ކެލާ ޝައިޚްބޭ، ކެލާއަށް ނިސްބަތްވާ ފުރަތަމަ ވަޒީރު
ކެލާ ޝައިޚްބޭ، ނުވަތަ ކެލާއަށް ނިސްބަތްވާ އެންމެ ފުރަތަމަ ވަޒީރަކީ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީއެވެ. އެ މަނިކުފާނަކީ، ކެލާ މުޙައްމަދުގެ ފުތް އިބްރާހީމް ނުވަތަ މުރަނަ އިބްރާހީމެވެ. މަންމައަކީ ކެލާ ޙައްވައެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1897 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހެވެ. ކެލާ ޝައިޚްބެއަކީ މީލާދީން 1913 ހާ ތާނގައި މިޞްރަށް ވަޑައިގެން ހިންމަތާއި މިންނަތުން ޖާމިއުލް އަޒުހަރުން ތަޢުލީމް ޙާޞިލްކުރެއްވި ދަންނަބޭކަލެކެވެ.
ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، ޢުމުރުން 17 ވަރަކަށް އަހަރުގައި ބަންގާޅު ދަތުރުކުރި އޮޑިއަކުން ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފަހު ތަޢުލީމް ޙާޞިލްކުރެއްވުމުގެ މާތް މަޤްޞަދުގައި ފިއްލެވީއެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ، އަޒުހަރު ޔުނިވަރ ސިޓީގައި 13 ވަރަކަށް އަހަރު ކިޔަވާވިދާޅުވުމަށް ޓަކައި ހުންނެވުމަށް ފަހު، މީލާދިން 1927 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވީ މުޙައްމަދު ޝަމްސުއްދީން (ތިނެއް) އެވެ. ޝައިޚު ރުޝްދީ މާލެ ވަޑައިގަތުމުން ރަސްގެފާނުގެ އަމުރުފުޅަށް ޢަރަބިބަސް ކިޔަވައިދެއްވުމަށް ޓަކައި މަދަރުސަތުއްސަނިއްޔާގެ އިސް މުދައްރިސަކަށް ހަމަޖެއްސެވިއެވެ. ޝައިޚް ރުޝްދީއަކީ މަދަރުސަތުލް ސަނިއްޔާ ނުވަތަ މިހާރު މަޖީދިއްޔާ ސުކޫލުގެ އައްވަލުލް އުސްތާޛެވެ. ފުރަތަމަ މުދައްރިސެވެ.
އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ބަންޑާރަނާއިބު ކަލޭފާނެވެ. ފަނޑިޔާރުގޭގެ ނާއިބުކަން ވެސް ޝައިޚް އިބްރާހީމް ރުޝްދީ ކުރެއްވެވިއެވެ. މީގެ އިތުރުން ވަޒީރުލް އައުޤާފުކަމާއި، މަޙްކަމަތުލް މަޢާރިފުގެ ވެރިކަމާއި، މަޙްކަމަތުއް ޝަރުޢިއްޔާގެ ވެރިކަމާއި، ނިޔާ ކަނޑައަޅައި ކޮމިޓީގެ ރައީސްކަން ވެސް ޝައިޚް ރުޝްދީ އަދާކުރެއްވިއެވެ.
ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީގެ ތަޢާރަފަކީ، މި ފަދަ އެއް ޞަފުޙާ ނުވަތަ ދެ ޞަފުޙާއަކުން ލިޔެވޭ ވަރަށް ވުރެ ދިގު ފިހުރިސްތެކެވެ. ކެލާގެ މިއަދުގެ ޒުވާން ޖީލަށް، ޝައިޚް އިބްރާހީމަކީ ކާކުކަން ބުނެދިނުމަށް ޓަކައި، ދަންނަވަން އޮތީ، އެއީ މި ރަށު “ދުނި” އިސްމާޢީލް ރަޝީދުގެ ލޮބުވެތި މަންމަ ނަޔާއަންދާޒުގޭ މަރުޙޫމާ ދަލޭކަދައިތަގެ މަންމައާ އެއްބަނޑު އެއްބަފައި ބޭފުޅެއް ކަމަށެވެ. ޝައިޚް އިބްރާހީމް ރުޝްދީއަށް ލިބިވަޑައިގެންނެވި 6 ބޭފުޅުންގެ ތެރޭން މި ވަގުތު ދުނިޔޭގައި ހުންނެވީ ޢަބްދުލްމުންޢިމް ރުޝްދީ އެކަންޏެވެ. ނަމަވެސް ކާފަ ވިދާޅުވާ 19 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. ޝައިޚްބޭ ކައިވެނި ބައްލަވައިގަތް 5 ބޭފުޅުންގެ ތެރޭން، މާލޭ ގުލްޒާރުވާދީ ޖަމީލާ ޢަލީ ވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.
ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީއަށް ލިބިވަޑައިގެންނެވި 6 ބޭފުޅުންގެ ތެރެއިން ބޮޑުފުޅުވީ 3 ބޭފުޅެކެވެ. އެއީ މުޙައްމަދު ރަޝާދު ރުޝްދީއާއި، ޢަބްދުލްބާރީ ރުޝްދީއާއި އަދި ޢަބްދުލްމުންޢިމް ރުޝްދީއެވެ. އަނެއް 3 ބޭފުޅުން ކަމުގައިވާ މަޙްމޫދު ރުޝްދީއާއި، މަރިޔަމް ރުޝްދީއާއި އަދި ފާޠިމަތު ލަޠީފާ ވަނީ ކުޑައިރު ނިޔާވެފައެވެ. މަޙްމޫދު ރުޝްދީއާއި، މަރިޔަމް ރުޝްދީއަކީ އެއްމާބަނޑު ދެ ބޭފުޅުންނެވެ. ޝައިޚު އިބްރާހީމް ރުޝްދީގެ ދަރިކަލުން ރަޝާދުބެއަށް ލިބިވަޑައިގެންނެވި 16 ބޭފުޅުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިއްބެވީ 7 ބޭފުޅެކެވެ. މީގެ އިތުރުން ޢަބްދުލްބާރީ ރުޝްދީއަށް ލިބިވަޑައިގެންނެވި 10 ބޭފުޅުންނާއި، ޢަބްދުލްމުންޢިމް ރުޝްދީއަށް ލިބިވަޑައިގެންނެވި 2 ބޭފުޅުން ވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ. ޝައިޚްބެއަށް ކާފަވިދާޅުވާ ބޭބޭފުޅުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި އިންނެވި އެންމެ ދޮށީ ބޭފުޅަކީ މަޝްހޫރު ފިލްމީ ތަރި ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ މަންމާފުޅު ފަތުހިއްޔާ ރަޝާދެވެ. މަޝްހޫރު ފުޓުބޯޅަ ތަރި ޢަލީ ޢުމަރުގެ މަންމާފުޅު ރަޝީދާ ރަޝާދަކީ ވެސް ޝައިޚުބެއަށް ކާފަވިދާޅުވާ ބޭފުޅެކެވެ.
ޞާޙިބުއް ސަޢާދާ އައްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީއަކީ ދިވެހިރާއްޖޭގެ ވަޒީރުލް އައުޤާފްކަން ނުވަތަ މިހާރުގެ ގޮތަށް ނަމަ ދިވެހިރާއެްޖޭގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވެވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން ވެސް އެ މަނިކުފާނު އަދާކުރެއްވިއެވެ. އެ މަނިކުފާނަކީ ލިޔުންތެރިއެކެވެ. ބަހުގެ ބަސްވާރެކެވެ. މުޞައްނިފެކެވެ. ވާހަކަދެއްކުންތެރިއެކެވެ. އަދި ޅެންވެރިއެއް ވެސް މެއެވެ. ޢަރަބިބަސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައި ބޭފުޅެކެވެ. މި ޤައުމާ ކެލާ ފަޚުރުވެރިވާ ފަދަ ބޮޑުވެގެންވާ ދީނީ ޢިލްމުވެރިއެކެވެ. އިޞްލާޙަށް ޓަކައި ނުހަނު ޒިންމާދާރު މަސައްކަތްޕުޅުތަކެއް މި ޤައުމަށް ކުރެއްވެވި ރައްޔިތުންގެ ޚާދިމެކެވެ. އިޞްލާޙަށް ޓަކައި ކުރެވުނު މަސައްކަތެއް ކަމުގައިވާ މަޝްހޫރު މޮޓަރުބޯޓުގެ ގަޑުބަޑާ ގުޅިގެން 1933 ގައި ސިލޯނުގައި ހުންނަވަން ޖެހިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް ޝައިޚުބޭ ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް ބައެއް ފޮތްތަކުގައި އެ ޙާދިސާއާ ގުޅިގެން ޝައިޚުބޭ ފޮނުއްވާލެއްވީ ކެލާއަށް ކަމަށް ވެސް ލިޔުއްވައިފައި އެބަ ހުއްޓެވެ.
