ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަށް ގެންނާންވީ މި ބަދަލެވެ.

ބަހަށް ކޮށިވެގެން އަންނަ މި ޖީލުގެ ކުދިން ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަށް ސުކޫލު މަދަރުސާތަކުން ނެރެނީ ފަރިތަކުރުންތަކަކަށް ފަހުގައެވެ. އިރުޝާދުތަކެއްދީ ތަމްރީނުތަކެއް ކޮށްގެންނެވެ. ބައެއް ފަހަރު އެ ސުކޫލެއްގެ މުދައްރިސުން ނުވަތަ މުދައްރިސެއްގެ ކޯޗުކަމުގެ ދަށުންނެވެ. އަނެއްބައި ފަހަރު އެ ކުއްޖެއްގެ މައިންބަފައިންގެ އެހީތެރިކަމުގެ ދަށުންނެވެ. ބޭރުން (ސުކޫލުން ބޭރުން) ކޯޗުން ހޯދައިގެން ދަރިވަރުން މުބާރާތަށް ނެރޭ ސުކޫލު މަދަރުސާތައް ވެސް އެބަހުއްޓެވެ.
ގިނަ ބަޔަކު ފަރިތަކޮށްދެނީ ތަޤުރީރުތަކެއްގެ އެހީގައެވެ. ހިތުދަސްކޮށްދީގެންނެވެ. ނުވަތަ ކޯޗު ދެއްވާ ތަޤުރީރުތަކުން ދަސްވި އެއްޗެއް ދަސްކޮށްގެންނެވެ. ނުވަތަ އެ ދެއްވާ ތަޤްރީރަކުން ދަރިވަރުން ނަގައި ނޯޓުތަކެއް ބައިހާޓްކޮށްގެންގެންނެވެ. މި ގޮތަށް މިކަން ކޮށްގެން ބައެއް ދަރިވަރުންނާއި، ބައެއް ސުކޫލުތަކަށް ކާމިޔާބު ލިބުނަސް ޙަޤީޤީ ވާހަކަދެއްކުންތެރިން އުފަންވެދާނެކަމާ މެދު އަޅުގަނޑުގެ ހިތުގައި ވެސް ސުވާލުމާކު ޖެހެއެވެ. އެހެންނަމަވެސް މެޖޯރިޓީ ސުކޫލުތަކުގައި މިކަން ހިނގަމުން އަންނަނީ މި ގޮތަށެވެ.
ބެލެނިވެރީން ވެސް ޤަބޫލުކުރަނީ ތަޤްރީރު ކަރުދާސްތައް ސުކޫލުތަކުން ތައްޔާރުކުރުމަށް ފަހު، ދަރިވަރުންނަށް ދޭންޖެހޭނެ ކަމަށެވެ. މި ކަން މިގޮތަށް ނުކޮށް ކާމިޔާބުގެ އައްސޭރިއަށް ވާޞިލް ނުވެވޭނެ ކަމަށެވެ. ޚުދު ބައެއް ފަހަރު އަޅުގަނޑަށް ވެސް މި ޚިޔާލަށް ތާއީދު ކުރެވެއެވެ. ސަބަބަކީ މި މުބާރާތް ފެށުނީންސުރެ މި ކަން މި މަގުން ހިނގަމުން ދިޔުމެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއީކަމަކަށް އަޅުގަނޑުގެ ޒަމީރު ޤަބޫލެއް ނުކުރެއެވެ.
ޙަޔާތުގެ ދިގު ތާރީޚެއްގައި ވާހަކަދެއްކުންތެރީން އުފެއްދުމަށް މަސައްކަތްކުރި އަދިމިހާރުސް އެ މަސައްކަތްކުރާ މީހެއްގެ ޙައިޞިއްޔަތުން ދަންނަވަން ބޭނުންވަނީ، މުބާރާތުގެ ހޮވެލި ބާއްވާ ގޮތަށް ވެސް ބަދަލުގެންނަންޖެހޭ ކަމަށެވެ. ހޮވެލި ބާއްވަންވީ ދެވޭ ކުއްލި މައުޟޫޢަކަށް ވާހަކަދައްކާ ގޮތަށެވެ. މުބާރާތަށް ހޮވަންވީ އެ ހޮވެލީގައި ނުހުއްޓި އަނގަތަޅުވާ ކުދީންނެވެ. ސަބަބަކީ އަނގަތަޅުވާ ކުދީން މުބާރާތަށް ނެރެ ހޯދާ ކާމިޔާބު ސުކޫލުތަކަށް އިތުރުވާނެތީއެވެ.
