ދިގު ފެތުމުގެ ހއ. އަތޮޅު މުބާރާތް ވަށަފަރުގައި ބާއްވަނީ

މޯލްޑިވްސް އެކުއެޓިކްސްއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭއްވުމަށް އަމާޒުހިފައިފައިވާ ދިގު ފެތުމުގެ ހއ. އަތޮޅު މުބާރާތް އަންނަ ނޮވެންބަރު ވަށަފަރުގައި ބާއްވާ ގޮތަށް ނިންމަވައިފިއެވެ.
އެކުއެޓިކްސްއިން މި ފަދަ މުބާރާތެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަން ނިންމެވީ ދިގު ފެތުމުގެ ޤައުމީ ޓިމެއް އެކުލަވައިލުމުގެ މަޤްޞަދުގައި ކަމަށް ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވެފައި ވެއެވެ. އަންނަ ނޮވެންބަރުމަހުގެ 13އިން 14އަށް ވަށަފަރުގައި ކުރިއަށްގެންދާ ހއ. އަތޮޅު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މި ފަހަރުގެ މުބާރާތުގައި ފަސް ކެޓަގަރީއެއް އެކުއެޓިކްސްއިން ހުޅުވާލައިފައި ވެއެވެ. އެއީ 3 ކިލޯމީޓަރު އޯޕަން، 1 ކިލޯމީޓަރު އޯޕަން (ޖޫނިއާސް)، 1 ކިލޯމީޓަރު އޯޕަން (ސީނިއާ)، 1 ކިލޯމީޓަރު އޯޕަން (މާސްޓާސް) އަދި 4 ގުނަ 500 މީޓަރު ޓީމް ރިލޭއެވެ. ޓީމް ރިލޭ އިވެންޓުގައި ސީނިއާ އަދި ޖޫނިއާ ކެޓަގަރީން ހިމަނާފައި ވެއެވެ.
ފަތުރުވެރިކަމުގެ މުހިންމު މަންޒިލެއް ކަމުގައިވާ ވަށަފަރުގައި ހއ. އަތޮޅު މުބާރާތް ބާއްވަން އެކުއެޓިކްސްއިން ނިންމެވީ ވަށަފަރު ކައުންސިލުގެ އިސްނެންގެވުމުގެ މަތިންކަމުގައި ނައިބުރައީސް އިސްމާޢީލް ޢަލީ ވިދާޅުވިއެވެ. މި މުބާރާތުގައި ހއ. އަތޮޅުގެ ގިނަ ފެތުންތެރިތަކެއް ވާދަކުރެއްވުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. ޚާއްޞަ ގޮތެއްގައި ޤައުމީ ޓީމެއް އެކުލަވައިލާ އިރު އެ ފަދަ ޓީމަކުން ޖާގަ ލިބޭނީ ވެސް މި ފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން ކަމުގައި ދެކެމެވެ.



