ކެލާ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރަނީ

މި ސަރުކާރުން ކެލާ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. މި ކަން އެ މަނިކުފާނު އިޢުލާންކުރައްވާފައި ވަނީ 2025 މޭ 3 ވަނަ ދުވަހު، ނޫސްވެރިންނަށް ދެއްވި ތާރީޚީ ބައްދަލުވުމުގައެވެ.
ގާތް ގަނޑަކަށް 15 ވަރަކަށް ގަޑީއިރަށް ދިގުދެމިގެން ދިޔަ، ދުނިޔޭގެ ރެކޯޑު ގާއިމްކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މަރުކަޒު ބިނާކުރެވިފައި ނެތް، 82 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ޙަވާލުކުރެވިފައިވާ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީވިދާޅުވެފައެވެ. ރައީސް އިޢުލާން ކުރެއްވި 82 ރަށުގެ ތެރޭގައި ހއ. އަތޮޅުން ހިމެނައިފައިވާ 6 ރަށުގެ ތެރޭގައި ކެލާ ހިމަނުއްވާފައި ވެއެވެ.
ކުއްޔަށް ޢިމާރާތް ނަންގަވައިގެން ޕޮލިސް ސްޓޭޝަން ހިންގަމުން އަންނަތާ ގިނަދުވަސްތަކެއް ވެފައިވާ ކެލާގައި ޕޮލިސް ސްޓޭޝަން އެޅުމަށް ބިން ހަމަޖައްސާފަައި އޮންނަތާ ވެސް އަހަރުތަކެއް ފާއިތުވެ ހިނގައްޖެއެވެ.
އުންމީދުކުރަނީ ރޯޑް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކެލާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށި އެ ސްޓޭޝަންގެ ޚިދުމަތް މިހާރަށް ވުރެ ހަރުދަނާވެގެން ދާނެކަމަށެވެ.