މަލިކުދަނޑި

މަލިކުދަނޑި ނުވަތަ މަލިކުދަނޑިޖެހުމަކީ އެންމެ އެވޭލާ ޒަމާނުންފެށިގެން ތިލަދުންމަތީ އުތުރުބުރީ ކެލާ މީހުންގެ ޚާއްޞަ ކުޅިވަރެކެވެ. މި ކުޅިވަރުގައި ދެ ވައްތަރެއްގެ ދަނޑިއެއް ޖަހައެވެ. އެއް ވައްތަރަކީ ކުރުދަނޑިއެވެ. އަނެއް ވައްތަރަކީ ދިގުދަނޑި ނުވަތަ މާލީދަނޑިއެވެ. ކުރުދަނޑީގައި، ދަނޑި ފިޔަވާ އިތުރު އެއްވެސް މިޔުޒިކު އިންސުޓުރުމަންޓެއް ބޭނުމެއް ނުކުރެއެވެ. ދަނޑިވެރިން ދަނޑީގެ ކުޅިތައް ހަދަމުންދަނީ މުރީދުމީހާ ގޮވާގޮވެލިފައްޗަށް ޒުވާބުދެމުންނެވެ. ނަމަވެސް މާލީދަނޑީގައި ތާރަޖަހައެވެ. އަދި ލަވަވެސް ކިޔައެވެ. މިއީ ކެލާމީހުން ފިޔަވާ ދިވެހިރާއްޖޭގެ އެހެން ބަޔަކު ޖަހައި އުޅޭ ދަނޑިއެއް ނޫނެވެ.
މަލިކުދަނޑީގައި ބޭނުންކުރާ ދަނޑި ހަދަނީ ކުދިލުނބޯ ނުވަތަ ކުރެދިންނެވެ. ކުރުދަނޑީގެ ދަނޑިބުރިއެއްގެ ދިގުމިނަކީ މުށެކެވެ. ދިގުދަނޑީގެ ދަނޑިބުރިއެއްގެ ދިގުމިނަކީ ރިޔަނެކެވެ. ކޮންމެ ދަނޑިބުރިއެއް ވެސް އޮންނަނީ އެއްކޮޅަށް ހިމަކޮށެވެ. ދަނޑިބުރީގެ ފަލަކޮށް އޮންނަނީ ހިފާ ކޮޅެވެ. ކުރުދަނޑިއާ ޚިލާފަށް މާލީދަނޑީގެ ހިމަކޮޅުގައި ހުންނަނީ މާ ލައިފައެވެ. ފަލަކޮޅުގައި ހުންނަނީ އަޑުގޮވާގޮތަށް ފުލުސް ލައިފައެވެ. މާ ލަނީ އެކި ކުލަކުލާގެ ސްޕާޑް (ބަންނަވަކަ) ނުވަތަ އެކި ކުލަކުލާގެ ވޫލުންނެވެ. ފުލުސްލަނީ ލޮއިންނެވެ.

