މީހުން

ކެލާގެ ދެ ވަނަ ޕީއެޗްޑީ، ފަތުރުވެރިކަމުގެ ދާއިރާގެ މި ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ

ކެލާގެ  ދެ ވަނަ ޕީއެޗްޑީ އަދި ފަތުވެރިކަމުގެ ދާއިރާގެ މި ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ، ހއ. ކެލާ ޓޫސަންސް، ޢަބްދުﷲ މައުޞޫމަކީ ކެލާ ޓޫސަންސް އަލްފާޟިލް މުޙައްމަދު ރަޝީދު (ސީދީ ބޭ) އަށާއި، ހއ. ކެލާ ހަވާ، ޙައްވާ މަނިކެއަށް ލިބިލެއްވި 5 ބޭފުޅުންގެ ތެރެއިން ދެ ވަނަ ބޭފުޅެވެ. ޑޮކްޓަރ ޢަބްދުﷲ މައުޞޫމަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ.

ޑޮކްޓަރ މައުޞޫމްގެ ޢިލްމީ ޙަޔާތް ފެއްޓެވީ ކެލާ ޝައިޚް އިބްރާހީމް ސުކޫލުންނެވެ. ސާނަވީ ތަޢުލީމް ފުރިހަމަ ކުރެއްވީ އީޕީއެސްއެސްއިންނެވެ. ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ހެއްދެވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އަލްސްޓަރއިންނެވެ. ފަތުރުވެރިކަމުގެ ދާއިރާއިން، ޑޮކްޓަރ އޮފް ފިލޯސަފީ  ނުވަތަ ޕީއެޗްޑީ، ޑޮކްޓަރ ޢަބުދުﷲ މައުޞޫމް ވަނީ ހައްދަވައިފައެވެ. ޕީއެޗްޑީ ހައްދަވައިފައި ވަނީ ސަސްޓެއިނަބަލް ޓުއަރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސި ވިލާތުގެ ބާރމިންގހާރމް ޔުނިވަރސިޓީންނެވެ.

ޑޮކްޓަރ ޢަބްދުﷲ މައުޞޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ފުރުއްވާފައެވެ. އަދި، ޢަބްދުﷲ މަޢުޞޫމް ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން ސަންއައިލެންޑް ރިސޯޓްގެ ޖެނަރަލް މެނޭޖަރކަމާއި، ދިވެހިޖުމްހޫރިއްޔާގެ 7 ވަނަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، 2020 އޯގަސްޓް 6 އިން ފެށިގެން 2023 ނޮވެންބަރު 16 އާއި ހަމައަށް،  ޓޫރިޒަމް މިނިސްޓަރުގެ މަޤާމު ވެސް ޑރ. ޢަބްދުﷲ މައުޞޫމް ވަނީ އަދާކުރައްވާފައެވެ.

ރާއްޖޭގައި ހޮޓެލް ސުކޫލް ފެށުމަށް އެންމެ ފުރަތަމަ ރާއްޖޭން ބޭރުން ތަމްރީނުކުރެއްވި ލެކްޗަރާއިންގެ ތެރޭގައި ވެސް ޑޮކްޓަރ މައުޞޫމް ހިމެނިލެއްވިއެވެ. ހޮޓެލް ސުކޫލުގެ ފުރަތަމަ ބެޗަށް ކިޔަވައިދެއްވުމުގެ ޝަރަފު މައުޞޫމަށްް ލިބިލައްވައިފައި ނުވިއަސް 1989 ގައި ފެށި ހޮޓެލް ސުކޫލްގެ ދެ ވަނަ ބެޗްގައި މައުޞޫމް ވަނީ “ފްރަންޓް އޮފީސް” ކިޔަވައި ދެއްވައިފައެވެ. މީގެ އިތުރުން ޑރ. ޢަބުދުﷲ މައުޞޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ގުޅޭ ލެކްޗަރތައް ދުނިޔޭގެ އެކިއެކި ޔުނިވަސިޓީތަކުގައި ދެއްވައިފައެވެ. އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ސަރޭގައި ދިވެހި ފަތުރުވެރިކަން ސުނާމީއަށް ފަހު ބަދަލުވެ، ކުރިއަރަމުން އައިގޮތާ ބެހޭ ގޮތުން 2005 ގައި، ދެއްވި ތަޤްރީރު ވަކިން ފާހަގަކޮށްލެވެއެވެ.

ޑޮކްޓަރ ޢަބްދުﷲ މައުޞޫމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅެއް ނޫނެވެ. ކުޅިވަރުގެ ދާއިރާއާއި، ކޭޓަރިންގ ދާއިރާގައި ވެސް މައުޞޫމަކީ ފަނޑު ނަމެއް ނޫނެވެ. އެތައް މެޑެއްޔެއް ސުއިމިންގއިން މައުޞޫމް ވަނީ ހޯއްދަވައިފައެވެ. ޖަޕާނުގެ ޕްރޮފެޝަނަލް ސުއިމިންގ ކޯޗުގެ އަރިހުން ރާއްޖޭގައި ސުއިމިންގ ޓްރޭނިންގ ހެއްދެވުމަށް ފަހު މައުޞޫމް ވަނީ 1983 އަދި 1984 ގައި ސުއިމިންގއިން ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ކާމިޔާބުތަކެއް ޙާޞިލްކުރައްވައިފައެވެ.  1980 އަދި 1990 ގެ އަހަރުތަކުގައި ކޭޓަރިންގ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދިން މަޝްހޫރު “ޗިއާޒް” އަކީ ވެސް މައުޞޫމުގެ ބޭބެ ކެލާ ނިޒާމާއެކު މައުޞޫމްގެ ބައިވެރިވުން ވެސް އޮއެ މަޝްހޫރުވި ބްރޭންޑެކެވެ.

