މޫސުމީ ކާރިސާތަކުގެ ނުރައްކަލުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް

ބިންތިރި މި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ހާދިސާތަކާއި، ކާރިސާތައް މަދުން ނަމަވެސް ކުރިމަތިވާކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. މި ފަދަ ޙާދިސާތަކާއި، ކާރިސާތައް ކުރިމަތިވަނީ ދުނިޔެއަށް އަންނަ ޤުދުރަތީ ބަދަލުތަކުގެ ސަބަބުންނެވެ. މި ބަދަލުތަކަކީ ނިމުމެއް ގެނައުމުގެ ބާރު އަޅުގަނޑުމެންގެ ކިބައިގައި ނެތް ކަމެއް ކަމަށް ވިއަސް، ކުރިމަތިވާ މި ފަދަ ކަންކަމާ ގުޅިގެން ލިބޭ ގެއްލުންތަކުގެ ހިރާސް ކުޑަކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް އެބަހުއްޓެވެ.
މި ގޮތުން އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، ރައްކާތެރި ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމެވެ. މިއީ ފައިސާއާ ގުޅިފައިވާ ކަމެއް ކަމަށް ވިޔަސް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިދާނެއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އުދައެރުމާއި، ފެންބޮޑުވުން ފަދަ ކަންކަމުން ރަށްރަށް ސަލާމަތްކުރެވޭނީ މި ކަމަށް ޓަކައި ވެސް ހޭދަތަކެއް މުޅި މުޖުތަމަޢު ގުޅިގެން ކުރެވިގެންނެވެ. ފަރުތައް ހަލާކުވެފައިވާ މި ރާއްޖޭގެ ރަށްތަކުގައި ތޮށިގަނޑުލުމާއި، ރަށްގިރުން ހުއްޓުވުމަށް ގަލާއި ވެލި އަޅައިގެން ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުން މުހިންމެވެ. މީގެ އިތުރުން، ބޮޑުވާ ފެން އަވަހަށް ހިންދޭނެ ފަދަ ނިޒާމުތައް ރަށްރަށުގައި ޤާއިމުކުރުމަކީ ވެސް ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ މުހިންމު ފިޔަވަޅެކެވެ.
މޫސުމީ ކާރިސާތަކާއި، ހާދިސާތަކުން ރައްކަތެރިވުމަށް އެޅިދާނެ މުހިންމު އަނެއް ފިޔަވަޅަކީ ތިމާވެށި ޙިމާޔަތްކުރުމާއި، ތަބީޢީ ނިޒާމުތައް ދެމެހެއްޓުމެވެ.ފަރުތަކާއި، މުރަކައާއި، ރަށުގެ ކަނޑޫފާތަކާއި، ގިރިގިރިފަދަ ތަބީޢީ ރައްކާތެރިކަން ދޭ ނިޒާމުތައް ޙިމާޔަތްކުރުމެވެ. މިއީ މޫސުމީ ކާރިސާތަކުގެ އަސަރު ކުޑަކުރުމަށް އޮތް އެންމެ ތަބީޢީ ޙައްލެވެ. ގަސްގަހާގެހި އިންދައި ހައްދައި، ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމުން އުދައެރުމާއި، ވަޔާއި، ރާޅުގެ ބާރު ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ތިމާވެށި ޙިމާޔަތްކޮށް، ތަބީޢީ ނިޒާމުތައް ދެމެހެއްޓުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ މުހިންމު ފިޔަވަޅެކެވެ.
ކާރިސާތަކަށް ނުރައްކާވާ މިންވަރު ދެނެގަނެ، އެންގުމުގެ ނިޒާމު (Early Warning System) ހަރުދަނާކުރުމަކީ ވެސް މޫސުމީ ހާދިސާތަކާއި، ކާރިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެކެވެ. މޫސުން ގޯސްވުމުގެ ކުރިން ނުވަތަ ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ރައްޔިތުންނަށް އެކަމުގެ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެ ރަނގަޅު ނިޒާމެއް އޮތުން މުހިންމެވެ. 2004ގެ ސުނާމީ ކާރިސާގެ އަސަރު އެހާމެ ބޮޑު އިންސާނީ ކާރިސާއަކަށް ވެގެން ދިޔައީ، މި ފަދަ ކަމަކަށް ނަޒަރުހިންގާލެވިފައި ނެތުމުން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. އެލާމިން ސިސްޓަމް ބެހެއްޓިފައި ހުރިނަމަ، ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށާއި، މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް އެކަށީގެންވާ ވަގުތު ލިބިގެންދެއެވެ. އެހެންކަމުން ކާރިސާތަކަށް ނުރައްކާވާ މިންވަރު ދެނެގަނެ، އެންގުމުގެ ނިޒާމު (އާލީ ވޯނިންގ ސިސްޓަމް) ބެހެއްޓުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ މުހިންމު ފިޔަވަޅެކެވެ.
ހަމައެހެންމެ ހޭލުންތެރިކަން އިތުރުކުރުމާއި، ތައްޔާރީތައް މަތީގައި ތިބުމަކީ ވެސް މޫސުމީ ހާދިސާތަކާއި، ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ.އެހެނީކާރިސާއެއްގެ ވަގުތުގައި ކަންތައް ކުރާނެ ގޮތުގެ ތަމްރީނުތަކާއި، މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފަރުދީ ފެންވަރުގައި ކޮންމެ ގެއެއްގައި ވެސް ކުއްލި ޙާލަތުގައި ބޭނުންކުރާނެ ކާބޯތަކެއްޗާއި، ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތްތަކުގައި ބޭނުންވާނެ ފަސްޓް އެއިޑް ކިޓާއި، ބޭސް ފަދަ ތަކެތި ރައްކާކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން މޫސުމީ ހާދިސާތަކާއި، ކާރިސާތަކަށް މީހުން ހޭލުންތެރިކޮށް، ތައްޔާރީތައް މަތީގައި ތިބުމަކީ ވެސް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
ޝައްކެއްނެތެވެ. ޤުދުރަތީ ކަންކަމަކީ އެހެންފަރާތެއްގެ ބާރުން ހިނގަމުން އަންނަ ޠަބީޢީ ކަންކަމެވެ. ދުނިޔެއަށް ކުރިމަތިވާ ބަދަލުތަކާ ގުޅިފައިވާ ކަންކަމެވެ. މި ކަންކަމުގެ ހިރާސް ކުޑަކުރޭނީ މުޅި ޤައުމު އެ ކަމަށް ދެވޭ ސަމާލުކަން މިހާރަށް ވުރެ އިތުރުކޮށްގެންނެވެ. ރައްކާތެރި ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރެވިގެންނެވެ. ތިމާވެށި ޙިމާޔަތްކޮށް، ޠަބީޢީ ނިޒާމުތައް ދެމެހެއްޓިގެންނެވެ. ނުރައްކާވާ މިންވަރު ދެނެގަނެ، އެންގުމުގެ ނިޒާމު ޤާއިމުކުރެވިގެންނެވެ. އަދިހަމައެހެންމެ ރައްޔިތުންގެ އާންމު ހޭލުންތެރިކަން އިތުރުކޮށް، ތައްޔާރީތައް މަތީގައި ތިބެގެން ވެސް މެއެވެ. އެހެންކަމުން ޤުދުރަތީ ހާދިސާތަކާއި، ކާރިސާތަކުން ރައްކާތެރިވުމަށް މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްތަކެއް ކުރަމާތޯއެވެ.


