މުޙައްމަދު ޖަމީލު (ޖަމީލުބޭ)

ހއ. ކެލާ މުރަކަ މުޙައްމަދު ޖަމީލު ނުވަތަ ޖަމީލުބެއަކީ ދިގު މުއްދަތެއްގައި ތަފާތު ދާއިރާތަކެއްގައި ނުހަނު ކުޑަ އުޖޫރައަކަށް ކެލާއަށް، ޚިދުމަތް ކުރެއްވި ޚިދުމަތްތެރިއެކެވެ. ތަރައްޤީގެ ކުލަ ނެތް ޒަމާނުން ފެށިގެންނެވެ. ފިސާރި ސާބިތުކަމާ އެކުގައެވެ. ނުގުޑާ ފަދަ ވަރުގަދަ ޢަޒުމެއްގައެވެ. ޝައްކެއްނެތެވެ. އިޚްލާޞްތެރިކަމާއެކު، ރަށަށް ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ ލިސްޓުން ޖަމީލުބެއަކީ ފާހަގަ ކޮށްލަން ޖެހޭ އެއް ނަމެވެ.
ޖަމީލުބެއަކީ މި ރަށު އަތިރިގޯތި ޢާއިލާއަށް ނިސްބަތްވާ އަތިރި ކާސިމްގެ އިބްރާހީމް ޤާސިމް ނުވަތަ ތުއްތުބެއަށާއި، ދޮންސީދީބޭ ޢާއިލާގެ ބޭފުޅެއް ކަމުގައިވާ ސިއްތިފުޅު ނުވަތަ ފާޠިމަތު އިބްރާހީމަށް ލިބިލެއްވި ހަމައެކަނި ދަރިފުޅެވެ. ޖަމީލުބޭގެ އެއް ބަނޑު އެއް ބަފައި އިތުރު ބޭފުޅަކު ނެތް ކަމުގައި ވިއަސް އެއް ބަފައި 3 ބޭފުޅަކު މި ވަގުތު ވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ މި ރަށު ނޫރަލީގޭ ރާބިޔަތު އިބްރާހީމާއި، ދިލްޚުސީ ޝަމްސުއްނިސާ އިބްރާހީމާއި އަދި މިރުސްމާގޭ ޢަބްދުﷲ ސަޢީދެވެ.
ޖަމީލުބޭ ތަޢުލީމު ޙާޞިލްކުރެއްވީ ކެލާ ޝައިޚް އިބްރާހީމް ސުކޫލުންނާއި، ހއ. ދިއްދޫ އަންޑާޕޫލްގޭ މަރުޙޫމް ޢަބްދުލްޙަކީމް ޢުޘްމާން ނުވަތަ ޙަކީމްބޭގެ އަރިހުންނެވެ. ޖަމީލުބޭ ބުނުއްވި ގޮތުގައި 2 އަހަރެއްހައި ދުވަހު ޙަކީމުބޭގެ އަރިހުން ދަރިވަރުވުމަށް ޓަކައި ދިއްދޫގައި ހުންނަވަން ޖެހުނެވެ.

