މީހުން

ރައްޔިތުންގެ އިޙުތިރާމާއި ލޯބި ހޯއްދެވި، އިސްމާޢީލް މޫސާ މަނިކު ފީރޯޒުގެ ހއ. ކެލާ

ތަޢާރަފު

1921 ހާތާގައި ދުނިޔޭގެ އަލިކަން ދުށް ހއ. ކެލާ ފީރޯޒުގޭ އަލްފާޟިލް އިސްމާޢީލް މޫސާ މަނިކަކީ ހއ. ކެލާ ކޯއްޓޭގޭ މޫސާމަނިކަށާއި، މޫސާމަނިކުގެ އަނބިކަނބަލުން ޙައްވާމަނިކެއަށް ލިބިވަޑައިގެންނެވި 5 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. މިހާރު ދިވެހިރާއްޖޭގައި ޚާއްޞަކޮށް ކެލާގައި ހުންނެވި އެންމެ ޢުމުރުން ދޮށީ އެއް ބޭފުޅު ވެސް މެއެވެ. ދިރިއުޅުއްވީ ކެލާ ކޯއްޓޭގޭގައެވެ. ކޯއްޓޭގެ ޢާއިލާއަކީ އެ ދުވަސްވަރު ރަށުގެ ނިސްބަތުން ތަނަވަސް ޢާއިލާއެކެވެ.

ތަޢުލީމު ޙާޞިލްކުރުން

އަލްފާޟިލް އިސްމާޢީލް މޫސާމަނިކު ޤުރުއާން ކިޔަވައިވިދާޅުވީ މަންމާފުޅު ޙައްވާމަނިކެގެ އަރިހުންނެވެ. އެހެނިހެން ޢިލްމުތައް އުނގެނިވަޑައިގެންނެވީ ބައްޕާފުޅު މޫސާމަނިކުގެ އަރިހުންނެވެ. ބައްޕާފުޅު މޫސާމަނިކަކީ ދީނީ ޢިލްމު ވެރިއެއްގެ އިތުރުން ދިވެހި ބޭސްވެރިއެކެވެ. ޚާއްޞަކޮށް ރުއްގަލު ބޭހުގައި އަރައި ހުންނެވި ބޭފުޅެކެވެ. ބައްޕާފުޅުގެ އަރިހުން އިސްމާޢީލް މޫސާމަނިކު ވަނީ ހިސާބު ޢިލްމާއި، ނަކަތްތެރިކަމާއި، ޢަރަބި ބަސް ވެސް ކިޔަވައި ވިދާޅުވެފައެވެ. އަދި ފިޤުހާއި، ޢިބާދާތުގެ ބައިން އަޅުކަން ކުރަންވީގޮތާއި، އިމާމުވެ ނަމާދު ކުރަންވީ ގޮތާއި، ޞަލަވާތް ފާތިޙާ ކިޔާގޮތާއި، ޒަކާތާއި، ރޯދައާއި، ޙައްޖުގެ ބައިތަކުގެ އިތުރުން ހުކުރުކުރުމާއި، ޖަމާޢަތްތެރިކަން ވެސް ދަސްފުޅުކުރެއްވިއެވެ. ކުޑަދުވަސްކޮޅަކު މައިފުށުގެ ކާފާފުޅު ކަމުގައިވާ މުދިމްކާފަގެ އަރިހުން ވެސް ޢިލްމުގެ ބައެއް ބައިތައް ކިޔަވާވިދާޅުވިއެވެ.

ޚިދުމަތްތައް

އިސްމާޢީލް މުސާމަނިކު ވަޒީފާއެއްގެ ގޮތުގައި އެންމެ ފުރަތަމަ އަދާކުރެއްވީ ކެލާގައި އިނގިރޭސީން ތިއްބެވި ދުވަސް ވަރު، އިނގިރޭސީންގެ މަސައްކަތުގައި ކެލާއަށް އައިސްތިބި ރަށުން ބޭރު (ބީރައްޓެހިން) ދިވެހިންގެ 40 މީހުންނަށް ދުވަހު ކޮއްތު ކަމުގައިވާ، ކާޑު ނެގުމާއި ކާޑު ދޫކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ. އިސްމާޢީލްބޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުން މީހުން އައިސް އެ ދުވަސް ވަރު އިނގިރޭސީންގެ މަސައްކަތުގައި ކެލާގައި ތިއްބެވިއެވެ.  

