މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ފެހިސިގުނަލެއް

މޫޑީސްއިން ރޭޓިން މަތިކުރުމަކީ މި ސަރުކާރުގެ އިޤުޞާދީ ސިޔާސަތު ހަރުދަނާކަމުގެ ފެހި ސިގުނަލެކެވެ. ރާއްޖޭގެ ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ރަނުންރަނަށް ފުއްދަވައިދެއްވާނެ ކަމުގެ އިތުބާރު ބޮޑުވި ކަމެއް ވެސް މެއެވެ.
މޫޑީސް އިންވެސްޓާސް ސާވިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ، މި ސަރުކާރުން އެކަށައަޅައި ތަންފީޒުކުރަމުންދާ އިޤްތިޞާދީ ސިޔާސަތުތަކުގެ ހަރުދަނާކަން ސާބިތުކޮށްދޭކަމެއްކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ. މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މި ފަހަރު ބަދަލުކުރެއްވީ “ސީއޭއޭ 2” އިން “ސީއޭއޭ 1” އަށެވެ.
ފިނޭންސް މިނިސްޓަރ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ކުރިއެރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މާލީ ހަމަޖެހުން ގާއިމުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުން ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ.
އެކްސްގައި މިނިސްޓަރ ކުރެއްވެވި މެސެޖުގައި، ދުނިޔޭގެ މާލީ ބާޒާރަށް ގޮންޖެހުންތަކާއި ނުތަނަވަސްކަން ކުރިމަތިވެފައިވާ މި ފަދަ ދަނޑިވަޅެއްގައި ވެސް، ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.
މޫޑީސްއިން ނިންމި މި ނިންމުގެ ސަބަބުން، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމާއި، ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ދަށަށްދާކަން ޔަޤީންކޮށްދެއެވެ.




