)

10. ރީޖަނަލް ލީޑަރޝިޕް ޕްރޮގްރާމް ފޯރ ސެކިއުރިޓީ  ރެގިއުލޭޓަރސް، 26–- 30 އޯގަސްޓް 2024 (ސިންގަޕޯރ)

11. އޯއީސީޑީ/އައިއޯޕީއެސް/އޯޖޭކޭ ގްލޯބަލް ފޯރަމް އޮން ޕްރައިވެޓް ޕެންސަންސް، 19 – 20 ނޮވެންބަރ 2024 (ބާލީ، އިންޑޮނޭޝިއާ)

އިޖުތިމާޢީ ދާއިރާގައި ވެސް މަނިކަކީ ފަނޑުވުމެއް ނެތް ބޭފުޅެކެވެ. ކެލާ ޔޫތު ފޯރަމްގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ޖަމްޢިއްޔާއަށް ޚާއްޞަކޮށް ކެލައަށް ފަހި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަނިކު ވަނީ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައެވެ. ޝައިޚްއިބްރާހީމް ސުކޫލުގައި އޭލެވެލްފެށުމަށް ކެލާ ޔޫތު ފޯރަމުން ދެއްވި މާލީ އެހީތެރިކަން ފޯރުކޮށްދެއްވީ މަނިކުގެ ރައީސްކަމުގައެވެ. އަދި ހަމައެފަދައިން ޝައިޚްއިބްރާހީމް ސުކޫލުގެ ކޮމްޕިޔުޓަރ ލެބަށް ކެލާ ޔޫތު ފޯރަމުން އެހީތެރިވެދިނީ ވެސް މަނިކުގެ ރައީސްކަމުގައެވެ. މީގެ އިތުރުން އަމިއްލަ ޖީބުން ވެސް އިޖުތިމާއީ ކަންކަމުގައި ރަށަށް އެހީތެރިކަން މަނިކު ވަނީ ފޯރުކޮށްދެއްވާފައެވެ.

ކުޅިވަރުގެ ދަނޑުގައި ވެސް މަނިކަކީ ވިދުން ގަދަ ބޭފުޅެކެވެ. ޓެނިހުގެ ޤައުމީ ޗެމްޕިއަންކަން 1990 ވަނަ އަހަރު މަނިކު ވަނީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެެ ރައީސްކަން މަނިކު ކުރައްވާފައި ވެއެވެ. ހަމައެފަދައިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއަރމަންކަމާއި،  އެތުލެޓިކުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓްރެސަރަރކަން ވެސް މަނިކު ކުރެއްވިއެވެ. މިހާރުވެސް މަނިކަކީ ދުޅަހެޔޮކަން މަތީ ހުންނެވުމަށް ޓަކައި ކުޅިވަރުދަނޑުތަކާއި، ކޯޓުތަކުގެ ބޭނުން ރަނގަޅަށް ހިއްޕަވައި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައި ބޭފުޅެކެވެ. ކުޅިވަރުގެ ޚާއްޞަ ޝަޚްޞިއްޔަތެކެވެ.  

ފުރަތަމަ ކުރެއްވެވި ކާވެނީގެ މަތީގައި ސާބިތުކަމާއެކު މިހާރުވެސް ދެމިހުންނެވި މަނިކަށް ލިބިވަޑައިގެންނެވީ ޖުމްލަ 3 ބޭފުޅުންވެ. އެއީ ފިރިހެން 2 ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވީ 2 ބޭފުޅެކެވެ. ދުނިޔޭގައި ހުންނެވި ދެ ބޭފުޅުންގެ ތެރެއިން ރާއްޖޭގައި ދިރިއުޅުއްވަނީ 1 ބޭފުޅެކެވެ. އަނެއް ބޭފުޅާ ދިރިއުޅުއްވަނީ އޮސްޓްރޭލިޔާގައެވެ. މީގެ އިތުރުން ކާފަވިދާޅުވާ 2 ބޭފުޅަކުވެސް ދުނިޔޭގައި އެބަ ހުންނެވިއެވެ. ރާއްޖޭގައި ދިރިއުޅުއްވާ މަނިކުގެ ދަރިފުޅު މަސައްކަތްކުރައްވަނީ 10 އަހަރު ދުވަހު ބައްޕާފުޅު ސީއީއޯކަން ކުރެއްވެވި މޯލްޑިވްސް ޕެންސަން އޮފީހުގެ، ޕްރޮޖެކްޓް ކޮންސަލްޓަންޓެއްގެ ގޮތުގައެވެ. އަނެއް ދަރިފުޅު މަސައްކަތްކުރައްވަނީ މެރިން އިންޖިނިއަރެއްގެ ގޮތުގައި އޮސްޓްރޭލިޔާގައެވެ.

ކުންފުނިތައް އުފައްދާ، ހިންގުން ބައްޓަންކޮށް، ރައްޔިތުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތައް ހިނގާނުހިގާ ގޮތް ބެލެހެއްޓެވުން ފަދަ މުހިންމު ޒިންމާތައް މިހާރުވެސް އަދާކުރައްވަމުންދާ މަނިކަކީ މި ރާއްޖޭގައި ހުންނެވި، އެ ފަންނުގެ އެންމެ ޤާބިލް އެއް ބޭފުޅެވެ. މަނިކު ވަނީ މި ރާއްޖޭގެ މަޝްހޫރު އެތައް ކުންފުންޏެއް އުފެއްދެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ޚާއްޞަކޮށް ކުންފުނިތައް ހިންގެވުމުގައި މަނިކު ކުރެއްވެވި މަސައްކަތްޕުޅުގެ ހަރުދަނާކަން، މޯލްޑިވްސް ޕެންސަން އޮފީހުން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދެއެވެ. ތެދުތެދަށް ދަންނަވާ ނަމަ މަނިކަކީ ކުންފުނިތައް އުފައްދާ، ހިންގުން ބައްޓަންކޮށް، ހަރުދަނާކުރުމުގައި ލާމަސީލު މިސާލެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button