ތާރީޚު

ދިވެހިރާއްޖެ: ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި

ދެވަނަ ބޮޑުހަނގުރާމައިގެ ދިރިހުރި ހަނދާންތައް، ބޮޑުތިލަދުންމަތީ ކެލައިން

ޑރ. އަހުމަދު ޒަކީ ނާފިޒު

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި، އިއްތިހާދީންނަށް އެހީތެރިވެދިނުމުގެ ގޮތުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ސަރަހައްދުގެ ޙިމާޔަތާއި ގައުމުގެ ދިފާއުގައި ދިވެހިރާއްޖެއިން ވަނީ، އިނގިރޭސި ދައުލަތާއެކު މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ތިލަދުންމަތީ އުތުރުބުރި ކެލަޔަކީ، ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސި ސިފައިން މަރުކަޒުކޮށްގެން ތިބި ރަށެކެވެ. ކެލާގެ އޭރުގެ ވާހަކަތަކަކީ، ތިލަދުންމަތީ މީހުން، ވަރަށް ފަރިތަކަމާ އެކު މިހާރު ވެސް ކިޔައިދޭ ވާހަކަތަކެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ވާހަކަތަކުގެ ތެރެއިން މި ފަހަރު އަޅުގަނޑު ބަލައިލާފައި މި ވަނީ ތިލަދުންމަތީ އުތުރުބުރި ކެލަޔަށެވެ. މަގުސަދަކީ، ކެލައިތުނޑީގައި އިނގިރޭސި ސިފައިން ބޭނުންކުރި ތަންތަނުގެ މިއަދުގެ ހާލަތް، އަޅުގަނޑަށް އެނގުނު ވަރަކުން، ބަޔާންކޮށްލުމެވެ.

ބޯޓުގަނޑު   

އަޅުގަނޑުގެ ކަޅި އެންމެ ފުރަތަމައަށް ހުއްޓެނީ، ކެލައިތުނޑީ ގޮނޑުދޮށުގައި ވަޅުލެވިފައި އޮތް އިނގިރޭސި ސިފައިން ބޭނުންކުރި ބޯޓުގަނޑަކަށެވެ. މިއަދު، ފެންނަން އޮތީ ބޯޓުގަނޑުގެ ދަބަރަށްވެފައިވާ ފުރޭމު ގަނޑުގެ ބައެކެވެ. ހިކި ދިޔައިގައި، މިހާރު ފެންނަން އޮތް ފުރޭމުގެ ބޮޑުބައި ވެލިގަނޑުގައި ފެންނަން އޮތަސް، ބޮޑު ދިޔައިގައި އޮންނަނީ ގޮނޑުދޮށަށް ޖަހާ ރާޅުތަކުގެ ތެރޭގައެވެ. މި ބޯޓުގަނޑުގެ ސައިޒަށް ބަލައިލުމުން އެއީ އެކަމަށް އެކަށީގެންވާ ބޯޓެއްކަން އެނގެއެވެ. ކެލައިތުނޑީގައި އިނގިރޭސި ސިފައިން މި ބޯޓު ބޭނުންކުރީ، މަތިންދާބޯޓުތަކަށް ބޭނުންވާ ތެލާއި އެހެނިހެން ތަކެއްޗާއި މީހުން ބޯޓަށް ގެންދިއުމާއި ބޯޓުން ގެންނަ ތަކެއްޗާއި އަންނަ މީހުން އެއްގަމަށް ބޭލުމަށެވެ. ބޯޓުގެ ރަންޒަމާނުގައި ހިމާޔަތްނުކުރެވުނު މި އުޅަނދު، އޭގެ 81 އަހަރުފަހުން މިއަދު އެ ވަނީ ފީ ދަބަރަށްވެ، ވަޅުލެވިފައި އޮތް އޮނިގަނޑަކަށް ވެފައެވެ.

