ކެލާ ޢީދު މަހާސަމާއިން ފެނުނު އެންމެ އުފާވެރި އެއް މަންޒަރު

މި އަހަރުގެ އަޟުޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރި 3 ރަށުގެ ތެރެއިން ހއ. ކެލައިން ފާހަގަކުރެވުނު އެންމެ އުފާވެރި އެއް މަންޒަރަކީ ރަށުގެ އިސްރަށްވެހިން، އެ މަހާސަމާގެ ޙަރަކާތްތައް ބަލައިލުމަށް ދެއްވި އިސްކަމެވެ.
ކޮންމެ ދުވަހެއްގެ ހަވީރު ބޭއްވިގެން ދިޔަ ސަގާފީ ކުޅިވަރުތަކާއި ރޭގަނޑު ބޭއްވި ޝޯވތަކުގައި އެންމެ ފުރަތަމަ ގޮނޑިބަރިން ގިނަ ޢަދަދެއްގެ އިސްރަށްވެހިންގެ މޫނުތައް ފެނިގެން ގޮސްފައިވެއެވެ. އަދި ހަމައެއާއެކު ބައެއް ޙަރަކާތްތަކުގައި އިސްރަށްވެހިން ޢަމަލީ ގޮތުން ބައިވެރިވިކަން ވެސް ފާހަގަކުރެވުނެވެ.
އެކަނި ހިނގާބިނގާވެ ނޫޅެވޭ ޢުމުރުގެ އިސްރަށްވެހިން ޢީދު ޙަރަކާތްތަކުގެ ފުރަތަމަ ބަރިން ފެނުނުކަމީ ޢީދުގެ ޙަރަކާތްތައް އިންތިޒާމުކޮށް ކެލާގައި ހިންގި ކެލާ ޔޫތު ފޯރަމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ދެކެއެވެ.

މީގެ އިތުރުން ތަފާތު ޖީލުތަކުގެ ކުދިންނާއި މީހުން ކެލާ ޢީދު މަހާސަމާގެ ޙަރަކާތްތަކުން މި އަހަރު ފެނިގެން ދިޔުމަކީ ސަގާފީ ކުޅިވަރުތައް އިތުރަށް އާލާކުރުމަށް ކެލާ ޔޫތު ފޯރަމުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ވަރަށް މަތިވެރި ހިތްވަރެކެވެ.
ޤައުމީ ފެންވަރުގައި މި އަހަރު ޢީދު ފާހަގަކުރި 3 ރަށުގެ ތެރެއިން އެންމެ ގިނަ ސަގާފީ ޙަރަކާތްތައް ފެނުނު ރަށަކީ ހއ. ކެލައެވެ.