ދިރިއުޅުން ފަސޭހަ ވެއްޖެއެވެ. އެހެނަސް ސަލާމަތެއް ނެތެވެ.

ކަންނެތް ވެއްޖެއެވެ. ހިނގާލާ އުޅޭހިތެއް ވެސް ނުވެއެވެ. ޖެހިގެން ހުރި ގޭގެ އަވަށްޓެރިޔާ ނުފެންނަތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. ރަށުގެ ދުރުތާތިބި ޢާއިލާގެ މީހަކު ވެސް ނުދެކޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ގިނަ އިރު އިނދެވެނީއެވެ. ބާކީ ވަގުތެއް އޮތިއްޔާ އޮށޯވެލެވެނީއެވެ. ފޫހިވެގެން ކާހިތްވަނީއެވެ. ކާކަށް ވަކިއެއްޗެއް ނެތެވެ. އަދި ކެއުމަކަށް ހައްދެއް ހުދޫދެއް ވެސް ނެތެވެ. ރޫފަޖެހި ހަށިގަނޑުގެ ބުރަދަން ބޮޑުތަނުން ބަރުވަނީއެވެ. ޙަރަކާތްހުއްޓި ގުނަވަންތައް ގޮށްޖެހެނީއެވެ. ކެއުމުގެ ބާވަތްތައް ކަނޑައެޅިފައ ިހުރީ ދަޅާއި، ފުޅި އަދި ޕެކެޓްތަކުގައި ކެމިކަލްއަޅައި ބަންދު ކުރެވިފައި ހުރި ސާމާނުގެ މައްޗަށެވެ. އެއީ ވެސް ފަސޭހަޔަށެވެ. ކަންނެތްކަމުގެ އިންތިހާއިން ފަސޭހަކަމާއެކު ކައިބޮއެ އުޅުމަށެވެ. އާލާތްތައް އަލިފާނާނުލައި ދޮންކުރެވެއެވެ. ސުވިޗެއް ޖައްސާލުމުން ހިތަށްއަރުވާލި ކޮންމެ ކަމެއް ވަނީއެވެ. ހުރެ ރޯފިލަނީއެވެ. ހާދަފަސޭހައެވެ. ސްވިޗް ޖައްސަނީ ވެސް ރިމޯޓަކުންނެވެ. އެވެސް ހިނގާބިނގާވެ ނޫޅުމަށް ޓަކައެވެ. އޮވެލައިގެން ކަންކަން ކޮށްލުމުގެ ބޭނުމުގައެވެ. ދިރިއުޅުން ފަސޭހައެއް ނޫންހެއްޔެވެ.
ދިރިއުޅުމަށް ޤާއިމްކުރެވުނު އާލާތްތަކާއި، ބަންދުކޮށްފައި ހުރި ކާބޯތަކެތި ކާލައިގެން އޮވެ ނިދުނީއެވެ. ހޭލެވުނު އިރު ކަމަކުދާކަށްނެތެވެ. ހިނގާބިނގާވެ އުޅެން ދަތިވެ ބަރުދަން ބޮޑުވެ ހިރިއެއް ނުލެވެއެވެ. ހެޔޮވަރެއްގެ ބަނޑަކާއި ބޮނބިފަޅިމަތީގެ ހައިބަތު ރަށެއްގެ މަލަޔަށް ވުރެ ތިރިއެއް ނޫނެވެ. ލާންހުރި އަންނައުނަކަށް އޮތްބެއް ނެތެވެ. ދިރިއުޅުން ފަސޭހަވެ، ޞިއްޙަތު ހަލާކުވެ ދިޔައީއެވެ. ނަފްސުގެ ކަންނެތްކަން އިތުރުވެ ބަލިމަޑުކަން ފާވީއެވެ. ދެން ހިނގަންޖެހުނީ ޑޮކްޓަރު ގެއަށެވެ. ބޮޑު