ކެލާގައި ނާސަރީއެއް އެޅުމަށް 5 ލައްކަ ރުފިޔާ ދޭން ނިންމަވައިފި

2023 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން 5 މިލިއަން ގަސް އިންދުމަށް، 2024 ވަނަ އެ މަނިކުފާނު އިފްތިތާޙްކޮށްދެއްވި މަޝްރޫޢަށް އަމާޒުކޮށް ކެލާގައި ނާސަރީއެއް އެޅުމަށް 5 ލައްކަ ރުފިޔާ ދެއްވާ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.
އިއްޔެ ވަނީ ތިމާވެށްޓާ ބެހޭ ވުޒާރާއިން މި މަޝްރޫޢުގެ ރަސްމީ ލިޔުމުގައި ކެލާ ކައުންސިލާއެކު ސޮއިކޮށްފައެވެ. ކެލާ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު މާލިކެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވާ ގޮތުގައި 5 މިލިއަން ގަސް އިންދުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ 1.6 މިލިއަނަށް ވުރެ ގިނަ ގަސް އިންދިފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ 20 ރަށެއްގައި ނާސަރީ ތަރައްޤީކުރަން ނިންމާފައެވެ. ކެލާ ހިމެނިފައި ވަނީ މި މަޝްރޫޢުގެ ދަށުން ނާސަރީ ބިނާކުރާ ފުރަތަމަ 10 ރަށުގެ ތެރޭގައެވެ. ކެލައާއެކު ނާސަރީ ބިނާކުރާ ރަށްރަށަކީ:
ށ. މިލަންދޫ
ނ. ކެނދިކުޅުދޫ
ރ. އިންނަމާދޫ
ބ. މާޅޮސް
އއ. މަތިވެރި
މ. މުލައް
ތ. ކިނބިދޫ
ގއ. ދާންދޫ
ގދ. ތިނަދޫ ސިޓީ
އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެއެވެ. މި ނާސަރީތަކަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް އެ އަތޮޅެއްގައި އިސްވެ ޙަރަކާތްތެރިވާނެ މައިގަނޑު މަރުކަޒެވެ.




