ޤައުމީ ފުޓްސަލް ސްކޮޑަށް ޢަބްދުﷲ ޒިމާމް

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފިކޭޝަނަށް އެކުލަވާލި، ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ގޯލުކީޕަރަކަށް މި ރަށު (ހއ. ކެލާ) ނިރު، ޢަބްދުﷲ ޒިމާމް ހިމަނުއްވައިފިއެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އެޗްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިޔަންމާގައެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް އެޗްގައި ރާއްޖެއާއެކު ހިމެނެނީ މިޔަންމާއާއި، އަފްޤާނިސްތާނެވެ.
ރާއްޖެ ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ މި މަހުގެ 20 ވަނަ ދުވަހު، އަފްޤާނިސްތާނާއެކުގައެވެ. ދެ ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު، މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ މިޔަންމާއާއެކުގައެވެ.
ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އެންމެ ފަހުން ވާދަކޮށްފައި ވަނީ 2023 ވަނަ އަހަރުގައެވެ. އީރާނާއި، ލުބުނާން އަދި ކިރުގިސްތާނާއެކު 2023 ގައި ކުޅުނު ކޮލިފިކޭޝަންގެ އެއްވެސް މެޗަކުން އެ އަހަރު ރާއްޖެ މޮޅުވެފައި ނުވެއެވެ.
މި އަހަރުގެ ޤައުމީ ފުޓްސަލް ޓީމުގެ ކޯޗަކީ އަޙްމަދު ނިޔާޒު (ނިޔާ)އެވެ. ޓީމުގެ މެނޭޖަރަކީ މުޙައްމަދު ޢުމައިރެވެ. 2026 ވަނަ އަހަރު އިންޑަނޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައި ފުޓްސަލް އޭޝިއަން ކަޕަށް ޖާގަ ޔަޤީންކަމާއެކު ލިބެނީ ގުރޫޕްގެ 1 ވަނަ ޓީމަށެވެ. ދެ ވަނައަށް ދާ 8 ޓީމުގެ ތެރެއިން ނަތީޖާ ރަނގަޅު 7 ޓީމަށް ވެސް އޭޝިއަން ކަޕްގެ ފުރުޞަތު ލިބެއެވެ.