ފައިލެއްގެ ޑޮކިއުމެންޓުގެ އިތުރުން އެކްސްރޭ ޑަޒަނެއް ހަމަވެއްޖެއެވެ. ބޭހުގެ އަޅަކަށްވެ އެނދުމަތިވާން ޖެހުނީއެވެ. ހަކުރު ދަށްކުރާބޭހާއި، ލޭ ދިޔާކުރާބޭހާއި، ބަރުދަން ލުއިކުރާބޭހާއި، ނޭވާލާން އުނދަގޫވާތީ ކާބޭހާއި، ހިންދިރުވަން އުނދަގޫވާތީކާބޭހާއި، ވަޔަށްކާބޭހާއި، ތަންތަނަށް ތަދުވާތީކާބޭހާއި، އުނގުޅާބޭހާއި، ދެހަންދޭތެރެ ހިރުވާތީ ކާބޭހާއި، ހަމުގެބަލިތަކުގެ ބޭހާއި އަދި ގޮށްލާތީކާބޭސް ފުޅިފުޅިޔަށް އަޅައި ނަންޖަހަން ޖެހުނީއެވެ. ބޭސްކާފަހަރަކު ލާހިކަޓޫރައެއްގެ ބޭސް އެއްފަހަރާ ކާންޖެހެއެވެ. އަދި ކީންހެއްޔެވެ. ބޭސްކައިގެން އުފެދޭ އެލާޖީތަކަށާއި، އިންފެކްޝަނަށް ވެސް ބޭސްކާން ޖެހުނީއެވެ. ދިރިއުޅުމުގެ ފަސޭހަ، ދިރިހުރުމާ މަރާ ދެމެދުގެ ހަނގުރާމަޔަކަށް ބަދަލުވީއެވެ. އަދި ޢުމުރުން ތިރީސް އަދި ނުވެއެވެ. މިއީ އަމިއްލަ ދިރިއުޅުން ފަސޭހަކޮށްލުގެ ނަތީޖާ ނަގުލުވީ ގޮތެވެ.
ގެއިން ބޭރަށް ޖެހިލަމާ ހިނގާށެވެ. އަސްތަޣުފިރުﷲއެވެ! އަޑުފައްގަނޑު ގަދައެވެ. ދުމާއި، ކެމިކަލް އެއްވަސްވެ މަގުތައް އޮތީ ހަލަބޮލި ވެފައެވެ. އެކަކަށް ވުރެ އަނެކަކު އަވަހަށްދާން އަޅައި ބަރުގޮނުގެ އަޑު ގޭގަނިދާފަތިބި ދަރީންގެ ސިއްސަސިއްސައިގެން ދިއުމުގެ ނާނާޔަކަށް ވަނީ ވެފައެވެ. މަގުތަކުގެ ޙުރުމަތެއް، އިސްކަމެއް، ފަސްކަމެއް ނެތެވެ. އެކަކު އަނެކަކަށް އިޙުތިރާމެއް، ހިނިތުންވެލުމެއް އަމުދުން ނުފެނެއެވެ. ފެންނަނީ ވަގުތު ނެތިގެން އުޅޭތަނެވެ. ގަހެއްގެ ހިޔަލެއް، ވައިރޯޅިއެއް ވަންނާނޭ ވަކިދިމާއެއްވެސް ނެތެވެ. އުޑާ ޖެހެންދެން އޮތީ ކޮންކްރީޓްގެ ފާރުތަކުން ވަށައިގެން ބައްދާފައެވެ. މަގުމައްޗަށް ބަލައިލީމާ ފެންނަނީ ދެ ޢިމާރާތުގެ ބެލްކަނިތައް ޖެހިފައިވާ ތަނެވެ. މަތިވެސް އޮތީ ބައްދާފައެވެ. އެއްބެލްކަނިން އަނެއް ބެލްކަންޏަށް އަތުންއަތަށް ސިޓީބިޓީ ބަދަލުކުރެވޭ ވަރަށެވެ. ސަހަރޯއެވެ! ދުނިޔޭގެ ދެކޮޅު ފެންނަނީ ބާވައެވެ!
