ދަނޑުވެރި ކެލާގެ ދަނޑުތަކަށް އިތުރު ދިރުމެއް

މިހާރު ހިނގަމުންދާ ކެލާ ކައުންސިލުގެ ފަރާތުން މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 5000 އަކަފޫޓުގެ ދަނޑު ބިމެއް ދިނުމަކީ ދަނޑުވެރި ކެލާގެ ދަނޑުވެރިކަމަށް އިތުރު ދިރުމެއް ގެނައި ކަމެއްކަން ކެލާގެ ދަނޑު ބިންތަކުން މިއަދު ވަރަށް ސާފުކޮށް ފެނެއެވެ.
ބައެއް ރައްޔިތުންގެ ނުރުހުމާއެކު ވެރިކަންކުރާ ޕާޓީގެ ސަތޭކަ އިންސައްތަ އޮތް ކައުންސިލުން އަންޒަމާނުންސުރެ ހަމައެއްލަމައެއް ނެތި އޮތް ކެލާގެ ދަނޑު ބިން ހަމަހަމަ ފުރުޞަތު ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެހެން ތަރުތީބުކުރި ކުރުމަކީ ކެލާގެ ދަނޑުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނުވި ކަމެކެވެ.

މި ކަން ކެލާގެ ދަނޑު ބިންތަކުން މިއަދު ފެންނަކަން އެއީ ސާފު ޙަޤީޤަތެވެ.
ދެ އިރު ދެ ދަޅައަށް ދަނޑަށްދާ މީހުން ހަމައެކަނި އިތުރުވީއެއް ނޫނެވެ. އުފެއްދުންތައް ބޮޑުތަނުން އިތުރުވެ ދަނޑުބިންތައް ވެސް ނަލަ ސަރަޙައްދަކަށް ބަދަލުވެއްޖެއެވެ. ބަލައިލަން ޒިޔާރަތްކުރާ ބަޔަކަށް ދަނޑުބިންތައް ބަލައިލަން ވެސް ފަސޭހަވެއްޖެއެވެ. ދަނޑުވެރިންނަށް ލިބޭ އާމްދަނީ ވެސް ބޮޑުތަނުން އިތުރުވެއްޖެއެވެ.
“މި އަހަރު ޖެހި ކައްޓަލަ ކުރިގަނޑަށް ވިއްސަކަށް ހާސް ރުފިޔާ ލިބުނު” މަޢުލޫމާތު ދެމުން ދަނޑުވެރިއަކު ބުނުއްވިއެވެ.

ކެލާގެ ދަނޑުބިމުން މިއަދުވެސް ޖުމްހޫރީ މޭވާއާއި، ފަޅޮލާއި، ރަންގު ކައްޓަލައާއި، ދަނޑިއަލުވި ކައްޓަލައާއި، ބަރޮބޮލާއި، ތޮޅިމިރުހާއި، ގިތެޔޮމިރުހާއި، ތޮރާއާއި، ކިޔުކަންބާއާއި، ކޮޕީ ފަތާއި، އޮލުއަލައާއި، ދޮންކެޔޮ އަދި ކަރާ ފަދަ އެތައް ބާވަތެއް ލިބެން އެބަހުއްޓެވެ.
ޙައްލު ނުވެ އޮތީ ދަނޑުވެރިން އެންމެ ބޭނުންވާ ކަންތަކެވެ. އުފައްދާ ބާވަތްތަކަށް ރަނގަޅު މާކެޓެއް ނުލިބި އޮތް މައްސަލައެވެ. މާލެއާ 190 ވަރަކަށް މޭލު ދުރުގައި ކެލާ އޮތުމުން ތޮއްޑޫއާއި، ކާށިދޫ މީހުން ހޯދާ ނަފާ ކެލާގެ ދަނޑުވެރިންނަށް ލިބެން ނެތް މައްސަލައެވެ.

ހަމައެފަދައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ދަނޑުބިންތަކަށް ކައިރި ތާރީޚެއްގާ ކަރަންޓުލެވިގެން ދިޔުމަކީ ކެލާގެ ދަނޑުވެރިން ދެކޭ ހުވަފެނެކެވެ.




