ބޮޑު ޢީދު ފާހަގަކުރުމަށް ކެލާ ކައުންސިލުން ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފަން، ކެލާ ޔޫތު ފޯރަމުން ނިންމައިފި

ބޮޑު ޢީދު ފާހަގަކުރުމަށް ކެލާ ކައުންސިލުން ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފައި، ކެލާ ޔޫތު ފޯރަމުން ޕްރޮޕޯސަލް ހުށަހަޅަން ނިންމައިފިއެވެ. އެ ގޮތަށް ކެލާ ޔޫތު ފޯރަމުން ނިންމީ، ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ އަޣުލަބިއްޔަތާއެކު، ޖަމްޢިއްޔާއަށް ހެޔޮ އެދިވަޑައިގަންނަވައި ބައެއް ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމަށް ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާނު ވިދާޅުވިއެވެ.
ކެލާ ކައުންސިލުން މި ފުރުޞަތު ޔޫތު ފޯރަމަށް ދެއްވައިފި ނަމަ، ކުލަގަދަކޮށް މި އަހަރުގެ ބޮޑު ޢީދު، ކެލާގައި ފާހަގަކުރާނެ ކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރެއްވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ޖަމްޢިއްޔާއިން މިހާރުވެސް ވަނީ އެ ކަމަށް ދުރާލާ ރާއްޖޭގެ މަޝްހޫރު ބައެއް ގުރޫޕްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން ސަގާފީ ކުޅިވަރު ގުރޫޕަކާއި، ލައިވް މިޔުޒިކް ބޭންޑަކާއި އަދި ނަށާ ގުރޫޕަކާއެކު އެއްބަސްވުމަކާހަމައަށް އާދެވިފައިވާ ކަމަށް ތިލައުތުރަށް ވަނީ މަޢުލޫމާތު ލިބިފައެެވެ. މީގެ އިތުރުން ކުޅިވަރުތައް ލައިވްކުރުމަށް ޓީވީ ޗެނަލަކާއެކު ކުރިއަށް އޮތް ހަފުތާތެރޭ މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ހާމަކުރެއްވިއެވެ.
ޢީދު ފެސްޓިވަލް ކުރިއަށް ގެންދިޔުމުގައި އިސްވެ ޖަމްޢިއްޔާއިން ހުށައެޅިއަސް، ކާމިޔާބު ފެސްޓިވަލަކަށް ހެއްދެވުމަށް ރަށުގެ އެންމެހައި ފަރާތްތަކުގެ އެހީތެރިކަން އެ ޖަމްޢިއްޔާއަށް ބޭނުންވެއެވެ. އަދި އެ ފުރުޞަތު އާންމުކޮށް އޮތީ ހުޅުވައިލެވިފައި ކަމަށް ޢާމިރުސަރ ވިދާޅުވިއެވެ.
ޢީދު ކުޅިވަރުގައި ކެލާއަކީ މަޝްހޫރު ރަށެކެވެ. އަބަދުވެސް ގިނަ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޢީދު ކުޅިވަރަށް ކެލާއަށް އާދެއެވެ. ރަށު ފަތުރުވެރިކަމުގައި ވެސް ކެލާއަކީ ކުރިއަރަމުން އަންނަ ރަށެކެވެ. ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ އެހައިމެ ރީތި ރަށެކެވެ.
