ޚަބަރު

ކޮރަޕްޝަނަކީ ނަފުސުގެ ޢިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ ޢަމަލެއް: ޚުޠުބާ

ކޮރަޕްޝަނަކީ ނަފުސުގެ ޢިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް ޚުޠުބާގައި ގޮވާލައްވިއެވެ. މި ގޮތަށް ގޮވާލެއްވީ “ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން” މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ އިއްވި ހުކުރު ޚުތުބާގައެވެ.

އިއްޔެގެ ހުކުރު ޚުތުބާގައި ހާމަކުރެއްވި ގޮތުގައި ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެކެވެ. މިއީ ތިމާއާ ޙަވާލުވެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށާއި، މިފަދަ ކަންކަމާ މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެ ކަމަށް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.

އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.

އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި ކޮރަޕްޝަނާއި ރިޝްވަތަކީ އިންސާނާގެ ފިޠުރަތު އެކަމަށް ނުރުހޭ، އަދި މުޅި އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ނުރައްކާތެރި ބަލިމަޑުކަމެކެވެ. ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި ބާވަތަކީ ރިޝްވަތެވެ. ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލު ކަމެއް ޙައްޤު ކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެކެވެ. މިއީ އިލާހީ ކޯފާއަށް ހުށަހެޅޭ ބޮޑުވެގެންވާ ފާފައެއްކަމަށް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރޔުން ރިޝްވަތުގެ ސަބަބުން  އިޖުތިމާޢީ ޢަދުލުވެރިކަން ނެތިގޮސް، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވެ ގައުމުގެ ތަރައްޤީއަށް ހުރަސްއެޅި، ނާއިންސާފާއި ބިރުވެރިކަން ޢާންމުވާ ކަމެއް ކަމަށް ހަނދާންކޮށްދެއްވިއެވެ.

“ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ މީހުން، ނަހަމަ މަންފާއާ ދުރުހެލިވާންޖެހޭނެ. ތިނޯހެއްގެ މިންވަރު ނަމަވެސް ޚިޔާނާތްތެރިވެއްޖެ މީހަކު، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އަންނަން ޖެހޭނެ،” ޚުތުބާގައި ހާމަކުރެއްވިއެވެ.

ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި، ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާގެ އީމާންކަމުގެ ނޫރު ކަނިވެ، ޙަޔާތް އަބާއްޖަވެރިވެގެންދެއެވެ.

ޚުޠުބާ ނިންމަވާލެއްވީ ދުނިޔޭގެ ބާއްޖަވެރިކަމާއި، އާޚިރަތުގެ ފަލާޙާއި، ކާމިޔާބަށް އެދޭ ނަމަ، މާތް ﷲ ޙަރާމްކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމަށާއި، ތަޤުވާވެރިވެ ޞާލިޙު ޢަމަލުތައް ކުރުންމަތީ ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރައްވަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވާ، ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ. އަދި ކޮރަޕްޝަނުގެ ނުބައި ވަބާއިން މުޅި އިސްލާމީ އުންމަތް ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button