އައްޑޫ ގަނޑުބަނޑުގެ ދުވަސް ވަރު މޫސާމަނިކުބޭ އަތުން ގޮއިކަނޑާލާ، ވަޒީފާއިން ވަކިކޮށް، ވެރިކަމުގެ ބާރުތައް، ބޭބެ ކާސިމްކަތީބާ ޙަވާލުކުރައްވާ ބޮޑު ކަތީބަކަށް ކާސިމްކަތީބު ހަމަޖެއްސެވިއެވެ. އަދި ދުވަސްކޮޅެއްވީ ތަނާ ކުޑަ ކަތީބުކަން އިސްމާޢީލްބެއަށް (އިސްމާޢީލް މޫސާ މަނިކަށް) ދެއްވިއެވެ. އިސްމާޢީލްބޭ ވިދާޅުވި ގޮތުގައި މުސާރާގެ ގޮތުގައި އޭރު ލިބިވަޑައިގަތީ 8 ރުފިޔާއާއި، މަހަށްދާ ކޮންމެ ދޯންޏަކުން މަސްބާނާ ކޮންމެ ދުވަހަކު މަސްބައެކެވެ.

އިސްމާޢީލް މޫސާމަނިކު (އިސްމާޢީލްބޭ) ވަނީ ޖުމްލަ 57 އަހަރު ސަރުކާރަށް ޚިދުމަތްކުރައްވާފައެވެ. މީގެ ތެރެއިން 10 ނުވަތަ 12 އަހަރު ފިޔަވާ ޚިދުމަތްކުރެއްވީ ރަށުގެ ކަތީބު ކަމުގައެވެ. 10 ނުވަތަ 12 އަހަރު ޚިދުމަތްކުރެއްވީ މުދިމްކަމުގައެވެ. ކަތީބު ކަމުގައި 1 އަހަރު ހއ. ވަށަފަރުގައި ވެސް ހުންނެވިކަމަށް ވިދާޅުވިއެވެ.

ދުރު ހަނދާން:

އިސްމާޢީލް މޫސާމަނިކުގެ ޢުމުރުން 12 ވަރަކަށް އަހަރުން ފެށިގެން މިސްކިތުގައި ބަންގިގޮވައި، އިމާމުވެ ނަމާދުކޮށް އުޅުއްވި ކަމަށް ވިދާޅުވިއެވެ. އެއީ އިސްމާޢީލްބޭގެ ބައްޕާފުޅު އޭރު އިމާމުވެ ނަމާދުކޮށް އުޅުއްވި ފާރު މިސްކިތުގައެވެ. ފާރުމިސްކިތަކީ ރަށުގެ ވަތަބަނޑޭރިމަގުގެ އިރުމަތިފަޅިއަށްވާ ގޮތަށް މި ރަށު ބިނާ، މުޙައްމަދު ފަހުމީގެ ގެ، މިހާރު އެ ހުރި ހިސާބުގައި ރަށުގައި އޭރު ހުރި ކުޑަ މިސްކިތެކެވެ.

އިސްމާޢީލު މޫސާމަނިކު ނުވަތަ އިސްމާޢިލްބޭ ވިދާޅުވި ގޮތުގައި ޙަސަން ނޫރައްދީން ރަސްގެފާނުގެ އަރިހަށް (މަޝްހޫރު ބޮޑު ގަނޑުވަރަށް) ބައްޕާފުޅާއެކު މާލެ ވަޑައިގެން ޒިޔާރަތް ކުރެއްވިއެވެ. ދިވެހި ތާރީޚުން އެނގެން އޮތް ގޮތުގައި އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމަށް އިސްކުރެވުނީ ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ރަސްކަމުން ދުރުކުރުމާ ގުޅިގެން 1935 ފެބުރުވަރީ 21 ގައެވެ. ރަސްކަމަށް ކޮލިލެވުނީ 1938 ޖުލައި 21 ގައެވެ. ރާއްޖޭގައި ރަސްކަމުގެ ޢިއްޒަތް ފުރިހަމަ ކުރުމުގެ ގޮތުން އެންމެ ފަހުން ކޮލިލައިފައި ވަނީ މި ރަދުންނަށެވެ. ރަސްކަމުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ވާރު ކެނޑުން، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިން އައްޑުއަތޮޅު ގަމަށް ފޭބުން، ރައްޔިތުންގެ ބޮޑު އިސްޓޯރު ހުޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި މި ރަދުން ރަސްކަމުން އިސްތިޢުފާ ދެއްވިއެވެ. ރަސްކަމުން އިސްތިއުފާ ދެއްވީ 8 އަހަރު ދުވަހު ރަސްކަން ކުރެއްވުމަށް ފަހު ގައެވެ.

