މީހުން

އޭރާއި، މިހާރު ވެސް ކެލާ މެނޭޖަރ 

ހއ. ކެލާ ޑައިމަންޑްވިލާ މުޙައްމަދު ޖަޢުފަރަކީ އޭރާއި މިހާރު ވެސް ކެލާގެ މެނޭޖަރެވެ. ކެލާގެ އެންމެންގެ މެނޭޖަރެވެ. ފުޓުބޯޅައިގެ ތެރޭން ލިބުނު މެނޭޖަރކަން އެއީ ނަމުގެ ލަޤަބެއްގެ ގޮތުގައި މުޅި ޢުމުރަށް ލިބުނު މީހުންގެ ތެރޭން އެކަކެވެ. ޖޯޝާ ފޯރީގައި ކަންކަން ހިންގާލުމުގައި އެ ފަދަ ދެ ވަނައެއް ނެތް ލާމަސީލު ޝަޙްޞިއްޔަތެކެވެ. މުރާލި، ހީވާގި  މަސައްކަތްތެރި ފާޑުވެރިއެކެވެ.

ކެލާ ޑައިމަންޑްވިލާ މަރުޙޫމް ޙުސައިނުބެއަށާއި، މަރުޙޫމާ ކަތްދައިތައަށް ލިބިލެއްވި 3 ބޭފުޅުންގެ ތެރެއިން އެންމެ ހަގު ދަރިފުޅު މުޙައްމަދު ޖަޢުފަރަކީ ޢިމާރާތްކުރުމާ، ވަޑާމުގެ ތެރެއަށް ގިނަ ޒުވާނުންތަކެއް ނެރެދިން މޭސްތިރިއެކެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރޭން މަސައްކަތުގެ ތެރެއަށް ނުކުތް މީހުންގެ ތެރޭން އެކަކެވެ.  އެންމެންނާ ގުޅޭ ހިތް ހެޔޮ މިޒާޖުގެ ބޭފުޅެކެވެ.

1980އާއި 2000 އާ ދެމެދު ފުޓުބޯޅައިގާ ކެލާ ތަމްސީލުކުރި ޓީމުތަކުގެ މެނޭޖަރެއްގެ ގޮތުގައި ބުރަ ބޮޑު ޒިންމާތަކެއް އެތައް ފަހަރަކު ޖަޢުފަރު ވަނީ އަދާކޮށް ދެއްވާ ފައެވެ. ދަރުމަވެރި ގިނަ މަސައްކަތްތަކެއް ކެލާގެ ކުޅިވަރުގައި އޭނާ އަދާކުރިއެވެ. ޚާއްޞަކޮށް އެފްއޭއެމުން އިންތިޒަާމްކޮށްގެން ބޭއްވި އަތޮޅު ފުޓުބޯޅައާއި، ޒޯން ފުޓުބޯޅައިގައި ކެލާ ޔޫތު ފޯރަމްގެ މެނޭޖަރެއްގެ ގޮތުން ހިލޭ ސާބަހަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށްލެއެވެ.

އިޖުތިމާޢީ ކަންކަމުގައި ވެސް މެނޭޖަރ ޖަޢުފަރަކީ ކެލާއިން ފާހަގަކޮށްލަން ޖެހޭ އެއް ނަމެވެ. ވަޠަނީ ރޫޙާއި، ލޯބީގައި މަސައްކަތްކޮށްދެއްވާ މަދު މީހުންގެ ތެރޭގައި ވެސް މެނޭޖަރ ހިމެނެއެވެ. ރަށުގައި ކުރެވޭ އިޖުތިމާޢީ ކޮންމެ ކަމެއްގައި ވެސް ޖަޢުފަރުގެ ބައިވެރިވުން ލިބެއެވެ. އަދި މިހާރުވެސް އޭނާގެ ބައިވެރިވުން އަންނަނީ ލިބެމުންނެވެ.

