ޢީދަށް ތައްޔާރުވުން ފޯރީގައި ކުރިއަށް ދަނީ

މި އަހަރުގެ ޢީދު ޙަރަކާތްތައް ކުލަގަދަކޮށް ކެލާގައި ފާހަގަކުރުމަށް ކެލާ ޔޫތު ފޯރަމުން މަސައްކަތްތައް ފަށައިފިއެވެ.
އެ ގޮތުން އަންހެންވެރީންގެ ޓީމުން ކުޅިވަރުތައް ދަސްކުރުމުގެ މަސައްކަތް މި ހަފުތާތެރޭ ފެށިގެން ކުރިއަށް އެބަދެއެވެ. ޢީދު ހުޅުޖެހުމާއި، ދެލިމާލީގެ ޙަރަކާތާއި، ބޮޑުމަހުގެ ކުޅިވަރު ހުށަހެޅުމަށް ތައްޔާރުވާން ފިރިހެންވެރިން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. ދެލިއަންދާ، ހިކިފަން އެއްކުރުމުގެ މަސައްކަތް ފެށޭ ހަފުތާތެރޭ ކުރެވޭނެ ކަމަށް ރައީސް ޢާމިރުސަރ ވިދާޅުވިއެވެ.
މި އަހަރުގެ ބޮޑު ޢީދު ޙަރަކާތް ޤައުމީ ފެންވަރުގެ ޙަރަކާތަކަށް ބަދަލުކުރުމުގެ އަމާޒު ކެލާ ޔޫތު ފޯރަމުން މިހާރު ވަނީ ހިފައިފައެވެ. މި އަހަރުގެ ޢީދުގައި ކެލާގެ ސަގާފީ ކުޅިވަރުތަކުގެ އިތުރުން، މުލީ މީހުންގެ ލަނގިރިއާއި، ހަނިމާދޫ ބޭންޑާއި، ގޮމަ ގުރޫޕުގެ ފަރި ނެށުންތައް ފެނިގެން ދާނެއެވެ. މި ޢީދު ކުލަގަދަކުރުމަށް ކެލާ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ޖަމްޢިއްޔާއަށް އަންނަނީ ދެއްވަމުންނެވެ.
އަވަސް ތާރީޚެއްގައި ޕްރޮމޯޝަން ލަވައާއި، އިސްތިހާރު ސޯޝަލް މީޑިއާއަށް ދޫކޮށްލުމަށް އެ ޖަމްޢިއްޔާއިން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. ކެލާއަކީ ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ތަފާތު އެތައް ޚިދުމަތްތަކެއް މިހާރުވެސް ލިބެމުން އަންނަ ނަލަ ރީތި ރަށެކެވެ. ރަށުފަތުރުވެރިކަން އަންނަނީ ބާރު ދުވެލީގައި ކުރިއަރަމުންނެވެ.