މަރުޙޫމް މުޙައްމަދު ޤާސިމް

ހއ. ކެލާ ހީނާމާގޭ މަރުޙޫމު މުޙައްމަދު ޤާސިމަކީ ހަމައެކަނި ވިޔަފާރި ވެރިއެއް ނޫނެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ޑިޒައިނަރުންގެ ތެރެއިން އެއް ޑިޒައިނަރެވެ. 1976 ގައި ޙާޞިލްކުރެއްވި ޖީސީއީއޯލެވެލްގެ ރެކޯޑް 1994 ގެ ނިޔަލަށް އޮތީ މަރުޙޫމް މަނިކުގެ އަތްޕުޅުގައެވެ.
މަނިކަކީ މި ރަށު ކޯއްޓޭގޭ މަރުޙޫމު ޤާސިމް މޫސާ މަނިކަށާއި، ޤާސިމްބޭގެ ދޮށީ އަނބިކަނބަލުން މަރުޙޫމާ ކަމަނަ ދައިތައަށް ލިބިލެއްވި 5 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.
މާފަންނު ޕެޓޫނިއާ މަނިކުގެ ނަމުން ގިނަ ބަޔަކު ދަންނަ މަރުޙޫމު މުޙައްމަދު މަނިކު ނުވަތަ މުޙައްމަދު ޤާސިމަކީ ތަޢުލީމީ ގޮތުން މޮޅު ބޭފުޅެކެވެ. މަޖީދިއްޔާ ސުކޫލުގެ ފަޚުރުވެރި އެއް ދަރިވަރެވެ. ޖީސީއީއޯލެވެލް އިމްތިޚާނުގައި މަނިކު ބައިވެރިވެލެއްވި 9 މާއްދާއިން ޑިސްޓިންގސަން ނުވަތަ އޭ ފާސް ހޯއްދަވައި، މުޅި ރާއްޖެ ތަޢުލީމީ ގޮތުން ޙައިރާންކުރުވަނިވި ނަތީޖާއެއް ހޯއްދެވި ފުރަތަމަ ދަރިވަރެވެ.
ޖީސީއީ އޯލެވެލްގައި 1976 ގައި މަނިކު ޙާޞިލްކުރެއްވި ރެކޯޑް 1994 ގައި މުގުރާލެއްވީ މި އަތޮޅު ތަކަންދޫ ފިޔާތޮށިގޭ ޢަބްދުﷲ ފިރާޤެވެ. ފިރާޤް ވަނީ 12 މާއްދާގައި ބައިވެރިވެ، 10 މާއްދާއިން އޭ ފާސް ނުވަތަ ޑިސްޓިންގސަން ހޯއްދަވައި ފައެވެ.
މުޙައްމަދު ޤާސިމްގެ މަދަރުަަސީ ޙަޔާތް ނިންމަވައި ލެއްވީ ތަޢުލީމީ ގޮތުން މަޖީދިއްޔާ ސުކޫލުގެ އެންމެ މޮޅު ދަރިވަރުގެ އިނާމު ވެސް ޙާޞިލް ކުރައްވައި ގެންނެވެ. މުޙައްމަދު ޤާސިމާއެކު ތަޢުލީމު ޙާޞިލްކުރެއްވި، މި ރަށު މޭވާގޭ މުޙައްމަދު މަނިކު ނުވަތަ އެންމެން ދަންނަ އެސްޓީއޯ މަނިކު ވެސް މަރުޙޫމު މަނިކާއެކު، މަޖީދިއްޔާގެ ޢިލްމީ ހިޔަލުން ވަކިވީ، ތަޢުލީމީ ރަނގަޅު ފާހާއެކު، އެ އަހަރުގެ މަޖީދިއްޔާ ސުކޫލުގެ ބެސްޓް އޯލްރައުންޑްގެ މަޤާމު ޙާޞިލްކޮށްގެންނެވެ.