ދިމާވި ޞިއްޙީ އުނދަގުލެއްގެ ސަބަބުން މެނޭޖަރގެ ހިއްސާ ރަށުގައި ކުރެވޭ ކަންކަމުގައި ލިބޭ މިންވަރު މިހާރު ކުޑަހެން ބަޔަކަށް ހީވިއަސް ޙަޤީޤަތް ޤަބޫލުކުރާ ފަރާތްތަކަށް މެނޭޖަރ އަދާކުރާ ދައުރު ވަރަށް ސާފުކޮށް މިއަދުވެސް ފެންނާނެއެވެ. ޔަޤީންކަމާއެކު ދަންނަވަން ޖެހެނީ ވަޠަނީ ކަމެއްގައި މިއަދުވެސް މެނޭޖަރ ފަސްނުޖެހޭނެ ކަމަށެވެ.

އަމިއްލަ ކޮންސްޓްރޮކްސަން ގުރޫޕެއް މިހާރުވެސް ރަށުގައި ހިންގަމުން އަންނަ މެނޭޖަރަކީ މުރާލި ބޭފުޅެކެވެ. ގެދޮރު ޢިމާރާތްކުރުމާއި، މަރާމާތުކުރުމުގައި ވެސް ލުއި ގޮތްތަކެއް ރައްޔިތުންނާ ދޭތެރޭ ގެންގުޅެވޭތޯ އޭނާ ބައްލަވައެވެ. ގަދަވެ ސަލާމަތުން ހުންނަ ދުވަހެއް ނަމަ އިރު އަރާނީ އޭނާ މަސައްކަތުގެ ތެރޭގައި ހުއްޓައެވެ. ހައްދާ ދަނޑުތަކަށް ފެންދޭން ނުވަތަ ގޮނޑުދޮށުގައި މަސްބާނަން ހުއްޓައެވެ.

މެނޭޖަރ ޖަޢުފަރަކީ ބްރައިޓް ސްޓާރސްގެ ދުވަސްވަރުން ފެށިގެން އަޅުގަނޑުގެ ރަޙުމަތްތެރިއެކެވެ. އަޅުގަނޑާއެކު އޮތް ގުޅުން ދުވަހަކު ވެސް ބަދަލުނުވެ ރަށުގައި ތިއްބެވި މަދު މީހުންގެ ތެރޭން އެކަކެވެ. އެންމެ ގާތް  އެއް ރަޙްމަތްތެރިޔާއެވެ. ދުރުގައި ދިރިއުޅެން މިއަދު ޖެހިފައި ވިޔަސް ޙާލުއަހްވާލު އަބަދުވެސް އޭނާ ބައްލަވައެެވެ.

1984 ގައި ހއ. ކެލާ އުތުރުގޭ މަރިޔަމް މަނިކެއާއެކު، މެނޭޖަރ ފެށި ޒަވާޖީ ޙަޔާތުގައި ވަނީ 5 ކުދިން ލިބިފައެވެ. އެއީ 3 ފިރިހެން ކުދިންނާއި 2 އަންހެން ކުދިންނެވެ. މެނޭޖަރަކީ މިއަދު 5 ކުދިންގެ ކާފައެއް ވެސް މެއެވެ. ކާވެންޏަށް އެކާޅީސް އަހަރު ގުނަމުންދާ އިރު މެނޭޖަރުގެ އެންމެ ހަގު ދަރިފުޅު ފިޔަވާ އަނެއް 4 ކުދިން ވެސް ތަފާތު ދާއިރާތަކުގައި ޤައުމަށް ޚިދުމަތްކުރަމުން އަންނަކަމީ ޖަޢުފަރުގެ ދެކަނބަލުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ދެކެއެވެ.

މިހާރަށް ވުރެ އުފާވެރި މާދަމާއެއް މެނޭޖަރަށް ލިބުމަކީ އަޅުގަނޑާއި ހެޔޮ އެދޭ އެންމެހައި ފަރާތްތަކުގެ ދުޢާއެވެ. ޝައްކެއްނެތެވެ. ޖަޢުފަރަކީ ކެލާ މެނޭޖަރެވެ. އެއީ ބަދަލުވާން ނެތް އަބަދީ ނަމެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button