މަލިކުދަނޑީގައި ޖަހައި ކުރުދަނޑީގައި 9 ކުޅިއެއް ހަދައެވެ. އެއީ “އެއްކަލަ ދަނޑި”، “ފިންދަނޑިކޮޅު”، “ދެ ތެލަށްޕަން”، “ކުނބަންއަރަން”، “މަހަށްދެތޮޅި”، “ކަރުމަޅި”، “ބިންތޮޅި”، “ޖިއްދަނަށަން” އަދި “ދޮންބަނބުކެޔޮ” އެވެ. މި ކުޅިތައް ހަދަނީ މުރީދުމީހާ ގޮވާގޮވެލިފައްޗަކަށް ދަނޑިވެރިން ޒުވާބުދެމުންނެވެ. އެ ގޮވެލިފައްޗަކީ “މުޅިފޯ މުޅިފޯ ހެވާ މުޅިފޯ، މުޅިފޯ ލަންޑޭ ހެވާ ލަންޑޭ، ލަންޑޭ އަބުޑޭ ހެވާ އަބުޑޭ” އެވެ. މި ގޮވެލިފައްޗަށް ފަހު ހަދަންވީ ކުޅިއެއްގެ ނަން މުރީދުމީހާ ގޮވައެވެ. ދިގުދަނޑި ނުވަތަ މާލީ ދަނޑީގައި ހަދަނީ 4 ކުޅިއެކެވެ. އެއީ “ކޮއްޓާލި”، “ސިއްސާލި”، “ހަތަރުގަނޑު” އަދި “ކުޅި” އެވެ. މާލީ ދަނޑީގައި ވެސް ކުޅިހަދަނީ މުރީދުމީހާ ކިޔާ ގޮވެލިފައްޗަކަށް ދަނޑިވެރިން އިޖާބަދެމުންނެވެ. މުރީދު މީހާ ގޮވެލިފަތި ގޮވަނީ ލަވައާ ތާރާގެ ދަނޑިވަޅާ ދަނޑިވެރިންގެ ފައިވަޅަށްވެސް ބަލައިގެންނެވެ. އެ ގޮތުން ގޮވާ ގޮވެލިފައްޗަކީ “އޮންނޭ ޔާޑޭ މާލީ” އެވެ. މާލީ ދަނޑީގައި ބޮޑުބެރެކޭ އެއްފަދައިން ލަސްލަވައަކާއި، މެދުލަވައަކާއި، އަދި އަވަސް ލަވައެއް ކިޔައެވެ. ލަވަކިޔަނީ ތާރައިގެ ދަނޑިވަޅަށެވެ. ތާރާގެ ދަނޑިވަޅާ އެއް ގޮތަށް ދަނޑިވެރިންގެ ފައިޖެހުންތައް ވެސް ހަމަކުރަމުން މި ދަނޑީގައި ދެއެވެ.
މާލީ ދަނޑީގައި ޖަހާ ތާރާގެ އޮނިގަނޑު ހަދާފައި ހުންނަނީ ނިރޮޅު ނުވަތަ ބަނބުކެޔޮ އާރުންނެވެ. ތާރަ އަޅައިފައި ހުންނަނީ މަނޑި ނުވަތަ ބަކަރި ހަމުންނެވެ. ގިރާވަރު މީހުން ޖަހައި ތާރައާ މާލީ ދަނޑީގައި ކެލާ މީހުން ޖަހައި ތާރަ ވަރަށް ތަފާތެވެ. ތާރަ އަވަސްވަމުން އަންނަ ވަރަކަށް ލަވަތައް އަވަސްވަމުން ދެއެވެ. ހަމައެހެންމެ ދަނޑިވެރިންގެ ޙަރަކާތްތައް ވެސް އަވަސްވެ ފޯރި ގަދަވަމުން ދެއެވެ. އެންމެފަހުން ދަނޑިވެރިންގެ ކޮށިތެރެއަށް ތާރަވެރިން ވަދެ ލޭކައްކުވާލައެވެ. ކުޅިވަރު ނިމެނީ ނަށާ މީހުންގެ ނެށުންތައް ވެސް ފެނިގެންނެވެ.

މަލިކުދަނޑިއަކީ މަލިކުމީހުން ޖަހައި އުޅުނު ނުވަތަ މަލިކުން އައި ކުޅިވަރެއްކަމަށް ތާރީޚީ ގޮތުން އެނގޭކަށް ނެތެވެ. ބޮޑަށް ލަފާކުރެވެނީ އެއީ ނަމެއް ކަމަށެވެ. ޖިއޮގްރަފީ ގޮތުން ބަލައި އިރު ކެލާއާ ކައިރި ސަރަހައްދެއްގައި މަލިކު އޮތުމަކީ އެ ކުޅިވަރަށް މަލިކުގެ ނަން ދެވުނު ސަބަބެއް ކަމަށް ވެދާނެއެވެ. ކެލާ މީހުން މި ކުޅިވަރު އާންމުކޮށް ކުޅެއުޅެނީ ޢީދު ފަދަ ބޮޑެތި މުނާސަބަތުތަކާ ގުޅިގެންނެވެ. މިހާރަކަށް އައިސް މި ކުޅިވަރު ކުޅެނީ ސަޤާފީހެދުން ވެސް އަޅައިގެންނެވެ. މިއީ ކެލާ ވަންތަކަން ދައްކައިދޭ ޚާއްޞަ ކުޅިވަރެކެވެ.