ޚިދުމަތުގެ ދިގު ތާރީޚު ފެށުނީ ޖަމީލުބޭގެ ޢުމުރުން 15 އަހަރުގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ޝައިޚް އިބްރާހީމް ސުކޫލުގެ ޕިޔޯނެއްގެ ވަޒީފާއެވެ. ސުކޫލުގެ ޕިޔޯނެއްގެ ވަޒީފާގެ އިތުރުން އެ ސުކޫލުގެ މުދައްރިސްކަން ވެސް ޖަމީލުބޭި ކުރެއްވިއެވެ. އަދި ރަށު އޮފީހުގެ ކާތިބުކަމާއި، ވަގުތީ މުދިމްކަމާއި އަދި މުދިމްކަން ވެސް ޖަމީލުބޭ ކުރެއްވިއެވެ.
ސުކޫލުގެ ޕިޔޯނުކަމާއި، މުދައްރިސުކަމާއި، ރަށު އޮފީހުގެ ކާތިބުކަމުގެ ވަޒީފާ އަދާކުރެއްވި ދުވަސްވަރަކީ މިހާރު މި ދެކޭ ފަދަ ތަރައްޤީގެ ދުވަސްވަރެއް ނޫނެވެ. ރަށުގައި ކަރަންޓެއް ނުހުރެއެވެ. މުވާޞަލާތީ ގޮތުން އޭރު ރާއްޖެ ވެސް އޮތީ ވަރަށް ފަހަތުގައެވެ. ފޯނާއި، ފެކްހެއް ވެސް ނުހުރެއެވެ. އެއް ރަށް، އަނެއް ރަށާ މުޢާމަލާތް ކުރަނީ ވޯކީޓޯކީ މެދުވެރިކޮށެވެ. ވޯކީޓޯކީގެ އަޑު ލިބެނީ އަތިރިމައްޗަށް ނުކުމެ ފާލަންމައްޗަށް އެރުމުނެވެ. މަދިރިތަކުގެ ތެރޭގައި، އަތޮޅު އޮފީހުން ފޮނުއްވާ މެސެޖުތައް ޖަމީލުބޭ ނެންގެވީ އެއް އަތުން ވޯކީޓޯކީ ހިއްޕަވައި ކަންފަތުގައި ޖައްސަވައި، އަނެއް އަތުން ކަރުދާހުގައި ލިޔުއްވައި ގެންނެވެ. ފުރަތަމަ ނަންގަވަނީ ނޯޓެއް ގޮތަށެވެ. އެ ގޮތުން ގިނަ ނޯޓުތައް ނެންގެވީ ދަށަށް ބޯކަރުދާސް ގަނޑެއް ލައްވައިގެންނެވެ. ރަނގަޅު ވަޞީލަތްތަކެއް އެ ދުވަސްވަރު އޮފީސްތަކުގައި ވެސް ނުހުރެއެވެ.
މުދިމްކަމުގެ ވަޒީފާގެ ކުރިން ސުކޫލުގެ ވަޒީފާއާއި، ރަށު އޮފީހުގެ ވަޒީގައި އުޅުއްވި ދުވަސްވަރު ޖަމީލުބެއަށް މުސާރާގެ ގޮތުގައި ލިބިލެއްވީ ގާތް ގަނޑަކަށް 130 ރުފިޔާއެވެ. ޚިދުމަތުގެ ފުރަތަމަކޮޅު މުސާރާގެ ގޮތުގައި 50 ރުފިޔާ ނުވަތަ 100 ރުފިޔާ ވެސް ލިބިލައްވާފައި ވެއެވެ. ލިބޭ މުސާރަ ކުޑަކަމުން ވަޒީފާއިން ވަކިވެ ލެއްވުމަށް ވެސް އެތައް ފަހަރަކު ޖަމީލުބޭގެ އަނބިކަނބަލުން ޞަފިއްޔާ އަބްދުﷲ އެދިލައްވައިފައި ވެސް ވެއެވެ. އެހެންނަމަވެސް ވަޒީފާއިން ވަކިވެ ނުލައްވައި ޖަމީލުބޭ ކެތްކުރެއްވީއެވެ.

މި ރަށު ޖޭމުގޭ މަރުޙޫމް މުދިމް ޙުސޭންމަނިމު ނުވަތަ ޙުސޭން މޫސާމަނިކު ނިޔާވެ މުދިމްކަމުގެ މަޤާމު ހުސްވުމުން، ރަށުގެ ވެރިން އެދިލެއްވުމާ ގުޅިގެން ވަގުތީ މުދިމްކަމުގެ ވަޒީފާ އަދާކުރަންވަން ޖަމީލުބޭ ފެއްޓެވިއެވެ. އެއަށް ފަހު މަޢުހަދުއްދިރާސާތުލް އިސްލާމިއްޔާއިން ހިންގި މުދިމްކަމުގެ ކޯސް ފުރިހަމަ ކުރެއްވުމުން 1984 ވަނަ އަހަރުން ފެށިގެން ދާއިމީ މުދިމްކަން ޖަމީލުބެއަށް ލިބިލެއްވިއެވެ. އެއަށް ފަހު 65 އަހަރުވެ، ރިޓެއާ ކުރަންދެން ޖަމީލުބޭ ހުންނެވީ ރަށުގެ މުދިމްކަމުގެ ވަޒީފާގައެވެ. މުދިމްކަމުގެ ވަޒީފާއިން ރިޓެއާކުރެއްވީ 2012 ވަނަ އަހަރުގައެވެ.
އިޖުތިމާޢީ ދާއިރާގައި ވެސް ޖަމީލުބެއަކީ ފާހަގަ ކޮށްލަން ޖެހޭ މުހިންމު އެއް ޝަޚްޞިއްޔަތެވެ. ތަމްރީން ވެފައިވާ ރެފްރީން އަތޮޅުތެރޭގައި ނެތް ޒަމާނުގައި ރަށުގައި ކުޅެވޭ ފުޓްބޯޅަ މެޗުތަކާއި، މުބާރާތްތަކުގެ ރެފުރީއަކީ ވެސް ޖަމީލުބެއެވެ. އަދި ހަމައެހެންމެ ފުޓުބޯޅަކުޅެ އަނިޔާވާ ކުޅުންތެރިންނަށް ފަރުވާކުރެއްވި، ރުއްގަލު ބޭސްވެރިންގެ ތެރޭގައި ވެސް ޖަމީލުބޭ ހިމެނިލައްވައެވެ. މީގެ އިތުރުން ޖަމީލުބެއަކީ ކުދިން ނަކަތްގަ ލައްވައި އުޅުއްވި ވެސް ބޭފުޅެވެ. އެ ގޮތުން ރަށުގެ ބައެއް ކުދިން ޚިތާނުކުރައްވައިފައި ވެއެވެ. އަދި ފަހުގެ ތާރީޚުގައި ދިއްދޫ ޢީސަބޭ ރަށުގައި ޚިތާނުކުރެއްވި ކުދިން ފެންއަޅަންދެން ނުވަތަ ރަނގަޅުވަންދެން ބަލަހައްޓަވައި ހެއްދެވީ ވެސް ޖަމީލުބޭކަން ފާހަގަކޮށްލަން ޖެހެއެވެ.