ޕަންޕުވަޅު

ދެވަނަ ބޮޑު ހަނގުރާމައިގެ ހަނދާންތަކުގެ ތެރެއިން، މިއަދު ފެންނަން ހުރި އަނެއް އާސާރަކީ، އިނގިރޭސި ސިފައިންގެ ބޭނުމަށް ފެންނެގި ވަޅެވެ. މަދިރިފަނިން ސަލާމަތްކުރަން މިއަދު ތެލާޕިއާ ލާފައިވާ މި ވަޅުން ފެން ނެގީ ޕަންޕުޖަހައިގެންނެވެ. އެހެންކަމުން، ވަޅުގެ ނަމަކީ އަދިވެސް “ޕަންޕު”ވަޅެވެ. މި ވަޅު ބަހައްޓައި ބޭނުންކުރަން ފެށުމާ ހަމައަށް ސިފައިންނަށް ބޭނުންވި ހުރިހާ ފެނެއް ގެނެސްފައިވަނީ ސިލޯނުންކަމުގައި އެ ރަށުގެ ބައެއް އިސް ރަށްވެހީން ބުނެއެވެ. މި ވަޅުގައި ތިލަވަތްގަލެއް ނެތެވެ. ވަޅު ބަހައްޓާފައިވަނީ މައްޗަށް ފުޅާކޮށް އަޑިއަށް ހިމަކޮށެވެ. ތިލަވަތްގަލެއް ނެތި، ވަޅުގެ އަޑީގައި ގުންޑޮޅި ހެދިފައި އޮތަސް، މަތި ފުޅާކޮށް ހުރުމުން، ވަޅު ހުރީ ފަސްގަނޑުގައި ވަރަށް ރަނގަޅަށް ހިފެހެއްޓިފައެވެ. މިގޮތަށް ފަރުމާކުރުމުން، ބިމަށް އަތުވެދާނޭ ލޮޅުމަކުން ވަޅު އަޑިއަށް ގަނބައިގެން ދިއުމުގެ ފުރުސަތުކުޑަކަމަށް ކެލާ މީހުން ބުނެއެވެ. މިއީ އެ ޒަމާނުގައި ދިވެހިން ތިލަވަތްގައު ނުއަޅާ ވަޅު ބަހައްޓާ ގޮތެއްކަމުގައި ވެއެވެ.

ޕަންޕުވަޅުގެ ވަށައިގެން ގަސްތައް ހެދި، މުޅި ހިސާބުވަނީ ވަރަށް ބޮޑަށް ވައުވެފައެވެ. ގަސްތަކުގެ މުލުން ވަޅަށް އަސަރުކޮށްފައިވެއެވެ. ވަޅުގެ މަތީބައިގެ ފާރުގައި ދިގު ފުން ރެނދުތަކެއް ލައި، ރެނދުތައް ބޮޑުވަމުންދާތީ، ފަރުވާއެއް ނުދެވިއްޖެނަމަ އެއީ، ވަޅުގެ މަތީބައިގެ ނިމުމުގެ ސިއްކައަކަށް ވެދާނެއެވެ. ކެލާގައި އިނގިރޭސި ސިފައިން އުޅުނީ 1943 ގެ ތެރޭގައި ކަމުން، މިއީ، މިހާރު 81 އަހަރުވެފައިވާ މުސްކުޅި ވަޅެކެވެ. މި ފެށޭ 2025 ވަނަ އަހަރުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެވަނަ ބޮޑުހަނގުރާމަ ނިމުނުތާ 85 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރާ އިރު، ރާއްޖޭގެ އުތުރުގައި ހުރި ދެވަނަ ބޮޑުހަނގުރާމައިގެ އެންމެ މުހިއްމު އެއް އާސާރަކީ، ދޭހާ އަތްވަކަށާއި ވެހޭހާ ވާރެއަކަށް، ދިމާއަށް ހާމައަށް ވަލުތެރޭގައި ހުރި، މި ހަމަހިމޭން އެކަނިވެރި ޕަންޕުވަޅެވެ. މިއަދު، މި ވަޅުގެ ވަށައިގެން އޮތް ވައު ތުނިކޮށް، ބޮޑެތި ގަސްތައް ކަނޑައި ވަޅު ހިޔާނުކުރެވި ދޫކޮށްލެވިއްޖެ ނަމަ، މި ވަޅަށް 100 އަހަރު ވުމުގެ ކުރިން ވަޅު ވީރާނާވެދިއުމަކީ ހަގީގަތަކަށް ވެދާނެވެ.

“ޕަންޕު”ވަޅުގެ އިތުރު ވަޅެއް ވެސް އެ ސަރަހައްދުގައި ހުރިކަމަށް ބުނެއެވެ. މި ވަޅު، މިއަދު ފެންނަން ނެތަސް، ވަޅަކީ، ކެލައިތުނޑީގައި މަސައްކަތްކުރަން އުޅުނު ދިވެހިން ބޭނުންކުރި ވަޅެވެ. ވަޅު ހުރިތަން ކެލާ މީހުންނަށް މިހާރު ވެސް އެނގެއެވެ.

ބަޑިގުދަން

ކެލައިތުނޑީގައި، ‘ޕަންޕު’ވަޅު ނަގާފައި، ދެން އެންމެ ރަނގަޅަށް ފެންނަން ހުރި ތަނަކީ “ބަޑި ގުދަނެވެ”. މި ތަނަކީ، އިނގިރޭސިން، ކޮންމެވެސް ވަރަކަށް ލުއި ހަތިޔާރު ރައްކައުކޮށްފައި ހުރި ތަނެއްކަމަށާއި ފިސްތޯލަ، ރައިފަލް، އުންޑަ، ކޮންމެވެސް ވަރަކަށް އެ ތަނުގައި ގެންގުޅުނު ކަމަށް ކެލާގެ އިސް ރަށްވެހީން ބުނެއެވެ. ބަޑި ގުދަނުގެ މައިދޮރު ހުރީ އިމާރާތުގެ ކޮޅުގައެވެ. މައިދޮރު ހުރި ފާރުގެ ބޭރުގައި ކުޑަ ތަންކޮޅެއް ސިމެންތިން އޮމާންކޮށްފައި އެ ތަނުގައި ކޮންމެވެސް ތާރީޚެއް ޖަހާފައި (މިހާރު ބައެއް އަކުރު  ފޮހެވިފައި) ވެއެވެ. ބަޑި ގުދަނުގެ ހުރިހާ ފާރެއްގެ ވެސް، ރޭނުންގަނޑު، ފުދޭވަރަކަށް އުސްކޮށް، ގާތްގަނޑަކަށް ހަމަޔަށް ފެންނަން އެބަ ހުއްޓެވެ. ކުޑަދޮރު ހުރި ތަންތަން ވެސް ރީއްޗަށް އެބަ ހުއްޓެވެ. ގުދަނުގެ ތަޅުންގަނޑު ކޮންމެވެސް ވަރަކަށް ފެންނަން އެބަ އޮތެވެ. ތަޅުންގަނޑުގައި ގަސްފަޅާފައިވުމާއި ގުދަނުގެ ފާރުގެ އެތެރެ ބިތުގައި ވެސް ވަރަށް ވަރުގަދައަށް ހެދެމުންދާ ގަސް ހުރުމުން، އެ ގުދަނުގެ ބައެއް ފާރުތައް ސަލާމަތުން ހުރުމުގެ ފުރުސަތު ދަނީ ހަނިވަމުންނެވެ. މިހާރުވެސް، ބަޑި ގުދަނުގެ އެއް ފަރާތުގެ ފާރުން ކޮންމެވެސް ވަރަކަށް ގައު ނެއްޓި، ހަލާކުވާން ފަށާފައިވާކަން ފާހަގަކުރެވެއެވެ. ތަނުގެ ތެރޭގައި ފާރުގެ ބިތާ ވަރަށް ކައިރީގައި ހެދިފައި ހުރި ބޮޑެތި ބިޔަ ގަސްތަކުގެ ސަބަބުން، ގުދަނުގެ އެހެން ފާރެއްގައި ރެނދުލައި ހަލާކުވެ ދިއުމަކީ ވެސް ކައިރިކަމެވެ.

އެހެނިހެން ތަންތަން

ބަޑި ގުދަން ފިޔަވައި، އިނގިރޭސީން ހެދި ބައެއް އެހެނިހެން އިމާރާތްތަކުގެ ފާރުތަކުގެ ބައިތަކާއި ބައެއް ގެތައް ހުރި ތަންތަނުގެ ތަޅުން ވެސް ފެންނަން އެބަ ހުއްޓެވެ. ކެލައިތުނޑީގެ ގޮނޑުދޮށާ ހަމަޔަށް އިނގިރޭސީން ރާނާފައިވާ ޖަންކްޝަނެއްގެ އަސަރު ވެސް ފެންނަން އެބަ ހުއްޓެވެ. މި ޖަންކްޝަނަކީ އިނގިރޭސީންނަށް ކައްކާ ބަދިގެއިން ދޫކުރާ ހަޑި ފެންތައް މޫދަށް ގެންދިއުމަށް ހަދާފައިވާ ތަނެއްކަމުގައި ކެލާ މީހުން ބުނެއެވެ.

ކެލައިތުނޑީގައި އިނގިރޭސިން އެޅި އިމާރާތްތަކުން މިއަދު ފެންނަން ހުރި ތަންތަނުގައި އިމާރާތުގެ ފާރު ނޫން އެހެން ތަނެއް ފެންނާކަށް ނެތެވެ. އެއްވެސް ތަނެއް ހިޔާކުރަން ބޭނުންކުރި މަތިވަޑާންގަނޑެއް ނުވަތަ ފުރާޅެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ވިޔަސް ފެންނާކަށް ނެތެވެ. ކެލާ މީހުންގެ ކިބައިން އެނގުނީ އިމާރާތްތައް ހިޔާކުރަން، އިނގިރޭސީން ޓިނު ބޭނުންނުކުރާ ކަމެވެ. އިމާރާތް ހިޔާކުރަން ބޭނުންވާ ލަކުޑި ފުރޭމުގަނޑު ގޭގެ ދެ ކޮޅުގެ ފާރުމަތީގައި ހަރުކޮށްލުމަށް ފަހު، ފުރާޅުހަދަން ބޭނުންވާ އިތުރު ބައިތައް ހަމަ އެ ގޮތަށް އިމާރާތުގެ ފާރުގެ އެކި ހިސާބުގައި ހަރުކޮށްލަނީއެވެ. އިމާރާތްތައް ހިޔާކުރީ ރުކުފަނުންނެވެ. އިމާރާތްތައް ހުރި ސަރަހައްދުގެ ގޮނޑުދޮށުގައި، އެ ތަނަށް މުދައު ގެނައި ބޮޑެތި ރޭޝަން ފޮށިތައް، އެއް ފޮށި މައްޗަށް އަނެއް ފޮށި އަރުވައިގެން ހަދާފައި ހުރި “ފާރެއް” ހަނގުރާމައިގެ ދުވަސްވަރުގައި ހުރިކަމަށް ވެއެވެ.