ހިޖުރައިން 1349 ވަނަ އަހަރު ޝައްވާލުމަހުގެ 29 ވީ ބުރާސްފަތި ދުވަހު ޤާނޫން އަސާސީއެއް އުފެއްދެވުމުގެ އަމުރުފުޅު ކީރިތި މަހާރަދުން ނެރުއްވުމާ ގުޅިގެން، ހިޖުރައިން 1350 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 7 ވަނަ ދުވަހު ޤާނޫނު އަސާސީ ލިޔުއްވުމަށް ހެއްދެވި ކޮމިޓީގައި ވެސް ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދިލް އަޒުހަރީ ހިމެނިވަޑައިގެންނެވިއެވެ. ތިރީގައި މި ވަނީ މުޙައްމަދު އިސްމާޢީލްދީދީ ލިޔުއްވި”މޮޓަރުބޯޓުގެ ގަޑުބަޑު” ގެ 9 ވަނަ ޞަފުހާގައި، ފުރަތަމަ ޤާނޫނު އަސާސީ އެކުލަވައިލި ކޮމިޓީ ކަމަށް ލިޔުއްވައިފައިވާ ކޮމިޓީގައި ހިމެނިލައްވައިފައިވާ ބޭފުޅުންގެ ލިސްޓެވެ.
ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީއަކީ ދިވެހިބަސް ކުރިއެރުވުމަށް ޓަކައި ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އަދީބެކެވެ. ދިވެހިބަހުގެ ހިނގައިގަނެވުނު ދައުރުގައި ސުމުއްވުލް އަމީރު މުޙައްމަދު އަމީނު އުފެއްދެވި ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ ކޮމިޓީގައި، އެ މަނިކުފާނު ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އެ ކޮމިޓީގައި މުޙައްމަދު އަމީނާއި، ޙުސައިން ޞަލާޙުއްދީނާއި، އަޙްމަދު ކާމިލްދީދީއާއި، މުޙައްމަދު ޖަމީލު ދީދީއާއި، އިބްރާހީމް ޝިހާބާއި، މުޙައްމަދު އިސްމާޢީލްދީދީއާއި، ބޮޑުފެންވަޅުގޭ ސީދީއާއި އަދި ޢަބުދުﷲ ޖަލާލުއްދީނު ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ދިވެހި އަދަބަށް ޚިދުމަތްކުރާ ކޮމިޓީގެ ތެރޭން އުފެދުނު ބަސްކޮމެޓީގެ ރައީސްކަން ވެސް އެ މަނިކުފާނު ކުރެއްވެވިއެވެ. ދިވެހިބަހުގެ ޤަވާޢިދު ފޮތް، “ސުއްލަމުލް އަރީބި ފީ ޤަވާޢިދި ލުޣަތިލް މަޙަލްދީބި””ގެ މުޞައްނިފަކީ ވެސް ކެލާ ޝައިޚްބެއެވެ.
މީލާދީން 1936ގައި ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީ ލިޔުއްވި “ސުއްލަމުލް އަރީބު” އާ ބެހޭ ގޮތުން، ދިވެހިބަހުގެ ފިނިފެންމާ، ދިވެހި ޅެންވެރިކަމުގެ އޯކިޑް ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ލިޔުއްވި ދިވެހިބަހުގެ ޤަވާޢިދު ފޮތް ކަމުގައިވާ “ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ” ގައި މުޙައްމަދު އަމީނު ލިޔުއްވައިފައި ވަނީ، އެ ފޮތުން އޮޅުނުފިލާ އަދި އެ ފޮތުގައި ހިމެނިފައި ނުވާ ބަހުގެ ޤަވާޢިދުތައް ދެނެގަތުމަށް ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީ ލިޔުއްވި “ސުއްލަމުލްއަރީބް”ގެ ގަނޑުތައް އުއްކަވައި ލެއްވުމަށެވެ.