ޖަމީލުބެއަކީ މަރުޙޫމް ކާސިމްކަތީބު ނުވަތަ ޤާސިމް މުސާމަނިކުގެ ކަތީބުކަމުގައިއާއި، ޢަބްދުﷲ ވަޙީދުގެ ކަތީބުކަމުގެ އިތުރުން އަޙްމަދު ނަސީމުގެ ކަތީބު ކަމުގައި ވެސް ރަށުގެ ވަޒީގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ޤާސިމް މޫސާމަނިކު ކަތީބުކަން ކުރެއްވި ދުވަސް ވަރަށް ވުރެ، ޢަބުދުﷲ ވަޙީދު ކަތީބުކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅެވެ. ޢަބްދުﷲ ވަޙީދު ކަތީބުކަން ކުރެއްވި ދުވަސްވަރަށް ވުރެ އަޙްމަދު ނަސީމު ކަތީބުކަން ކުރެއްވި ދުވަސްވަރު ރަށު މީހުންގެ ދިރިއުޅުމުގެ ހާލަތު މާ ބޮޑަށް ވެސް ރަނގަޅެވެ.

ޢުމުރުން 80 ވަރަކަށް އަހަރު، މިއަދު ގުނަމުންދާ ޖަމީލުބެއަށް ވެސް ބޮޑުތަދުގެ ތަދުމަޑުކަން ފެނިލައްވާފައި ވެއެވެ. އިނގިރޭސިން ކެލައަށް އައި ހަނދާނާއި، ރަށްމަތިން އިނގިރޭސީން ބޯޓުދުއްވި އަޑު ޖަމީލުބެއަށް ވެސް އިވިލައްވާފައި ވެއެވެ. ރަށުގެ ގޯތިތަކަށާއި، ވަޅުވަޅަށް އިނގިރޭސިން ތެޔޮ ނުވަތަ މަދިރި ބޭސް އަޅައި އުޅުއްވި ކަން އެނގިލައްވައެވެ. ނަމަވެސް އޭރު، ޢުމުރު ހަގުކަމުން އެންމެ ރަނގަޅަށް އެ ކަންކަން ހިނގައި ދިޔަ ގޮތް ޖަމީލުބެއަކަށް އެނގިނުލައްވައެވެ.
ޖަމީލުބޭ ވަނީ ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ޓަކައި، މިސްކިތު ކުލާހުގެ ގޮތުގައި ވެސް ކުލާސްތަކެއް އެއް އަހަރަށް ވުރެ ގިނަ އަހަރު ރަށުގައި ހިންގަވައިފައެވެ. އެ ކުލާސްތަކުން ގިނަ ޢަދަދެއްގެ ކުދިން އޭރު ކިޔަވިއެވެ. މިއީ އިތުރު އުޖޫރައަކާ ނުލައި، ދަރުމައަށް ޖަމީލުބޭ ކުރައްވައިފައިވާ މަސައްކަތްޕުޅެކެވެ.
މީގެ އިތުރުން ޖަމީލުބެއަކީ މައުލޫދާއި، ޒިކުރު އަދި ބުރުދާ ކިޔުއްވުމުގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އެ ސަޤާފަތް މުޖުތަމަޢުގައި އޮތް ޒަމާނުގައި ގޭގޭގައި މައުލޫދާއި، ޒިކުރު އަދި ބުރުދާ ކިޔުއްވުމަށް ގޮސް އުޅުނު ގުރޫޕުގެ ތެރޭގައި ޖަމީލުބޭ ވެސް ޙަރަކާތްތެރިވެ ލެއްވިއެވެ. އެއީ އޭރު ދީނީ ކަމެއްގެ ގޮތުގައި ދެކިގެން މުޖުތަމަޢުގައި ކޮށްއުޅުނު ކަންކަމުގެ ތެރޭގައި ވެސް ހިމެނުނު ކަމެކެވެ.

