ހއ. އަތޮޅުގެ 1 ވަނަ މާރަންދޫއާއި، ވަށަފަރަށް، 2 ވަނަ ދިއްދޫއާއި ކެލައަށް

މިހާރު ހިނގަމުންދާ ގޯލްޑަން ފުޓްސަލް 2025 ގެ ހއ. އަތޮޅުގެ 1 ވަނަ މާރަންދޫއާއި، ވަށަފަރަށް، 2 ވަނަ ދިއްދޫއާއި، ކެލައަށް ލިބިއްޖެއެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި މިއަދު ހަވީރު ކުޅުނު މާރަންދޫއާއި، ފިއްލަދޫގެ މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ މާރަންދޫއެވެ. މާރަންދޫ ޓީމަށް ލަނޑު ޖަހައިދިނީ އެ ޓީމުގެ އަދުހަމް ޢަލީއާއި، ޙުމައިދު ޙުސައިނާއި އަދި ޙަމްދޫން ޢަބްދުއްލަޠީފެވެ. ފިއްލަދޫ ޓީމުން 2 ލަނޑު ވެސް ޖެހީ އާދަމް ރިޟުވާނެވެ. ކެލާއާއި، ބާރަށް ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ބާރަށެވެ. ކެލާ ޓީމުން 2 ލަނޑު ވެސް ޖެހީ އަޙްމަދު ވަޙީދެވެ. ބާރަށު ޓީމުން ލަނޑު ޖެހީ މުޙައްމަދު ޢައްފާނާއި، އަޙްމަދު ޝަޒީމާއި އަދި މުޙައްމަދު މާއިޒު ޔޫސުފެވެ.
މާރަންދޫއާއި، ފިއްލަދޫ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާރަންދޫ ޓީމުގެ ޖަރޒީ ނަންބަރު 13 ޙަމްދޫން ޢަބްދުލްލަޠީފެވެ. ކެލާއާއި، ބާރަށް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާރަށު ޓީމުގެ ޖަރޒީ ނަންބަރ 13 މުޙައްމަދު މާއިޒު ޔޫސުފެވެ.


ހއ. ގެ 2 ގުރޫޕުގެ މެޗުތައް ނިމުނު އިރު، 9 ޕޮއިންޓާއެކު އޭ ގުރޫޕުގެ 1 ވަނާގައި އޮތް މާރަންދޫ ސެމީގައި ބައްދަލުކުރާނީ 9 ޕޮއިންޓާއެކު ބީ ގުރޫޕުގެ 2 ވަނާގައި އޮތް ދިއްދޫއާއެވެ. 10 ޕޮއިންޓާއެކު ބީ ގުރޫޕުން 1 ވަނަ ހޯދި ވަށަފަށް ބައްދަލުކުރާނީ 7 ޕޮއިންޓާއެކު އޭ ގުރޫޕުގެ 2 ވަނާގައި އޮތް ކެލާ ޓީމާއެވެ.


ތާވަލު ހަމަޖެހިފައިވާ ގޮތުން ހއ. އަތޮޅުގެ ސެމީ ފައިނަލް އޮންނާނީ މި މަހުގެ 27 ވާ ހޯމަ ދުވަހެވެ.