ކެލާގެ ރުއްތައް ހަލާކުކުރި ކަޅު ކޫޑި މޭވާ ގަސްތަކަށް

މީގެ ދެތިން އަހަރު ކުރިން ކެލާގެ ރުއްތައް ހަލާކުކޮށްލި ކަޅު ކޫޑި މޭވާ ގަސްތަކަށް އަރައި މޭވާ ގަސްތައް ހަލާކުކުރަން ފަށައިފިއެވެ.
ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން، އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ވިދާޅުވީ ރަށުގެ ރުއްތައް އެއްކޮށް މަރުވެ ގިނަ ގޭގޭގައި ހުރި ޖާފާން ރުއްރުކާއި، ދަނބު ޖާފާން ރުއްތައް ކޫޑީގެ ސަބަބުން ކަނޑާ ހުސްވެއްޖެ ކަމަށެވެ. އަދި މިހާރު އެ ކޫޑި ފެތުރެމުން ދަނީ ރަށުގެ މޭވާ ގަސްތަކަށް ކަމަށް ޢާމިރު ވިދާޅުވިއެވެ.


ދަނޑުވެރިކަން ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކެލާއަކީ ގިނަ ޢަދަދަކަށް އަތޮޅުތެރެއަށާއި، މާލެއަށް ކުރުނބާ ބޭރުކުރަމުން އަންނަ ރަށެކެވެ. އެ ކަމުން ބޮޑު ނަފައެއް ކެލާ ރައްުޔިތުންނަށް ކުރިން ލިބުނު ކަމުގައި ވިއަސް ކޫޑީގެ ސަބަބުން ރުއްތައް ކަނޑަން ޖެހުމާ ގުޅިގެން, ކުރުނބާއިން ލިބުނު ނަފާ ވަނީ އެއްކޮށް މިއަދު ހުއްޓިފައެވެ.

މި ބިރުވެރި ކަޅު ކޫޑި އެއްކޮށް ފިލާ، ރުއްގަހުގެ ނަފާ ކެލާ ރައްޔިތުންނަށް ލިބުމަކީ ކެލާގެ އިޤްތިޞާދު އިތުރަށް ރަނގަޅުވާނެ ކަމެކެވެ.