ކެލާ ތަމްސީލުކުރާ ކަންކަމަށް އެންމެންގެ އެހީތެރިކަން ބޭނުން

ރަށަށް މޮޅު ގޮތް ކޮންމެ ރައްޔިތަކު ވެސް ބޭނުން ވެއެވެ. ހެޔޮ ގޮތް މެދުވެރިވާން ބޭނުން ވެއެވެ. ތަރައްޤީއާއި، ކުރިއެރުން ބޭނުން ވެއެވެ. ޢުމްރާނީ ގޮތުންނެވެ. ޞިއްޙީ ގޮތުންނެވެ. ތަޢުލީމީ ގޮތުންނެވެ. އިޤްތިޞާދީ ގޮތުންނެވެ. އަދި އިޖުތިމާޢީ ގޮތުންމެއެވެ.
މުޅި މުޖުތަމަޢަށް ފޯރާ ގޮތަށް ރަށުން ކުރާ ކޮންމެ ކަމަކީ ވަކި ފަރާތަކަށް ބަރޯސާނުވެ، އެންމެންގެ ހިއްސާވާ ގޮތަށް، އެންމެންގެ އަޑުއަހައިގެން އެންމެންގެ ބައިވެރިވުން އޮވެ، ގިނަ ބަޔަކު ރުހޭ ގޮތަށް ކަންކަންކުރާ ސިޔާސަތަކަށް ވުމަކީ މަސްލަޙަތާއެކު ރަށަށް ކުރިއެރުން ހޯދުމަށް ފަހިކަމާއި، އާރޯކަން އަންނާނެ ކަމެކެވެ . އަދި އެ ކަންކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަކީ ވެސް އެހައިމެ މުހިންމު ކަމެކެވެ.
ފުޓްބޯޅައަކީ ކެލާގެ ތާރީޚުގައި ނާކާމިޔާބު ކުޅިވަރެއް ނޫނެވެ. ފަޚުރުވެރި އަރުތަތަކެއް ފަސްމަގުގައި އެ ކުޅިވަރުން ކެލާ ހޯދާފައި ވެއެވެ. ރަން މެޑެއްޔާއި، ރިހި މެޑެއްޔާއި އަދި ލޯ މެޑެލްތައް ވެސް ހޯދާފައި ވެއެވެ. މި ފަދަ ވިދުން ގަދަ ތަށިތަކުން ވެސް ކެލާ ޖަރީކޮށްދިނެވެ.
އަތޮޅު ފުޓްބޯޅައާއި، ޒޯން ފުޓްބޯޅައާއި، ޒޯން ފުޓްބޯޅަ ޗެމްޕިއަން ޝިޕްގައި ވެސް ކާމިޔާބުތަކެއް ކެލާއިން ހޯދާފައި ވެއެވެ. ޚާއްޞަކޮށް ޒޯން ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކެލާ ޔޫތު ފޯރަމުން ހޯދައި، ފަސްޓް ޑިވިޝަންގެ ޓީމުތަކާއެކު އެ ޖަމްޢިއްޔާއިން ވަނީ ވާދަވެރި މެޗުތަކެއް ކުޅެފައެވެ. ވަރުގަދަ ޓީމުތަކާއެކު ކުޅުނު ބައެއް މެޗްތައް މޯހަންގެ ކޯޗްކަމުގެ ދަށުން އެ ޖަމްޢިއްޔާއިން ކާމިޔާބު ކުރިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި، ކެލާގެ ޓީމެއް ނެރެ ވާދަކުރަމުން އަންނަތާ އަހަރުތަކެއް ފާއިތުވެ ހިނގަންޖެއެވެ. ޒުވާން ބޭފުޅުންކޮޅެއްގެ އަމިއްލަ އިސްނެގުމެއްގެ މަތީންނެވެ. މާ ބޮޑު ޢިނާޔަތްތަކެއް ނުލިބި ރަށްދެކެވާ ލޯބީގައެވެ. ފިރުކެމުން ވެއްޓެމުން ކުޅުންތެރީންގެ އަމިއްލަ ޖީބުންކުރާ ކަމެއްގެ ގޮތުގައެވެ.