ޑޮކްޓަރ ޢަބްދުﷲ މައުޞޫމްގެ ބައްޕާފުޅު މަރުޙޫމު ސީދީބެއަކީ އެތައް ރޮނގަކުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަޢުލީމަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައި ވެއެވެ. ޤާނޫނީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރެއްވި އެ ދާއިރާގެ އިސް މެޖިސްޓްރޭޓެކެވެ. ޤާބިލް އެތައް ޚިދުމަތްތެރިއެއް މި ޤައުމަށް ނެރެދެއްވި މުދައްރިސެކެވެ. ވަަށައިޖެހޭ ތަޢުލީމް މި ރާއްޖޭގައި ހިންގެވި ނަމޫނާ ޕްރިންސިޕަލެކެވެ. ވާހަކަދެއްކުމުގެ ފަންނުގައި އެ ފަދަ ދެ ވަނައެއް ނެތް ލާސީލު މުޤައްރިރެކެވެ. ޝާޢިރުންގެ ލިސްޓުން ޖާގަދޭން ޖެހޭ އުފެއްދުންތެރި ޅެންވެރިއެކެވެ. ދިވެހިބޭހާ، ޑޮކްޓަރީބޭސް ވެސް ކުރެއްވި މޮޅު ހަކީމެކެވެ.   އިޖްތިމާޢީ ރޮނގުން ވެސް ސީދީބެއަށް ދޭންޖެހެނީ އެ ލިސްޓްގެ އެންމެ ކުރިއެވެ. ކުރުކޮށް ދަންނަވައި ނަމަ ސީދީބެއަކީ ފަސްމީރުކުރިރުކެކެވެ.  

ސީދީބޭގެ ޑޮކްޓަރ ޢަބްދުﷲ މައުޞޫމަކީ ވެސް ހިތް ހެޔޮ މަޑުމައިތިރި އަދި ސަކަ މިޒާޖުގެ ބޭފުޅެކެވެ. އަނެކުންނާ މެދު އަބަދުވެސް ގާތްކަން ބާއްވަވައި އަޚެކެވެ. ޚާއްޞަކޮށް ދުރުމީހުންނާ ވެސް ވަރަށް ގާތްކޮށް ވާހަކަދައްކަވައި މިތުރެކެވެ. ތަފާތު މުނާސަބަތުތަކާ ގުޅިގެން ތަހުނިޔާގެ މެސެޖުތައް ރަށްޓެހިންނަށް އާންމުކޮށް ފޮނުއްވާ ބޭފުޅެކެވެ. ސާދާ ދިރިއުޅުއްވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. ރަށްފުށުގެ ދިރިއުޅުމާއި، މާލޭގެ ދިރިއުޅުއް އެންމެ ކުޑައިރުން ސުރެ ތަޖުރިބާކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހިޖުމްހީރިއްޔާގެ ދެ ޒަޢާމަތެއްގައި ޤައުމުގެ މަތިފަޑީގައި ވަޒީރުކަން ކުރެއްވި އިރު ވެސް މައުޞޫމް ފާހަގަ ކުރެވިފައި ވަނީ ދެ ގޮތެއް ނުވެ ހުންނެވި ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައެވެ.

ޕްރޮފެޝަނަލް ކެރިއަރއެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއަކީ، އުނގެނޭ ހިތުން މީހުން އުނގެނޭ ދާއިރާއަކަށް ހެއްދެވުމުމަށް، ޝައުޤުވެރިކަން އުފެއްދުމަށް ޓަކައި، ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުނު ކަމަށް ޑޮކްޓަރ ޢަބްދުﷲ މައުޞޫމް ޤަބޫލުފުޅުކުރައްވައެވެ.

ތެދެކެވެ. ޑޮކްޓަރ ޢަބްދުﷲ މައުޞޫމަކީ ފަތުވެރިކަމުގެ ދާއިރާގައި ފަނޑުވުމެއް ނެތް އެ ދާއިރާގެ މޭސްތިރިއެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މި ރާއްޖޭގައި ޑޮކްޓަރ އޮފް ފިލޯސަފީ ފުރިހަމަކުރެއްވެވި ފުރަތަމަ ބޭފުޅެވެ. އެ ދާއިރާއިން މީހުން ބިނާކުރެއްވުމަށް ކާމިޔާބު މަސައްކަތްތަކެއް މި ރާއްޖޭގައި ކުރެއްވެވި ނަމޫނާ ލެކްޗަރއެކެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުކަން ދެ ދައުރެއްގައި އަދާކުރެއްވިއެވެ. ޑޮކްޓަރ ޢަބްދުﷲ މައުޞޫމަށް މިއަދަށް ވުރެ އުފާ ފާގަތި މާދަމާއެއް މިންވަރުކޮށްދެއްވާށިއެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button