ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުލިބުމާއި ސަބްކްރިޕްޝަނަށް ފައިސާދެއްކުން އަންނަ މަހުން ފެށިގެން ހައްލުވާނެ: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުލިބުމާއި ސަބްކްރިޕްޝަނަށް ފައިސާދެއްކުން އަންނަ މަހުން ފެށިގެން ހައްލުވާނެ ކަމަށް ރައީސޔލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި މޯލްޑިވްސް އެކްސްޕޯ 2026ގެ އިނާމު ދިނުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސްގެ ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެންބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މި ގޮތަށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ، ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް އެ މަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވްސް އެކްސްޕޯ 2026ގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަސު މުޢިއްޒު ދެއްކެވިވަހަކަފުޅުގައި، މި ގޮތަށް އިންތިޒާމުތައް ހަމަޖެހިގެންދިޔުމުން ބައިނަލްއަގްވާމީ ބާޒާރަށް ތަކެތި ވިއްކާ ދިވެހި އުފެއްދުންތެރިންނަށް ކޮންމެ ގައުމަކުން ވެސް ފައިސާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ޑޮލަރުން ލިބޭ ފައިސާ، ކާޑު މެދުވެރިކޮށް އަދި ރެމިޓެންސްގެ ޒަރީއާއިން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. މީގެ އިތުރުން ވިޔަފާރިތަކުން ބޭނުންކުރާ ސަބްސްކްރިޕްޝަން ފަދަ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ހުރި ދަތިތައް ވެސް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހައްލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



