ކެލާގަ ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކެލާގަ އަޅައިދޭ ހޭންޑްބޯޅަ ކޯޓުގެ ޢަމަލީ މަސައްކަތްފަށައިފިއެވެ.
ފުޓްސަލް ވެސް ކުޅެވޭ ގޮތަށް ޤާއިމްކުރާ ޒަމާނީ މި ކޯޓު އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް މި ވަގުތު ކުރަމުންދާއިރު، ހިނގަމުން މިދާ ހަފުތާ ބަންދުހައި މަސައްކަތަށް ބޭނުންވާ އެންމެހައި ސާމާނާ ކެލައަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މަސައްކަތާ ހަވާލުވި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވެފައި ވެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރައްވާފައިވާ ޕޯސްޓުގައި ހާމަކުރައްވާފައިވާ ގޮތުގައި ކެލާ ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒެވެ. ޕްރޮކްސީ ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާހިދެވެ. މިއީ ހޭންޑްބޯޅައާއި ފުޓްސަލް ކުޅެވޭ ގޮތަށް ކެލާގަ ގާއިމްކުރާ ކޯޓެކެވެ.


ރޭގަނޑުގެ ބޮކިއަލީގައި ވެސް ކުޅެވޭ ގޮތަށް ވިނަދޫލައަޅައިގެން ތައްޔާރުކުރާ މި ކޯޓުގެ ކޮންޓްރެކްޓަރ ޝާހިދު ވިދާޅުވި ގޮތުގައި ކޯޓުގެ އެންމެހައި މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިންމާ، ރަށުގެ ޒުވާނުންނަށް ކޯޓު ބޭނުންކުރެވޭވަރު ވާނެއެވެ.