ޖީލުލް އުސްތާޛު އަދި ދިވެހި ޅެންވެރިކަމުގެ އުޖާލާވި ރަންތަރި އައްޝައިޚް އަލްއުސްތާޛު މުޙައްމަދު ޖަމީލުދީދީ ޝައިޚްބޭގެ “ސުއްލަމުލް އަރީބް” އާ ބެހޭ ގޮތުން ލިޔުއްވާފައި ވަނީ “ސުއްލަމުލް އަރީބު” ގައި ޝައިޚް ރުޝްދީ ހަމައެކަނި ހުސްނޫނު ދައްކަވާލީ ނޫން ކަމަށެވެ. ހުސްނޫނަކީ ކޮބައިކަމާއި، އޭގެ ބޭނުމާއި، އެ ނޫނު ލިޔަންވީ ތަން ވެސް އެ ފޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ޅެންވެރިކަމުގެ ފަންނުގައި ވެސް ޝައިޚްބެއަކީ ވިދުން ގަދަ ބޭފުޅެކެވެ. ތިރީގައި މި ވަނީ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީ ހެއްދެވި “އައު ބަގީޗާ” މި ޅެމުގެ ފުރަތަމަ 3 ބައިތެވެ. ޅެންވެރިކަމުގެ ހަމަތައް ހިފެހެއްޓުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅު ވަޒަންކޮށްލުމަށެވެ.
“އަލުން އައުކޮށް ރުވޭ ގަސްތައް އަލުން އައު ކުރިލަނީތާއޭ
މަލުންމާ ފަރިވަމުން މި ދަނީ ލިބޭ ފެން މޮޅުކަމުންތާއޭ
ޒަމާނުގެ ފެހިކަމާ އެކުގައި ވަފާތެރިކަން އަދާކުރަމުން
މަޙާސިނުތައް ހޮވާ ނަގަމުން ވަމުން ތާޒާ ދަނީތާއޭ
ވަމުންދާ ފަރިވެމާތަކުގައި އަލުންވަސްތައް އިތުރު އެވަނީ
ކަމުން މިނިވަން ލިބޭ އުފަލާ އަރާމުގެ ބޮޑުކަމުންތައޭ”
ލިޔުންތެރިކަމުގައި ވެސް ޝައިޚު އިބްރާހީމް ރުޝްދީއަކީ ފާހަގަކޮށްލަންޖެހޭ ބޭފުޅެކެވެ. އެ މަނިކުފާނުގެ ލިޔުންވުންތަކުގެ ތެރޭގައި ބޮޑަށް ފެންނާން ހުރީ ދީނީ މަޒުމޫނުތަކެވެ. ތިރީގައި އެ ވަނީ “ޤައުމީ ބަހަށް ހިންގާލި ނަޒަރެއް” މި ސުރީޚީއަށް ޝައިޚުބޭ ލިޔުއްވި މަޒުމޫނުން ޕެރެގުރާފެކެވެ.
