ކެލާގައި 50 ހައުސިންގ ޔުނިޓު ތަރައްޤީކުރަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12000 އަށް ވުރެ، ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކުރަން ފިނޭންސް މިނިސްޓްރީން އިޢުލާންކުރި މަޝްރޫޢުގެ ދަށުން ތިލަދުންމަތީ އުތުރުބުރީ ކެލާގައި 50 ހައުސިންގ ޔުނިޓު ތަރައްގީކުރަން ނިންމައިފިއެވެ.
މިމަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ)އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުޞޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.
ފިނޭންސް މިނިސްޓްރީން ކުރެއްވި އިޢުލާނުގައިވާ ގޮތުން ނަމަ، ތިލަދުންމަތިން ހައުސިންގ ޔުނިޓް އަޅަން ނިންމާފައިވާ 11 ރަށަކީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ކެލާ، ހއ. އުތީމު، ހދ. ކުރިނބި، ހދ. ނެއްލައިދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުއްޓެވެ.
ފިނޭންސް މިނިސްޓްރީން ކުރެއްވި އިޢުލާނުގައި، މި ރަށްތަކުގައި އަޅައި ޔުނިޓްތަކުގެ ޢަދަދު ވެސް ބަޔާންކުރައްވާފައި ވެއެވެ.
ހއ. ދިއްދޫ 200 ޔުނިޓް
ހއ. ހޯރަފުށި 200 ޔުނިޓް
ހއ. އިހަވަންދޫ 100 ޔުނިޓް
ހއ. ކެލާ 50 ޔުނިޓް
ހއ. އުތީމު 50 ޔުނިޓް
ހދ. ކުރިނބި 50 ޔުނިޓް
ހދ. ނެއްލައިދޫ 60 ޔުނިޓް
ހދ. މަކުނުދޫ 100 ޔުނިޓް
ހދ. ނޮޅިވަރަންފަރު 250 ޔުނިޓް
ހދ. ހަނިމާދޫ 500 ޔުނިޓް
ހދ. ކުޅުދުއްފުށި 2000 ޔުނިޓް
މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ރާއްޖޭގެ އުތުރުގައި 20،000 ހައުސިންގ ޔުނިޓް އަދި ދެކުނުގައި 20،000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފައި ވެއެވެ.