ކަނބާ ކުޅުނު 2 ވަނަ މެޗު ވެސް ކަނބާ ކާމިޔާބުކޮށްފި

މިހާރު ކުރިއަށްދާ ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީގެ ހޭންޑްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތައް ވެސް ޓީމު ކަނބާ ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު ޖޫނިއަރ މެޗު ކަނބާ ކާމިޔާބުކުރީ ކަނބުލޮ ޓީމާ ބައްދަލުކޮށެވެ. ނަތީޖާއަކީ 0-9 އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނބާގެ ހާޖަރު ޢަބްދުލްހަންނާނެވެ. ހާޖަރު ވަނީ ކުޅުނު 2 މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައެވެ.

މިއަދު ހަވީރު ކުޅުނު ސީނިއަރ މެޗު ކަނބާ ކާމިޔާބުކުރީ ޓީމު ކަނބުލޮއާ ބައްދަލުކޮށެވެ. މެޗުގެ ނަތީޖާއަކީ 11-20 އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނބާގެ އާމިނަތު ޔޫމީއެވެ. ޔޫމީ ވަނީ ކުޅުނު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައެވެ.

އެމްއެމް ޓީވީއާއި، ކިހައްޑިހަ އިންވެސްޓްމެންޓާއި އަދި އީއެންއެސް ސެލޫންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އެކަޑަމީގެ ދަރިވަރުންނަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
ޖޫނިއަރ އަދި ސީނިއަރ ބައި ވަކިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ މިއަދުގެ މެޗުތައް ޝަރަފުވެރިކޮށްދެއްވީ ނަފީސާ މިސްއެވެ.



