އެހެނިހެން މުއައްސަސާތަކުގެ ބައިން ބަލައިގެން ކިޔެވުމުން 2 ވަނަ ކެލާ ޔޫތު ފޯރަމް ހޯދައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ، އެހެނިހެން މުއައްސަސާތަކުގެ ބައިން ބަލައިގެން ކިޔެވުމުން 2 ވަނަ ކެލާ ޔޫތު ފޯރަމް ހޯދައިފިއެވެ.
ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މުބާރާތުގެ އެކިއެކި ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި، ޓްރޮފީ އަދި ހަނދާނީ ލިޔުން ބައްސަވައި ދެއްވީ ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާ ނާއިބާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
1029 ދަރިވަރުން ވާދަކުރި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫފިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.މި ރަސްމިއްޔާތުގައި، ރަން ވަނަތައް ހޯދި ފަރާތްތަކަށާއި، ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޒުކަން ހޯދި 32 ފަރާތަށް ތާޖާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
މި މުބާރާތުގައި ކެލާ ޔޫތު ފޯރަމުން ވާދަކުރި 8 ދަރިވަރުންގެ ތެރެއިން 2 ދަރިވަރަކު ވަނީ ފަޚުރުވެރި ވަނަތަކެއް މި މުބާރާތުން ހޯދައިފައެވެ. އެ ގޮތުން 20 ފޮތުގެ ބަލައިގެން ކިޔެވުމުގެ ބައިގައި ވާދަކުރި ޙައްވާ އަހުދާ ޢާމިރު ވަނީ އެ ބައިން 3 ވަނަ ހޯދާފައެވެ. ހަމަ އެފަދައިން 15 ފޮތުގެ ބަލައިގެން ކިޔެވުމުގެ ބައިގައި ވާދަކުރި ޔައިޝް މުޙައަމަދު ނިޔާޒް ވަނީ އޭނާ ކިޔެވި ބައިން 1 ވަނަ ހޯދާފައެވެ.
ނިމިގެން ދިޔަ ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން ފަޚުރުވެރި 1 ވަނަ ޙާޞިލްކުރީ ކެލާ ޔޫތު ފޯރަމްގެ ޔައިޝް މުޙައްމަދު ނިޔާޒެވެ.
ކެލާ ޔޫތު ފޯރަމަކީ ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައިދީ ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މަދަނީ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ ވެތުވެ ދިޔަ 23 އަހަރު ވަނީ އެ ކަމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ކަން ޝުކުރުވެރިކަމާއެކު ކެލާ ރައްޔިތުން ބަލައިގަނެއެވެ.