ހޮނުދަގަނޑު

ކެލައިތުނޑިއަކީ، ވަރަށް ފުޅާ ބޮޑު ސަރަހައްދަކަށް ވެފައި، އެ ދުވަސްވަރު، ދިގު ރުއް ގަސްތައް ހުރުމާއެކު އިމާރާތްތަކަށް ހޮނު އެޅުމުގެ ފުރުސަތު އޮތުމުން، ހޮނުން ސަލާމަތްވުމަށް، ކެލާ ތުނޑީގެ މެދުގައި ވަރަށް ވަރުގަދަ، އުސް ތަނބެއް ޖަހާފައި ހުރިކަމަށް ވެއެވެ. އެ ތަނބުގެ ފުލުގައި ހުރީ ލޮއެވެ. މަތީބައިގައި ދަނގަނޑެވެ. ކެލައިން އިނގިރޭސިން ފޭބުމުން، އެ ތަނަށް ދިވެހީން ގޮސް، ވަގަށް ނެގި ތަކެތީގެ ތެރޭގައި، އެ ދަނގަނޑުވަނީ ގެއްލިފައެވެ. އެކަން ކުރިކަން ދެނެހުރި މީހަކު އަޅުގަނޑު ގާތުގައި ބުނީ އެ ތަނބު ނެގީ އެ ދުވަސްވަރު ބަންނަމުން ދިޔަ މަސް ދޯންޏަކަށް ބޭނުންވާ މޮހޮރު، ކަބީލާ ފަދަ ތަކެތި ހެދުމަށެވެ. އޭނާ ބުނިގޮތުގައި، އެ ދުވަސްވަރަކީ، އެފަދަ ތަކެތި ހެދުމަށް ބޭނުންވާ މައުދަނު ފަސޭހައިން ލިބެން ހުރި ދުވަސް ވަރެއް ނޫންކަމުން، ރައްޔިތުންގެ ޒަރޫރީ ބޭނުމަށް އެފަދަ ތަކެތި ބޭނުންކޮށްލީއެވެ. އިނގިރޭސީންގެ ގޭގައި އޮތް ތަޅުމުގެ ބައިތައް ވެސް ކަނޑައި ނަގައިގެން ވަޅުހެދުމަށް ކެލަޔަށް ގެންދިޔަކަމަށް ވެއެވެ.

ފަޅަށް ވެއްޓުނު މަތިންދާބޯޓު

ކެލާ ތުނޑިއާ ގުޅިފައިވާ ފަޅުތެރެއަށް އިނގިރޭސީ ސިފައިން ދޫކޮށް ދިޔަ އެންމެ އަގުހުރި އެއް “ތަރިކަ” އަކީ އެ ފަޅަށް ވެއްޓުނު މަތިންދާބޯޓެވެ. އެލުމިނިއަމުގެ ބޭނުމުގައި އެ ބޯޓުގެ ދެ ފިޔަގަނޑާއި މައިގަނޑުން ނެގެން ހުރި މައުދަނެއް ވަނީ ނަގައިފައެވެ. މި ކަމުގައި ނައިފަރު، ކުޅުދުއްފުށި، އުތީމު، އަދި، ދިއްދޫ މީހުންގެ ބައިވެރިވުން އޮތެވެ. ބޯޓު ހަލާކުކޮށް އެލުމިނިއަމް ނެގުމުގެ ބޭނުމުގައި އެ ސަރަހައްދަށް އެންމެ ފުރަތަމަ ފީނި މީހަކީ ނައިފަރު ވަޑި އާދަންބެ ކަމުގައި ކެލައިން މައުލޫމާތު ލިބުނެވެ. މިއަދު ވެސް، ކެލާގެ “ކުޑަ” ވިލުގައި، (ފުން ވިލާއި ޖެހިގެން ކަހަލަގޮތަކަށް އޮންނަ ފުންތަން)، އެ ބޯޓުގެ ކޮކްޕިޓް ގެ ބައެއް އެބަ އޮތެވެ. ފަޅަށް ދޫކޮށްލާފައި އޮތް ބައިން އިތުރަށް ނަގާނެ އެލުމިނިއަމެއް ނެތުމުން އެ ބައި ދޫކޮށްލާފައި އޮތީކަމަށް ބެލެއެވެ. 2004 ގެ ޑިސެމްބަރުގައި ރާއްޖެއަށް އެރި ސުނާމީގައި، ބޯޓުގެ ކޮކްޕިޓް އޮތްތަން ކޮންމެވެސް ވަރަކަށް ބަދަލުވެ، އޭގެ މައްޗަށް މިހާރުއޮތީ ވެލި އަރާފައެއެވެ.