މި ޤައުމު ދުށް އެންމެ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ ޞާޙިބުއްސަޢާދާ މަރުޙޫމު އަލްއުސްތާޛު އިބްރާހީމް ޝިހާބު މި ދެ މަނިކުގެ ކާމިޔާބު ފާހަގަކުރައްވަމުން ވިދާޅުވި ކަމަށް ވަނީ، މި ރާއްޖޭގައި އޮތް، މީހުން އެންމެ ރަނގަޅު ރަށަކީ، އަދި މީހުން އެންމެ ނުބައި ރަށަކީ ވެސް ކެލާ ކަމަށެވެ. ލިބިފައިވާ މަޢުލޫމާތު ކުށްނޫން ނަމަ އެ މަނިކުފާނު އެހެން ވިދާޅުވީ މަޖީދިއްޔާ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މަރުޙޫމު އަލްއުސްތާޛު އިބްރާހީމް ޝިހާބު ނުބައި ރަށެއްގެ ގޮތުގައި، ކެލާ ސިފަކުރެއްވީ، ބުޓާނީގެ ގޭގައި ހުޅުޖެހި ޙާދިޘާއާ ގުޅުވައިގެން ކަމަށް ވެއެވެ. ރަނގަޅު ރަށެއްގެ ގޮތުގައި ސިފަކުރެއްވި މައިގަނޑު އެއް ސަބަބަކަށް ވަނީ، މަޖީދިއްޔާ ސުކޫލުން ދެ މަނިކު އެ ފަހަރު ހޯއްދެވި ކާމިޔާބެވެ.
ބުޓާނީއަކީ ދަނޑުވެރިކަމުގެ ތަޙުލީލީ މަސައްކަތްތަކެއް ކުރެއްވުމަށް ކެލައަށް ދުރުވެ ހުންނެވި ބޫޓާނުގެ ރައްޔިތެކެވެ. ބުނެވޭ ގޮތުގައި ބުޓާނީ މަސައްކަތްކުރަން ބޭނުންކުރި އާލާތްތައް ބަހައްޓާފައި ހުރީ ރަށުގެ ދެކުނުކޮޅޭ މި ކިޔާ ސަރަޙައްދުގައި ދަނޑިފަނުން އަޅައިފައި ހުރި ކުޑަކުޑަ ގެގަނޑެއްގައެވެ. ކެލާގެ ޒުވާނުންގެ ތެރޭން ބަޔަކު އެ ގޭގައި ހުޅުޖެހި ކަމަށް ބުނެއުޅެއެވެ.
މަރުޙޫމު މުޙައްމަދު ޤާސިމަކީ މޮޅު ފަރުމާކުރުން ތެރިއެކެވެ. އެ ފަންނުގައި މި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޭފުޅުންގެ ތެރޭގައި މަނިކު ހިމެނިލައްވައެވެ. މާލޭގައި ހުރި އެންމެ މުހިންމު އެއް ބިނާ ކަމުގައިވާ، އިސްލާމީ މަރުކަޒު ފަރުމާކުރެއްވެވި ބޭފުޅުންގެ ތެރޭގައި ވެސް މަރުޙޫމު މަނިކު ހިމެނި ލައްވައެވެ. އިސްލާމީ މަރުކަޒު ހުޅުވިފައި ވަނީ 1984 ގައެވެ.
މަރުޙޫމު މުޙައްމަދު ޤާސިމަކީ އަވަހާރަވަންދެން ވެސް މަޝްހޫެރު ރެއިންބޯ ކުންފުނީގެ 3 ހިއްސާދާރުންގެ ތެރެއިން އެއް ހިއްސާދާރެވެ. އެއީ އޭނާއާއެކު ތަޢުލީމު ޙާޞިލްކުރެއްވި ރެއިންބޯ ރަފީޤާއި، ގ. ސަނީޑޭލް އަޙްމަދު ޝަރީފާ ތިން ބޭފުޅުން ވެގެން ހިންގަވަމުން އައި ވިޔަފާރިއެކެވެ. މަނިކާއި، އަޙްމަދު ޝަރީފު އަވަހާރަވީ ވެސް ވިޔަފާރީގެ ދަތުރެއްގައި ރާއްޖޭން ބޭރުގައި އުޅުއްވަނިކޮށް ހިނގި ކާރު އެކްސިޑެންޓެއް ގައެވެ.
ޝައްކެއްނެތެވެ. މަރުޙޫމް މުޙައްމަދު ޤާސިމަކީ ރަށާއި، މި ޤައުމަށް ރީތި ނަން ހޯއްދަވައި ދެއްވި ކެލާގެ ފަޚުރުވެރި މުވާޠިނެކެވެ. އިސްލާމީ މަރުކަޒުން މަނިކުގެ ހަނދާންތައް އަބަދުމެ އާވާނެއެވެ. މަނިކުގެ ތަޢުލީމީ ކާމިޔާބުގެ ސިއްރުތައް މި ޤައުމުގެ ކިޔަވާކުދިން ތާއަބަދުމެ ނަމޫނާއަކަށް ބަލައިނެއެވެ.