މި އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރަނގަޅު ހިސާބަކަށް އެ ޓީމުން، ކެލާ ގެންގޮސްދީފިއެވެ. އެ ޒުވާނުންގެ ހިތްވަރަށް ސާބަސް ޙައްޤެވެ. މަދު ޢަދަދެއްގެ ބަޔަކު ނުކުމެ ރަށަށް އެ ޒުވާނުންގެ ފެންވަރުން ކާމިޔާބު ހޯދައިދީފިއެވެ. އަތޮޅުގެ 10 ރަށަކުން އެހެން ރަށްރަށުގެ މޮޅު ކުޅުންތެރިންނަށް ވެސް ރަށްވެހިކަންދީގެން ކުޅުނު މުބާރާތަކުން ސެމީ ފައިނަލާ ހިސާބަށް ދިޔުމަކީ ވެސް ކާމިޔާބެއް ކަމަށް ބަލައިގަތުން މުހިންމެވެ.
އަޅުގަނޑުމެންގެ ތެރޭގައި ކުރިން އޮތް އިޖުތިމާޢީ ރޫޙު އަލުން ނެރެން ޖެހެއެވެ. ވަޠަނީ ކަންކަމަކީ ކިފާޔަތުގެ ކަންކަން ކަމަށް ނުދެކި، އެއީ އެންމެންގެ ކަމެއް ކަމުގައި ދެކެމާ ހެއްޔެވެ. ފަރުދުންގެ ހިސާބުން ފެށޭ އިޖުތިމާޢީ ގުޅުމުގެ ވާފަށް އިތުރަށް ބާރުކުރަމާ ހިނގާށެވެ. ސިޔާސީ ފިކުރު އެއްކިބާކޮށް، އެންމެން ވެސް ވަޠަނީ ކަންކަމުގައި ބައިވެރިވެ، އެ މީހެއްގެ ހިއްސާ އެ މީހަކު ދިނުމަކީ ކާމިޔާބަށް މަގުފަހިވާނެ ކަމެކެވެ. ފަރުދީ ފެންވަރުގައެވެ. ޖަމާޢަތުގެ ފެންވަރުގައެވެ. މުޅި މުޖުތަމަޢުގެ ފެންވަރުގައެވެ.
1990 ގެ އަހަރުތަކުގައި، ކެލާއަކީ މި ފަދަ ކުޅިވަރުތަކުގައި ނަމޫނާ މަސައްކަތްތަކެއް ކުރި ބައެކެވެ. އޮޑިތައް އެއްފަހަރާ މަހަށް ފުރައި އެ އޮޑިތަކުގެ ނަފާ ހަދިޔާކުރި ބައެކެވެ. މަސައްކަތު ދުވަސްތައް ފާހަގަކޮށް، ފައިސާ އެއްކޮށްގެން، އެ ފަދަ ކަންކަން ކުރި ބައެކެވެ. އުޖޫރައަކާ ނުލައި އެ ކަންކަމުގައި ޚިދުމަތް ކުރި ރައްޔިތެކެވެ.
އެ ރޫޙާއި، އެ ފޯރިއާއި އަދި އެ ޖޯޝް އަލުން އުފައްދާ ކެލާގެ ނަން އޮވެ، ތަމްސީލުކުރާ ޙަރަކާތްތަކަށް އެ އެއްބާރުލުން ދޭން އެބަ ޖެހެއެވެ. އަތޮޅުގެ މީސްކޮޅު މަދު ރަށްރަށުން ރަންވަނަތައް ތަކުރާރުކޮށް ހޯދާ އުފުލަމުންދާ އިރު، މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނާލަން ޖެހިފައިވާ ކަމެކެވެ.