މަގޭ ޚިޔާލު

އެންމެންގެ މަސްލަހަތާ ގުޅިފައިވާ ކަންކަމަށް އިސްކަންދިނުމަކީ ހިންގުމުގެ ސިޔާސަތުގައި ހިފަހައްޓަންޖެހޭ ސުލޫކެއް

އެންމެންގެ މަސްލަހަތާ ގުޅިފައިވާ ކަންކަމަށް އިސްކަންދިނުމަކީ ހިންގުމުގެ ސިޔާސަތުގައި ހިފަހައްޓަންޖެހޭ ސުލޫކެކެވެ. އެހެނީ ތިމާގެ މަސްލަހަތަށް ވުރެ މުޖުތަމަޢުގެ މަސްލަހަތަށް ކަންކަން ރިޢާޔަތްނުކުރާ ނަމަ އުފެދޭ ހަމަނުޖެހުން ގިނަ ފަހަރު ބޮޑެވެ. ގޮތްދޫނުކުރުމަކީ ފިތުނާގެ ހުޅުރޯވުމަށް މެދުވެރިވާ ސަބަބެކެވެ. ކަމެއްގައި ޢަމަލުކުރެވެން އޮތް ހަމައާ އުޞޫލުތައް ތިމާމެންނަށް ނޭނގޭ ނަމަ ޢަމަލުކުރެވިދާނެ ގޮތްތައް ހޯދާބެލުމަކީ އިންޞާފު ގާއިމްކުރުމަށް އޮތް އެންމެ ފަސޭހަ މަގެވެ.

ހެދިފައިވާ ޤަވާޢިދުތަކާ އުޞޫލުތަކުގެ ތެރޭން ހަމައެއް ތިމާއަށް ނުފެނުމަކީ ނުވަތަ ތިމާއަށް ނޭނގުމަކީ ކަމެއްގައި ފުލުސްޓޮޕް ޖަހަންޖެހޭ ސަބަބެއް ނޫނެނެވެ. އެއަށް ވުރެ ޒަމާން ހޯދައިދީފައިވާ ކުރިއެރުންތަކާއި ފަސޭހަތައް ގިނައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ފާރަވެރިވާ ފަދައިން އެންބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާ ފަރާތްތައް ވެސް މުޖަތަޢުތެރޭގައި މިއަދު އެބަ ތިއްބެވެ. އެކި ނަންނަމުގެ މުއައްސަސާތައް އެބަ ހުއްޓެވެ. ދެ އަތް އުރާލައިގެން ތިމާ މީހާ ރެކުމަކީ ފިނޑިންގެ ގޮތެވެ. މުޖުތަމަޢުގެ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި އަދިއަމުދުން އެ ގޮތަށް ޢަމަލުކުރުމަކީ ބައިބައިވުން އުފެދި ނަފުރަތުގެ ދަރަށް އުކާލެވޭ ޕެޓްރޯލަކަށް ވެދާނެއެވެ.

ކަންކަމުގައި ކެރިގެން ކުރިމަތިލުމަކީ ބޮޑުތިލަދުންމަތީގެ މުހިންމު ސިފައެކެވެ. ބޮޑުތަކުރުފާނާ، ޙުސައިން އާދަމާ ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ ތާރީޚުން ފެންނަނީ އެ ކަމެވެ. ބޮޑު ތިލަދުންމަތީގެ ހިތުގައި ޖަހަންޖެހެނީ އެ ވިންދެވެ. ހިނގަންޖެހެނީ އެ ލެއެވެ. ކަންކަމުގައި ގޮތް ހޯދުމުގެ ހިތްވަރު މި ތިލަދުންމަތީގެ ކޮންމެ މީހެއްގެ ކިބާގައި ހުންނަން އެބަ ޖެހެއެވެ. މުޖުތަމަޢުގެ ހެވާ ލާބައަށް ޓަކަޢެކެވެ. މުޖުތަމަޢުގެ މަސްލަހަތަށް ޓަކައެވެ.

ތިމާ ބޭނުންވާ ގޮތަށް ނުވަތަ ތިމާ އެދޭ ގޮތަށް ކޮންމެ ކަމެއް ނިންމާލުމަކީ  އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. ތިމާއަކީ ބޮސްކަމަށް ވިޔަސް ދެން ތިބި މީހުން ދައްކާވާހަކަ ވެސް އަޑުއަހަން އެބަ ޖެހެއެވެ. އެ މީހުންގެ ޚިޔާލުތަކަށް އިޙްތިރާމުކުރަން ޖެހެއެވެ. ބަސްވިކޭނީ އެހެން މީހުންގެ ބަސް އަހައިގެންކަން ޤަބޫލުކުރަން ޖެހެއެވެ. އިޙްތިރާމު ލިބޭނީ އިޙްތިރާމު ހޯދައިގެންކަން ވެސް ދަންނަންޖެހެއެވެ.

ބުއްދިވެރިންނޭވެ! މަސްލަހަތު އިސްކުރާށެވެ. އެ މަސްލަހަތުން ތިމާއަށް އުފާވެރިކަން އިތުރުކޮށްދޭނެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button