50 ރުފިޔާގެ މުސާރާއިން ފެށި ވަޒީފާގެ ސިލްސިލާ ޖަމީލުބޭ ނިންމާލެއްވި އިރު 7000 ރުފިޔާ މުސާރާގެ ގޮތުގައި ލިބިލެއްވިއެވެ. ޖުމްލަ 33 އަހަރު ސަރުކާރަށް ޚިދުމަތްކުރެއްވި ކަމަށް ރެކޯޑުތަކުން ފެންނަން އެބަ އޮތެވެ. ސަރުކާރުގެ ވަޒީފާގެ ގޮތުގައި ނުހިމެނުނަސް، ބައި ޤަރުނާ ކައިރިކުރާ މުއްދަތަކަށް ޖަމީލުބޭ ވަނީ ކެލާއަށް ޚިދުމަތް ކުރައްވައިފައެވެ. ޖަމީލުބޭ ބުނުއްވި ގޮތުން ނަމަ ޢުމުރުން 15 އަހަރުން ފެށިގެން 65 އަހަރު ވަންދެން ޖަމީލުބޭ އުޅުއްވީ ރަށުގެ ތަފާތު ވަޒީފާތަކުގައެވެ.

މި ރަށު ފާންބެ ކާސިމްގެ ޢަބްދުﷲގެ ޞަފިއްޔާ ޢަބްދުﷲއާއި، ޖަމީލުބޭ ކުރެއްވި ކާވެންޏަށް 6 ބޭފުޅަކު ލިބިލެއްވިއެވެ. އެއީ ދިފްލީނާ ޖަމީލާއި، ޢަބްދުﷲ ޖަމީލާއި، މަދީޙާ ޖަމީލާއި، ފަޠުޙުﷲ ޖަމީލާއި، އަޙްމަދު ޖަމީލާއި އަދި ޖާދުﷲ ޖަމީލެވެ. ޢަބްދުﷲ ޖަމީލު ފިޔަވައި އަނެއް 5 ބޭފުޅުން ދުނިޔޭގައި މި ވަގުތު ވެސް އެބަ ތިއްބެވިއެވެ. ޖަމީލުބޭގެ ކޮންމެ ބޭފުޅަކީ ވެސް، ޢަބުރުވެރި ދިރިއުޅުއްވުމެއް އުޅުއްވަމުންދާ ބޭފުޅެކެވެ. ލިބިފައިވާ މަޢުލޫމާތު ކުށް ކަމުގައި ނުވާ ނަމަ ކެލާގެ އެންމެ ފުރަތަމަ ޕައިލެޓަކީ ވެސް ޖަމީލުބޭގެ ފަޠުޙުﷲ ޖަމީލެވެ.

ކެލާގެ އެކި ވަޒީފާތަކުގައި އެހައިމެ ކުޑަ މުސާރައަކަށް، ނުހަނު ތަދާއި ވޭނުގައި، ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ޖަމީލުބެއެވެ. ޖަމީލުބޭ ވަނީ ގާތްގަނޑަކަށް ބައި ޤަރުނެއްހައި ދުވަހު ރަށަށް ޚިދުމަތް ކުރައްވައިފައެވެ. ސުކޫލުގެ ޕިޔޯނުކަމާއި، މުދައްރިސްކަމާއި، ރަށު އޮފީހުގެ ކާތިބުކަމާއި، ވަގުތީ މުދިމްކަމާއި އަދި މުދިމްކަމެވެ. ޤުރުއާނުގެ ޢިލްމު ފެތުރުމަށް ޓަކައި، ހިލޭ ސާބަހަށް ވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. ފުޓުބޯޅަ ރެފުރީކަން ކުރެއްވިއެވެ. ދިވެހި ބޭސްވެރިކަން ވެސް ހިސާބަކަށް ކުރެއްވިއެވެ. ކުދިން ނަކަތްގަލައްވައި އުޅުއްވިއެވެ. ޝައްކެއްނެތެވެ. ޖަމީލުބެއަކީ ވެސް ކެލާގެ ފަޚުރުވެރި ދަރީންގެ ލިސްޓުން ޖާގަ ދޭންޖެހޭ ބޭފުޅެކެވެ. ފަނޑުވުމެއް ނެތް ކެލާގެ، ޚިދުމަތްތެރި ދަރިއެކެވެ.