ކޮންކިރިޓް ބްލޮކް

ބޯޓު ވެއްޓިފައި އޮތް ކެލާގެ ވިލަކީ ދުވާލަކު އެތައް ބޯޓެއް ޖައްސައި އުދުއްސައި ހެދި ވިލެކެވެ. މި ކަމަށް ވިލުގައި އޮތީ ބޮއެ އަޅައިފައެވެ. ބޯޓު ޖެއްސުމަށް ފަހު ވިލުގެ ދިގުމިނަށް ދުއްވާފައި ގޮސް ވަށަފަރު ފަޅާއި ވަރަށް ކައިރިން ލަނބާލުމަށް ފަހު އައިސް ކެލައިތުނޑީ ފަޅުގައި ޕާކްކޮށް އަޅަނީއެވެ. މިގޮތުން، ބޯޓުތައް އެޅުމަށް ފަޅުގައި ބޮޑު ދެ ކޮންކިރިޓް ބްލޮކްވަނީ ބާއްވާފައެވެ. އެއިން ކޮންމެ ބްލޮކެއްގައި ވަނީ ޗޭނުޖަހައިފައެވެ. ބޯޓުފަހަރު ޖެއްސުމަށް ފަހު ކޮންކިރިޓް ގަލުގައި ހަރުކޮށްފައި އޮންނަ ބޮއިގައި އައްސާލަނީއެވެ. ކޮންކިރިޓް ބްލޮކުގައި ހުރި ބޮއިގެ ބޭރުން، މަތިންދާ ބޯޓުތަކަށް އިތުރަށް ޙިމާޔަތް ދިނުމަށް ބޯޓުގެ ދެވަނަ ވަލެއް އައްސާލަން، މޫދުގައި އިތުރު ކޮންކިރިޓް ތަނބެއް ހުރިކަމަށް ވެއެވެ. އެ ތަނބު މިއަދު ފެންނާކަށް ނެތެވެ. އެހެނަސް، ފަޅުގައި، ދެ ކޮންކިރިޓު ބްލޮކް އަދި ވެސް އެބަ އޮތެވެ.

ކެލަޔަށް އިނގިރޭސި ސިފައިން ބޭލުމުގެ ކުރިން ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ވަނީ އެގްރީމެންޓެއްގައި ސޮއިކުރެވިފައެވެ. އޭގައިވާ ގޮތުން، އިނގިރޭސިން ތަން ދޫކޮށްފައި ދާން ވާނީ ހުރިހާ އެއްޗެއް ކެލައިތުނޑިއަށް ދޫކޮށްލުމަށް ފަހުއެވެ. ދިވެހިރާއްޖޭގެ ފަރާތުން އެ އެގްރީމެންޓްގެ މާއްދާތައް ލިޔުއްވީ، އަމީރު ހަސަން ފަރީދު ދީދީގެ އިރުޝާދުގެ ދަށުން ކަމުގައި ވެއެވެ. ކެލާގައި އިނގިރޭސީންނަށް އެހީތެރިވުމަށް، ސަރުކާރުން ވެރިން ފޮނުވާފައި ތިއްބެވެ. މި ބޭފުޅުންނާއެކު، ތިލަދުންމަތީ ބައެއް ރަށްރަށުގެ ވެރީން ހިމެނޭގޮތަށް އިސް ޓީމެއް ކެލާގައި ހަރަކާތްތެރިވިއެވެ.

ކެލައިތުނޑީގައި ތިބީ މުޅިން ވެސް ވައިގެ ސިފައިންނެވެ. ކެލައިތުނޑިއަށް ދިޔައީ ވެސް އަސްކަރީ މަތިންދާ ބޯޓެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ތާރީޚު ފޮތްތަކުން އެނގޭ ގޮތުގައި، އަސްކަރީ ހަމަލާތަކުގައި، ބޯޓުފަހަރުން ކަނޑުވާ މީހުން ހޯދުމާއި އެ މީހުން ސަލާމަތްކުރުމަށް ކެލައިން މަތިންދާބޯޓު އުދުއްސިއެވެ. އޮޕަރޭޝަންތައް ހިންގީ ސިލޯނުގެ ކޯގައްލާގައި ތިބި އިނގިރޭސި ވައިގެ ސިފައިންގެ ބެލުމުގެ ދަށުންނެވެ.