އިސްމާޢިލްބޭ ވިދާޅުވި ގޮތުގައި،ބޮޑު ތަދުގެ ދުވަސް ވަރު ރަށަށް (ކެލާއަށް) ކާޑު ގެނެސް އުޅުނީ 500 މީހުންނަށެވެ. މާނައަކީ އެ ދުވަސް ވަރު ކެލާގެ އާބާދީއަކީ 500 މީހުންނެވެ. ހަމައެފަދައިން އިސްމާޢީލްބޭ ވިދާޅުވި ގޮތުގައި މުޙަންމަދު އަމީންގެ ދުވަސް ވަރު ރަށުގެ ބޮޑެތި މަގުތައް ތެދުކޮށް، ރޯނުދަމާ، ބިޔަ ބޮޑެތި ގަސްތައް މުލުން ކޮނެ، ނަގައި، ބިން ސާފުކުރުމާއި، ބައެއް ސަރަޙައްދުގައި މަގުފާރުތައް ރޭނުމުގެ މަސައްކަތް ކުރެވިފައި ވެއެވެ. މިސްކިތްމަގާއި، ބާގޯޅި މަސައްކަތް ކުރީ ރައްޔިތު ފިރިހެނުންނެވެ. މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން އޮފީހުން ކާޑު ދިނުމުން ރަށުގެ އަންހެންވެރިން ފޮނިކޮށް ހަކުރު އަޅައިގެން ހަރުފުށް ހިލާ، ފުއްގުޅައެއް މީހަކަށް ދީ އުޅުނުކަމަށް އިސްމާޢީލްބޭ ވިދާޅުވިއެވެ.

ދިވެހި ތާރީޚުން އެނގި ހާމަވާން އޮތީ ދެވަނަ ބޮޑު ހަގުރާމައާ ގުޅިގެން ދިވެހި ފަސްގަނޑުގައި ވެސް ސިޔާސީ އަރާރުންތަކާއި ކޯޅުންތައް އިތުރުވެގެން ދިޔަ ކަމަށެވެ. މި ހަމަނުޖެހުމުގެ ތެރޭން ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައިވާ ރައްޔިތުންގެ “މުތަޤައްދިމު ޕާޓީ” އުފެދި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1953 ޖަނަވަރީ 1 ވަނަ ދުވަހު އިޢުލާން ކުރެވުނު ކަމަށެވެ. އަދި އެ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން އިސްކުރެވުނު ކަމަށެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެއްގެ ގޮތުން 7 މަހާއި 26 ދުވަހު މުޙައްމަދު އަމީން ރައީސްކަން ކުރެއްވި ކަމަށެވެ.

ނިންމުން

އިސްމާޢީލް މޫސާމަނިކު ނުވަތަ އިސްމާޢީލްބެއަކީ ރަށު ރައްޔިތުންގެ ލޯބި ޙާޞިލްކުރެއްވި އަދި ކުދިބޮޑު އެންމެން ވެސް އިޙްތިރާމްކުރައްވާ ބޭފުޅެކެވެ. މަޑުމައިތިރި ބަނިޔާދަން ބޭފުޅެކެވެ. އުޖޫރައަކާ ނުލައި ރަށުގެ ގިނަ ބަޔަކަށް ޤުރުއާން ކިޔަވަން ދަސްކޮށްދެއްވި މުދައްރިސެކެވެ. ބުއްދިވެރި، ޙިކުމަތްތެރި ބަސްފުޅުތައް ވިދާޅުވި މުޤައްރިރެކެވެ. ކުރެއްވެވި 2 ކާވެންޏަށް އިސްމާޢީލްބެއަށް ޖުމްލަ 16 ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. މީގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިއްބެވީ 8 ބޭފުޅުންނެވެ. އެއީ އަންހެން 4 ބޭފުޅުންނާއި، ފިރިހެން 4 ބޭފުޅުންނެވެ. ދެ އަނބިކަނބަލުން ވެސް ވަނީ ދުނިޔެ ދޫކުރެއްވައި ފައެވެ. އިސްމާޢީލްބޭގެ މިހާރުގެ ޢުމުރުފުޅަކީ 103 އަހަރެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button