މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަމާ!

ބަހަކީ ހަމައެކަނި ޚިޔާލު ބަދަލުކުރާ ވަސީލަތެއް ނޫނެވެ. ބަހަކީ ޤައުމެއްގެ ދިރުމެވެ. މި ޤައުމުގެ ދިރުމަކީ ދިވެހިބަހެވެ. ދިވެހީންގެ ޙަޟާރަތް ފުރާފުރިހަމަވީ ބަހެވެ. އަމިއްލަ މާދަރީ ބަހެވެ. އަމިއްލަ މާދަރީ ބަހުން މުޢާމަލާތުކޮށް، މުޖުތަމަޢުގެ މައިގަނޑު ބަހަކަށް އެ ބަސް ހެދުމަކީ މުޖުތަމަޢުގެ ކުރިއެރުމާއި އަމިއްލަވަންތަކަމާ ގުޅިފައިވާ ކަމެކެވެ. ދިވެހި މުޖުތަމަޢުގެ ދަންމަރަކަށް ދިވެހިބަސް ހަދަންޖެހޭ މައިގަނޑު ސަބަބުތަކެއް އެބަހުއްޓެވެ. ދިވެހި ޤައުމުގެ ކުރިއެރުމާއި ލާބައަށް ޓަކައެވެ.
މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންވީ ޤައުމީ އައިޑެންޓިޓީއާއި ސަގާފަތް ޙިމާޔަތްކުރުމަށެވެ. ދިވެހިންގެ އަމިއްލަވަންތަކަމާއި، ޙަޟާރަތާއި، ކާބަފައިންގެ ސަގާފަތް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށެވެ. މުޖުތަމަޢުގެ ދިރުން ދެމެހެއްޓުމަށެވެ. ޔުނެސްކޯ UNESCO)ގެ ދިރާސާތަކުން ދައްކާ ގޮތުގައި، އަމިއްލަ ބަސް ބޭނުންކުރުން ހުއްޓާލާ މުޖުތަމަޢުތަކުގެ ސަގާފަތާއި ތާރީޚީ ތަރިކަ އެކީއެކަށް ނެތިގޮސް، އެ މުޖުތަމަޢެއްގެ “ޤައުމީ އައިޑެންޓިޓީ” ގެއްލިގެންދެއެވެ. އެހެންކަމުން މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންވީ ޤައުމީ ވަންތަކަން ދެމެހެއްޓުމަށެވެ. ފަޚުރުވެރި ސަގާފަތް ގެއްލި ނުދިޔުމަށެވެ.
ތެދެކެވެ! މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންވި، ތަޢުލީމީ އަދި ފިކުރީ ތަރައްޤީކޮށް ވަރުގަދަކުރުމަށެވެ. ދިރާސާތަކުންދައްކާ ގޮތުގައި ކުޑަކުއްޖާއަށް އެންމެ ފުރިހަމައަށް އުނގެނެވޭނީ އަދި އީޖާދީ ފިކުރުތައް އުފެއްދޭނީ އޭނާގެ މާދަރީ ބަހުންނެވެ. ޢިލްމީ ނަޒަރުން ބަލައިނަމަ، ދިވެހީންގެ މާދަރީ ބަހަކީ ދިވެހިބަހެވެ. ބަހަވީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މާދަރީ ބަހުން މުޖުތަމަޢުގައި ފުންކޮށް ވާހަކަދެކެވި، ލިޔެވި އުޅޭނަމަ ވިސްނުމުގެ ނުފޫޒު ފުޅާވެގެންދެއެވެ. އެހެނީ ތަޢުލީމީ ދިރާސާތަކުން ސާބިތުވާ ގޮތުގައި، ކުޑަކުއްޖެއްގެ އަމިއްލަ މާދަރީ ބަހުން ތަޢުލީމުގެ ބިންގާ އަޅައިފިނަމަ، އެ ކުއްޖެއްގެ އުނގެނުމުގެ ޤާބިލުކަމާއި ދެވަނަ ބަހެއް ދަސްކުރުމުގެ ފުރުޞަތު އެހެން ކުދިންނަށްވުރެ ބޮޑެވެ. އެހެންކަމުން މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންވީ ތަޢުލީމީ އަދި ފިކުރީ ތަރައްޤީކޮށް ވަރުގަދަކުރުމަށެވެ.
މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންވީ، އިޖުތިމާއީ ބަދަހިކަމާއި އެކުވެރިކަން އުފެއްދުމަށެވެ. އެހެނީ ދިވެހި މުޖުތަމަޢުގެ އެންމެން ވާހަކަދައްކާ ބަހަކީ ވެސް ދިވެހިބަހެވެ. ޢިލްމީ ނަޒަރުން ބަލައިއިރު، މުޖުތަމަޢެއްގެ އެންމެން އެއް ބަހަކުން، އެކަކު އަނެކަކަށް ފަސޭހައިން ފަހުމުވާ ގޮތަށް މުޢާމަލާތްކުރުމަކީ އިޖުތިމާއީ ގުޅުން ބަދަހިވެ، އޭގެ ތެރޭގައި އޮންނަ ފަރަޤުތައް ނެތިގެންދާނެ ކަމެކެވެ. ރާއްޖޭގެ ތާރީޚަށް ބަލާއިރު، އަތޮޅުތަކުގެ މެދުގައި އޮތް އެކުވެރިކަމާއި އިޖުތިމާއީ ބަދަހިކަމުގެ މައިގަނޑު ސިއްރަކީ، އެންމެން މޮށެއުޅޭ ދިވެހިބަހެވެ. މި އެންމެންގެ މެދުގައި ޚިޔާލު ބަދަލުކުރުމާއި، އެކުއުޅުމުގައި އެއްވެސް ހުރަހެއް ނެތި މި އޮތީ ދިވެހިބަހުގެ ސަބަބުންނެވެ. އެހެންކަމުން މިކަން މި މަގަށް އަބަދުވެސް ތަރުތީބުވެ އޮތުމަށް ޓަކައި މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންޖެހެއެވެ.
މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންވީ، އިޤްތިޞާދީ އަދި އިދާރީ މުޢާމަލާތްތައް ފަސޭހަކުރުމަށް ޓަކައެވެ. އެހެނީ ޤައުމެއްގެ ޚިދުމަތްތަކާއި، ޤާނޫނުތަކާއި، އިދާރީ މުޢާމަލާތްތައް އާންމުންނަށް އެންމެ ފުރިހަމައަށް އޮޅުންފިލާނީ އާންމު މުޖުތަމަޢުގެ ބަހުން އެކަންކަން ބައްޓަން ކުރެވިފައިވާނަމައެވެ. އެންމެންގެ ބަހެއްކަމަށް ނުދެކޭ ބަހަކުން މިކަންކުރުން ވާނީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އިޤްތިޞާދީ ފައިދާތައް ވެސް މާނަހުރި ގޮތެއްގައި ކުރެވޭނީ އެ ބައެއްގެ މާދަރީ ބަހުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަސް ކަމުގައި ކަނޑައަޅާފައިވަނީ، ދައުލަތުގެ ހިންގުމާއި އާންމު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ބަހުގެ ދައުރު ބޮޑުކަމަށްވާތީއެވެ. އެހެންކަމުން މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންވީ، އިޤްތިޞާދީ އަދި އިދާރީ މުޢާމަލާތްތައް ފަސޭހަކުރުމަށް ޓަކައެވެ.
މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހެދުމަކީ ހަމައެކަނި ޝިއާރެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. ގޭތެރޭގައާއި، އޮފީސްތަކުގައާއި، އިޖުތިމާއީ މީޑިއާގައި ދިވެހިބަހަށް އިސްކަންދީ، ބަހުގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޤައުމީ ވާޖިބެކެވެ. ޝައްކެއްނެތެވެ. މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހަދަންވީ، ޤައުމީ ވަންތަކަމާއި، ތަޢުލީމީ އަދި ފިކުރީ ތަރައްޤީކޮށް ވަރުގަދަކުރުމަށެވެ. އިޖުތިމާއީ ބަދަހިކަމާއި އެކުވެރިކަން އުފައްދާ، އިޤްތިޞާދީ އަދި އިދާރީ މުޢާމަލާތްތައް ފަސޭހަކުރުމަށް ޓަކައެވެ. އެހެންކަމުން މުޖުތަމަޢުގެ ބަހަކަށް ދިވެހިބަސް ހެދުމަކީ އުފަލެއްކަމުގައި ދެކެމާތޯއެވެ!.

