ކެލާގެ ދެ މިސްކިތުގައި ވެސް އިއްޔެ ހުކުރުކުރެއްވީ ޒުވާން ޚަޠީބުން

2026 ސެޕްޓެންބަރު 4 ވަނަ ދު ވަހު އިއްޔެ ކެލާގެ ދެ މިސްކިތް ކަމުގައިވާ މަސްޖިދުލް އަންޞާރާއި، މަސްޖިދުލް ޣުފްރާނުގައި އިމާމުވެ ހުކުރުކުރެއްވީ ޒުވާން ޚަޠީބުންނެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުގެ 5 ވަނަ ބުރު ނިންމާ، ހުސްވި އޯގަސްޓު މަހު ސަނަދު ޙާޞިލްކުރި ޒުވާން ޚަޠީބު އިބްރާހީމް މަލީކު ހުކުރުކުރެއްވީ މަސްޖިދުލް ޣުފްރާނުގައެވެ. މުޙައްމަދު އަޝްޖަޢު އަޤްލަފް ހުކުރުކުރެއްވީ މަސްޖިދުލް އަންޞާރުގައެވެ.


ޒުވާން ޚަޠީބުން ހުކުރުކުރެއްވުމަކީ މީގެ 900 އެއްހާ އަހަރު ކުރީންފެށިގެން ހިނގަމުން އަންނަ އިސްލާމީ ދިވެހި ޙަޟާރަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ޚާއްޞަ ގޮތެއްގައި ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއްގެ ތެރޭން ޚަޠީބުން އުފެދުމަކީ މުޅި އިސްލާމީ ދިވެހި އުންމަތަށް ވެސް ލިބުނު ރޯޝަން ކަމެކެވެ. ކެލައަށް ވެސް އިއްޔެއަކީ ތާރީޚީ ދުވަހެކެވެ.
ޒުވާން ޚަޠީބުން އުފެއްދުމަކީ ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ ވަރަށް މުހިންމު މަސައްކަތެކެވެ. ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގުރާމުގެ ތެރޭން 700 ޚަޠީބުން ތަމްރީންކުރެވިއްޖެ ކަމުގައި އިސްލާމިކް މިނިސްޓްރީން ދާދި ފަހުން ހާމަކުރައްވާފައި ވެއެވެ.




