ޢީދު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވައިލައިފި

1446 ވަނަ އަހަރުގެ އަޟުޙާޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކަށް އެ ފުރުޞަތު ކެލާ ކައުންސިލުން ހުޅުވައިލައިފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ އެ ކައުންސިލުގެ އިޢުލާނުގައި ދަންނަވައިފައިވާ ގޮތުގައި މި ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔަތަކަށް އެކަންޏެވެ.
މި ކަމަށް އެދި ކުރެއްވި އިޢުލާނުގައި ޕްރޮޕޯސަލް ހުށަހެޅުމަށް ޓަކައި މި ހިނގާ އޭޕްރީލް މަހުގެ 7 އިން 14 އަށް އެ ކައުންސިލުގައި ރަޖިސްޓްރީކުރުމަށް ވިދާޅުވެފައި ވެއެވެ. އަދި އެ ކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 15 އޭޕްރީލުގައި އެ ކައުންސިލުގައި އޮންނާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އީދު ޕްރޮޕޯސަލް ހުށަހެޅުމަށް ކެލާ ކައުންސިލުން ކުރެއްވި އިޢުލާނުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުން އޮންނާނެ ކަމަށް ވިދާޅުވެފައި ވަނީ މި ހިނގާ އޭޕްރީލްމަހުގެ 30 ވާ ބުދަ ދުވަހުގެ 13.00 އެވެ. ކެލާއަކީ ޢީދު ކުޅިވަރުގައި ރާއްޖޭގައި ނަން މަޝްހޫރު ރަށެކެވެ. ރީތި ރަށްތަކުގެ ތެރޭގައި ވެސް ހިމެނިފައިވާ، ލޯކަލް ޓުއަރިޒަމަށް ފަހި ފުރުޞަތުތަކެއް އޮތް ރަށެކެވެ.