އަތިރިޔަށް ޖެހިލާނަމެވެ. ޖެހޭ ސާފު ވައިރޯޅިއެއް ލިބޭނޭހިތާއެވެ. ދޮންވެލިމަތީ އިނދެލާވެސް ހިތްވާތީއެވެ. ސުބުޙާނަﷲއެވެ. މި އާދެވުނީ އެހެން ޤައުމަކަށެވެ. ފަރުބަދަމަތީ ޤައުމެކެވެ. ގަހެއް، ރުކެއް، ހޭޅިއެއް، ދޮންވެލިކޮޅެއް ވާތީއެއް ނުފެނެއެވެ. ކަނޑެއް، އުދަރެހެއް، އައްސޭރިއެއް އަމުދުން ނުފެނެއެވެ. ބޭރުގެ ފަރުބަދަމަތީ ޤައުމަކާ މާބޮޑު ތަފާތެއް ނެތެވެ. ކަނޑާއި، އުދަރެސް ނުފެންނަ ވަރަށް ވަށައިގެން ވަނީ ހިލައިގެ ފަރުބަދަތަކުގެ އެތިގަނޑުގަނޑެވެ. ހައިކޮށްލި ދިމާއެއްވެސް ނެތެވެ. ކޮންތާކުން، ކީއްކުރަން ގެނެސް ގެންގުޅޭ ހިލަތަކެއްބާވައޭ ހިތަށްއެރިއެވެ. ސަހަރޯއެވެ! ތިޔަ ހީކުރީ ހަމަރަނގަޅަށެވެ. ދިރިއުޅުމުގެ ފަސޭހަޔަށް ދަތުރުފަތުރުގެ އަރައި ފޭބުމުގެ ފަސޭހަޔަށް ހިލައިން ފާލަންތައް އެޅީއެވެ. ގިރިއެއް، ފަރެއް ފަޅެއް، ނޮޅެއް ވެސް ނެތި ކޮނެ، ޤުދުރަތީ ނިޒާމުގެ ތަބީޢީ އުފެދުން ރަށްތަކުގެ ކިބައިން ނައްތާލެވުނީއެވެ. ދެނަކާ ދެނެއްނެތެވެ. ގިރަނީއެވެ. ވޮޑެނީއެވެ. ލޮނުގަނޑު އުސްވަނީއެވެ. އުދައަރަނީއެވެ. ރާޅު ބޮޑުވަނީއެވެ. ހޭޅި ގިރާލަނީއެވެ. ފެންބޮޑުވަނީއެވެ. ހޫނުގަދަވަނީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ނިދާހޭލެވޭ އިރު އެނދާއެކު ގިރާލައިގެން ނުގެންދާނެކަމުގެ އެއްވެސް ޔަޤީންކަމެއް މިއަދަކު ނެތެވެ. އަޅެ ދިރިއުޅުން ފަސޭހައެއް ނުވޭހެއްޔެވެ.
މަސް ނިމިއްޖެއެވެ. ދިމަދިމާލުން އަންނަން ހުރި ބިލްތަކާ ފިހާރައިގެ އެކައުންޓްގެ ގަނޑު އަދާހަމަކޮށްފިއެވެ. ބިލްތައްދަށްކާ ފިހާރައިގެ ލޭންދޭނު އަދާކުރަން ފައިސާ ހޯދަންޖެހުނީ ދަރަންޏަށެވެ. ދަރަނި ދަށްކަން ދަރަނި ނެގީއެވެ. އިނގޭތޯއެވެ. މިއީ ދެމަފިރިން ވަޒީފާ އަދާކުރާތީ ވާވަރެވެ. އަދި ލޯނުދައްކަން ބައެއް ފަހަރު ހަށިވެސް ވިއްކާލަންޖެހޭ ފަހަރު އާދެއެވެ.