“އާދޭހެވެ! ދިވެއްސަކު، ދިވެއްސެއްކަން އެނގޭ ޚާއްޞަ އިމްތިޔާޒަކީ ފާހަގައަކީ، ދިވެހިބަހެވެ. މިހެންވީ އިރު، ދިވެހިބަހަށް ދެރަކަމެއް ނުވަތަ އުނިކަމެއް އަންނަނީވިއްޔާ، އެ ކަމެއް ޞުލްޙަކޮށްލުމަށް އަވަސްވެ ނުގަންނާނީ، ދިވެހީންގެ ތެރެއިން ކޮން ނާޛިލެއްތޯއެވެ؟ އާދޭހެވެ! ތެދުތެދަށް ޤަބޫލުކުރާތާކު، މި ކަހަލަ ކަމެއް އިޞްލާޙުކުރުން ޙައްޤުވެގެން ވަނީ އެ ޤައުމެއްގައި ތިއްބެވި ތަޢުލީމު ދާރު ނާޛިލުންގެ މައްޗަށެވެ. އަދި ޚާއްޞަކޮށް، ބަހުގެ އަހުލުވެރި މުޖަހުބަޒުންގެ މައްޗަށްކަން ކަށަވަރެވެ”
ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދިލް އަޒުހަރީގެ ޚިދުމަތުގެ ޒިކުރާ އާވެދާ އެއް ބިނާ ހުރީ އެ މަނިކުފާނު އުފަންވެވަޑައިގެންނެވި ލޮބުވެތި ފަސްގަނޑު ކަމުގައިވާ، ތިލަދުންމަތީ އުތުރުބުރީ ކެލާގައެވެ. އެއީ ކެލާގައި ހުރި ޝައިޚު އިބްރާހީމް ސުކޫލެވެ. މިއީ ޢިލްމީ އެތައް ދަރީންނެއް މި ޤައުމަށް ނެރެދެއްވި ސުކޫލެކެވެ. 80 ވަރަކަށް އަހަރުގެ ދިގު މާޒީއެއް އޮތް ސުކޫލެކެވެ. އެއީ ޚުދު އަޅުގަނޑު ވެސް ތަޢުލީމު ޙާޞިލްކުރި ސުކޫލެވެ. އެންމެ އިސްވެރިއެއްގެ ގޮތުގައި ނޫނަސް 14 ވަރަކަށް އަހަރު އެ ސުކޫލު ހިންގުމުގައި މަސައްކަތްކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. މީގެ އިތުރުން “ޝައިޚު ރުޝްދީ ހިނގުން” ގެ ނަމުގައި ބޮޑު މަގެއް ވެސް ކެލާގައި އެބަ އޮތެވެ. މާލޭގައި ހުރި “މަސްޖިދު ޝައިޚު އިބްރާހީމް ރުޝްދީ” މި ޖީލަށް ފެންނާން ނެތުމަކީ ޝައިޚުބޭގެ ޢާއިލާގެ ބޭބޭފުޅުންގެ އިތުރުން އަޅުގަނޑު ފަދަ ވަޠަންދެކެ ލޯބިވާ ކެލާގެ ކޮންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުމެކެވެ. އުންމީދުކުރަނީ ކުރިއަށް އޮތްތަނުގައި ޝައިޚު އިބުރާހީމަށް ނިސްބަތްވާ މިސްކިތެއް މާލޭގެ ފަސްގަނޑުގައި ނުވަތަ މި ސަރަޙައްދުގައި ބިނާކުރެވިގެންދާނެ ކަމަށެވެ.
ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދިލް އަޒުހަރީ އަވަހާރަވީ، 1961 ވަނަ އަހަރުގެ އޮކްޓޯބަރ 29 ވީ އާދީއްތަ ދުވަހު ހަވީރު 4.15 ގައެވެ. ފަސްދާނުލެވިފައި ވަނީ މާލޭ ހުކުރުމިސްކިތުގެ ޤަބުރަސްތާނުގައެވެ. ޝައިޚުބޭގެ ސަންދޯއް ގެންނެވި އިރު ދައުލަތުގެ އެންމެ މަތީވެރިޔާ ކީރިތި މަހާރަދުންނާއި، ސަރުކާރުގެ އެންމެ މަތީ ވެރިޔާ ބޮޑުވަޒީރު ވެސް އިޙްތިރާމުގެ ގޮތުން ވަޑައިގެންނެވިއެވެ. އަދި ޝޭޚުބޭ އަވަހާރަވުމާ ގުޅިގެން 1961 ގައި، އައުގާފް ވުޒާރާ ވެސް ސަރުކާރުގެ ފަރާތުން އުވާލެއްވިއެވެ. އަދި ދިވެހި ތާރީޚުން އެނގެން އޮތް ގޮތުގައި މި ރާއްޖޭގައި އެންމެ ފަހުން ހަވަރު ބެރު ޖެއްސެވީ ވެސް ޝައިޚު އިބްރާހީމް ރުޝްދީ އަވަހާރަވުމާ ގުޅިގެންނެވެ. އެއީ 1961 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 30 ވީ ހޯމަ ދުވަހު ހެނދުނު 7.00 ގައެވެ.
“ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަނިވި ޒިކުރާއަކަށް ނިމުމެއް ނެތޭ”