ޚަބަރު

ދެ ޖަނަރޭޓަރ ހަލާކުވެ، ކެލާ ރައްޔިތުން ކަރަންޓުގެ ތަކުލީފެއްގައި

2500 އެއް ހައި މީހުންގެ އާބާދީއެއް ހިމެނޭ ކެލައަށް ކަރަންޓުގެ ޚިދުމަތް ދެމުން އައި ޖަނަރޭޓަރުތަކުގެ ތެރެއިން 2 ޖަނަރޭޓަރެއް ހަލާކުވެ ފާއިތުވެ ދިޔަ 24 ގަޑި އިރު ތެރޭ، އަށެއްކަ ފަހަރު ރަށުގެ އެކި ސަރަޙައްދުތަކުން ކަރަންޓް ކެނޑުނު ކަމަށް ކެލާ ރައްޔިތުންގެ ތެރޭން ބައެއް ބޭފުޅުން ހާމަކޮށްފިއެވެ.

ނިމުނު 2024 ވަނަ އަހަރު ސެޕްޓެންބަރުމަހު ތެރޭ މި ސަރުކާރުން ވަނީ ކެލައަށް 400 ކިލޯ ވޯޓްގެ ޖެންސެޓެއް ފޮނުވާ ކެލާގެ ކަރަންޓްގެ ޚިދުމަތް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މައްސަލަ ދިމާވެގެން އުޅޭ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ވަނީ ވަރަށް ފަހުން ޓޮޕް އޯވަރހޯލެއް ވެސް ކޮށްފައެވެ.

އިއްޔެއިން ސުރެ ކެލާގެ ކަރަންޓަށް ދިމާވެގެން އުޅޭ، މި ދަތި އުނދަގުލުން އަރައިގަތުމަށް ޓަކައި ފެނަކަ ކޯޕަރޭޝަނުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޖަނަރޭޓަރ މަރާމާތުކުރުމަށް ބޭނުންވާ ބައެއް ސްޕެއަރ ޕާރޓްސް މާލެއިން ކެލައަށް ފޮނުވުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން އަންނަނީ ކުރައްވަމުންނެވެ. ތިލައުތުރަށް ލިބިފައިވާ މަޢުލޫމާތުތައް ދޮގުނޫން ނަމަ މިއަދު މެންދުރެއްހައި އިރު މައްސަލަތައް ޙައްލުކުރެވި ކަރަންޓުގެ ޚިދުމަތް އާންމު ހާލަތަކަށް ގެނެވޭނެއެވެ.  

މާލެ ސަރަޙައްދާއި، މާލެ އަތޮޅު ކައިރީ އޮތް ދެތިން ހަތަރު އަތޮޅު ފިއަވާ، ބާކީ ހިމެނޭ ރާއްޖޭގެ ހުރިހައި ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވަމުން އަންނަ ފެނަކަ ކޯޕަރޭޝަން ހިންގަމުން އަންނަނީ މާލީ އެތައް ގޮންޖެހުންތަކަކާ އެކުގައެވެ. ކެލާ ފަދައިން ރާއްޖޭގެ އެތައް ރަށަކަށް ކަރަންޓްގެ ޚިދުމަތް ރަނގަޅުކުރުމަށް ޓަކައި އައު ޖަނަރޭޓަރުތަކަށް ވަނީ ބޭނުން ވެފައެވެ.

ކުރިމަތިވަމުން އަންނަ ރަމަޟާންމަހު، ކަރަންޓުގެ މި ފަދަ ތަކުލީފުތައް ކެލާ ރައްޔިތުންނަށް ދިމާ ނުވުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button