ނިންމާލުން

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ކެލާގައި އިނގިރޭސި ސިފައިން ބޭނުންކުރި މަދު ބިނާތަކެއް އަދިވެސް، ކެލައިތުނޑީގައި ފެންނަން އެބަ ހުއްޓެވެ. މިއަދު، އަޅުގަނޑުމެންގެ އިހުމާލުން، އެ ތަންތަން ވީރާނާވަމުން، ނެތެމުން ދިޔަޔަސް، އެ ތަންތަނަކީ، ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ވަރުގަދަ ހަނގުރާމައިގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ވެސް އިއްތިހާދީންގެ ބޭނުމަށް ދީގެން، އިންޑިއާކަނޑުގެ ދިފާއުގައި، ގައުމުގެ ސަލާމަތަށް ޓަކައި ދިވެހީން އެ ހަނގުރާމައިގައި ބައިވެރިވިކަން ދައްކުވައިދޭ ބިނާތަކެކެވެ. ބޮޑުހަނގުރާމަ ކާމިޔާބުކުރުމުގައި ކެލަޔަކީ ވެސް، މުހިއްމު ދައުރެއް އަދާކޮށްފައިވާ ރަށެއްކަން މިއަދުގެ ދިވެހި ޒުވާން ޖީލުގެ ހިތްތަކަށް ފުންކޮށް ވައްދައިދޭނެ، ރާއްޖޭގެ އުތުރުގައިވާ، ދިރިހުރި މަދު ހެކިތަކުން ފެންނަން ހުރި ދެތިން ހެތްކެވެ. މި ތަންތަނާ، އެފަދަ އެހެނިހެން ތަންތަން، ބެލެހެއްޓުމަށް ބޭނުންވާ އާމްދަނީ، އެފަދަ ތަންތަން ބޭނުންކޮށްގެން ހޯދޭނެ، ވަށައިޖެހޭ އުސޫލެއްގެ ދަށުން، އަތޮޅުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި ފަތުރުވެރިކަމާ ގުޅުވައިގެން، “އާސާރީ ޓުއަރ” ރާވައިގެން ނަމަވެސް، ވިލަރެސްކުރެވޭނެ، ވިލުންތެރި ނިޒާމެއް އޮތުން މުހިންމެވެ. މިގޮތުން ބަޑިގުދަނާ ވަޅު ވެސް ހިޔާކޮށް، އެ ސަރަހައްދު ބަލައިލަން އަންނަ މެހުމާނުން މަޑުކޮށްލާނެ މެހުމާނުސަރާއަކާއި އެ މީހުނަށް މައުލޫމާތު ދޭނެ މާލަމަކާއި ތަނުގައި ވިއްކަން ބަހައްޓާ ސްވެނިއަރާ، ރާއްޖޭގެ ފޮތާ، ފޮޓޯ، އަދި ޓުއަރ ޓިކެޓް ވިއްކާނެ ކައުންޓަރެއް ހިމަނައިގެން ކެފޭއަކާ އެކު، ކަންކަން ހިންގާނެ އިމާރާތެއް އެޅިދާނެއެވެ. ދިވެހީންގެ އަންނަން އޮތް ޖީލުތަކަށާއި ރާއްޖެއަށް އަންނަ ބޭރުގެ މެހުމާނުންނަށް، ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައަށް “ބޮޑުތިލަދުންމަތި” ތައްޔާރުކޮށްފައި އޮތް ގޮތުގެ ވާހަކަ ކިޔައިދިނުމަކީ ރާއްޖޭގެ ތާރީޚުން އިހުމާލުކުރެވެން ނެތް ބަޔަކަށްވާތީއެވެ.

ނޯޓު: މި ލިޔުމުގެ ބޮޑުބައި ތައްޔާރުކުރީ، ކެލައިގައި ތިއްބެވި ބައެއް އިސްރަށް ވެހީން އަޅުގަނޑަށް ދެއްވި މައުލޫމާތުގެ މައްޗަށެވެ. “ކެލައިތުނޑި” މި ލަފުޒު ބޭނުންކޮށްފައި އެވަނީ އާންމު މާނާގައި ބޭނުންކުރާ ތުނޑިއަށްވުރެ ފުޅާ މާނައެއްގައި ވަކި ސަރަހައްދަކަށް އެނަން ޚާއްޞަކުރުމުގެ މާނައިގައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button