ކޯޗުން ކޯޗުކޮށްދޭންވީ ވެސް ކުއްލި މައުޟޫޢުތަކަށެވެ. ތަޤްރީރު ކަރުދާސްނުދީ ދައްކާނެވާހަކަ އަނގައިންއަނގައަށް ފޯރުކޮށްދީގެންނެވެ. 3 މިނެޓަށް ވުރެ ދިގުނުވާނެހެން މި އޮޅުންފިލުވައިދިނުން ގެންދެވިދާނެއެވެ. އޭރުން ދަރިވަރުންކުރާ މަސައްކަތް މިހާރަށް ވުރެ އިތުރުވެ، ދަރިވަރުންގެ ވާހަކަދެއްކުންތެރިކަން ތަރައްޤީވާ މިންވަރު ހަލުވިވާނެއެވެ. އަޞްލުވާހަކަދެއްކުންތެރީން އުފަންވުމަށް މަގުފަހިވާނެއެވެ. އޭރުން ޤައުމީ މުބާރާތަށް ނެރޭ ދަރިވަރުންގެ ކިބައިގައި ފެންވަރެއް ހުންނާނެއެވެ. ރަންތަރިތައް ހޯދޭ މިންވަރު ސުކޫލުތަކަށް ބޮޑުތަނުން އިތުރުވާނެއެވެ.
ޤައުމީ މުބާރާތަށް ގެންނާންޖެހޭ ބަދަލަކީ ވެސް މިއެވެ. އެއްގޮތަކަށް ވެސް މައުޟޫޢު ނުދެންވީއެވެ. އޮންނާންވީ މިހާރު އޮންނަ ގޮތަށް ދެ ބުރެވެ. ވާހަކަދައްކާންވީ ކުއްލި މައުޟޫޢަށެވެ. ކުއްލި މައުޟޫޢުތައް ބިނާކުރާ ތީމެއް ނުވަތަ ތީމުތަކެއް މުބާރާތްފަށަން 5 ދުވަހުގެ މުއްދަތަށްވީމާ ދެވިދާނެއެވެ. މައުޟޫޢުތައް ބިނާކުރަންޖެހޭނީ ދަރިވަރުންގެ ޢުމުރާގުޅޭ ތީމުތަކާއެވެ. ކީ ސްޓޭޖުތަކަށް ފެތޭ ގޮތަށެވެ. މުބާރާތް ބާއްވާނީ މިހާރު މި އޮންނަ ގޮތަށް، ފުރަތަމަ ބުރު ސުކޫލުތަކަށް މާކުސް ލިބޭ ގޮތަށެވެ. ދެ ވަނަ ބުރު ބާއްވާނީ ދަރިވަރަށް މާކުސް ލިބޭ ބުރެއްގެ ގޮތަށެވެ. މުބާރާތުގެ ކޮންމެ ދަންފަޅިއެއްގައި ވެސް ހުރިހާކުދީން ވާހަކަދައްކާނީ އެއް މައުޟޫޢަކަށެވެ.
މުބާރާތް ބާއްވާ ގޮތަށާއި، ފަރިތަކޮށްދޭ ގޮތަށް މި ބަދަލުތައް ގެނެސްދެވިއްޖެ ނަމަ، މަރުޙޫމު ޝިހާބު ފަދަ އެތައް ވާހަކަދެއްކުންތެރިން މި ޤައުމުގައި އުފެދޭނެއެވެ. ދަރިވަރުންގެ ޙަޤީޤީ ފެންވަރު މިހާރަށް ވުރެ ބޮޑަށް މުބާރާތުން ފެންނާނެއެވެ. ސުކޫލުތަކާއި، ދަރިވަރުންނަށް ހޯދޭ ކާމިޔާބު މިހާރަށް ވުރެ އިތުރުވާނެއެވެ. އަލަށް ކަމެއް ފަށައިއިރު ގޮންޖެހުންތަކެއް ކުރިމަތިވިއަސް އެ ގޮންޖެހުންތައް ދާދިއަވަހަށް ފިލައިދާނެކަން ޤަބޫލުކުރަމާތޯއެވެ.



