ތިލައުތުރު ފުޓްސަލް މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވައިލައިގެން ބާއްވާ މި އަހަރުގެ ތިލައުތުރު ފުޓްބޯޅަ މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހއ. އަތޮޅު ކައުންސިލުގައި މި މަހުގެ 13 ވަނަ ދުވަހު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަތޮޅު ކައުންސިލުގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤެވެ. މުބާރާތް ހޯސްޓްކުރާ ރަށުގެ ފަރާތުން ސޮއިކުރެއްވީ ކެލާ ކައުންސިލުގެ ރައީސް އަލްފާޟިލް ޢަބްދުﷲ އިންފާޒް ރަޝީދެވެ.
ތިލައުތުރު ފުޓްބޯޅަ މުބާރާތަކީ ހއ. އަތޮޅުގެ ރަށްތަކުގެ މެދުގައި، އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެކެވެ. މުބާރާތް ބާއްވަނީ އެ ކަމަށް އެދި ކުރާ އިޢުލާނާ ގުޅިގެން ހުށަހަޅައި ޕްރޮޕޯޝަލްތައް އިވެލުއޭޓްކުރުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިފައިވާ ރަށެއްގައެވެ.
އެ ގޮތުން މި އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކެލާގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މި އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަތޮޅުގެ 14 ރަށުގެ ތެރެއިން 10 ރަށަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ އިންތިޒާމުތައް، ހޯސްޓްކުރާ ރަށުން ދުރާލާ، އަންނަނީ ކުރަމުންނެވެ. މި މުބާރާތުގެ ތެރޭގައި ތަފާތު އިސްތިހާރުތައް ކުރުމުގެ ފުރުޞަތު އެ ކަމަށް އެދޭ ފަރާތްތަކަށް މިހާރުވެސް ވަނީ ހުޅުވައިލެވިފައެވެ.
ހއ. އަތޮޅުގެ ކުޅިވަރު ޚާއްޞަކޮށް ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސް، ކުޅިވަރަށް ޝައުޤުވެރި ޖީލެއް ބިނާކޮށް، އަތޮޅުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މާތް މަޤްޞަދުގައި ހިންގާ ފޯރިގަދަ މި މުބާރާތަށް ތިލައުތުރު ނޫހުގެ ފަރާތުން ކާމިޔާބަށް އެދެމެވެ. މި ދިޔަ އަހަރު މި މުބާރާތް ބާއްވާފައި ވަނީ ހއ. މާރަންދޫގައެވެ. މި ދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރެވެ.