ވިހި ފަންސަވީހަށް މަރުޙަބާ

މިއަދަކީ މީލާދީ އައު އަހަރެއްގެ އުފާވެރި ފުރަތަމަ ދުވަހެވެ. ވިހި ފަންސަވީހުން އަޅުގަނޑުމެންނާ ބައްދަލުކުރި ތާރީޚީ ފުރަތަމަ ދުވަހެވެ. ރޭ މެންދަމު ވަނީ ދުނިޔޭގެ ހުރިހައި ކަންކޮޅުތަކެއްގައި މީލާދީ އައު އަހަރު ފެށުމުގެ އުފާވެރި ވަގުތު ކޮޅު ފާހަގަކޮށްފައެވެ. ކުލަބޮކިތަކުގެ އަލިންނެވެ. ބަޑިބޭހުގެ ކުޅިވަރުތަކުންނެވެ. ޒަމާނީ ޑްރޯންތަކުގެ އެހީގައެވެ.
ކުޅިވަރާއ، މަޖަލާއި، އުފަލުގެ ތެރޭން ފެށުނު މީލާދީ އައު އަހަރަކީ އުފާވެރި އަހަރަކަށް ހެދުމަށް ޓަކައި ޢަޒުމްތަކެއް ފަރުދީ ފެންވަރުގައި ވެސް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. އެ ކަމަށް ޓަކައި ފާއިތުވެ ދިޔަ އަހަރު ރަނގަޅަށް ކުރެވުނީ ކޮން ކަންތައްތަކެއްތޯ ބަލައިލުން މުހިންމެވެ. އަދި ބޭނުންވާ ގޮތަށް އެ އަހަރުތެރޭ ޙާޞިލްވެގެން ނުދިޔަ ކަންތައްތަކަކީ ވެސް ކޮބައިތޯ ބަލައިލުން ވެސް އެހައިމެ މުހިންމެވެ.
ބުއްދިވެރި ބޭބޭފުޅުން ވިދާޅުވަނީ ކުރިމަގު ބައްޓަން ކުރަން ޖެހޭނީ ފަސްމަގުގެ އެހީގައި ކަމަށެވެ. ނޫން ނަމަ ތިމާ ކަނޑައަޅައި ލަނޑުދަނޑިތައް ޙާޞިލްކުރަން އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ކާމިޔާބުގެ ރާސްތާ ކަނޑައަޅަން ޖެހޭނީ ތިމާ ހުރި ހިސާބުން ކަމަށް ވާތީއެވެ. ޙާޞިލް ނުކުރެވޭ ވަރުގެ ގޯލެއް ކަނޑައަޅައިގެން ނުވަތަ ނުވާ ވަރުގެ ޚިޔާލީ ފޮލާތަކަކުން ކެއްކޭނެ ރިހައެއް ނެތަތީއެވެ.
ނަމަވެސް އުންމީދުތައް ކުރުމަކީ މުހިންމު ކަމެކެވެ. ޚިޔާލާތުތަކުން އެ އުންމީދުތަކަށް ދިރުން އަންނާތީއެވެ. ދިރުންތައް އުފެދެނީ އުންމީދާ ޚިޔާލާތުން ކަމަށް ވާތީއެވެ. ވަށައިގެން ހުރި ރަށްތައް ރަށްވެހިތަރައްޤީގައި ކުރިއަރައި ދުވެލީގައި މަޑުނުޖެހި ދާއިރު، އަޅުގަނޑުމެން ނެގިމަޑުވެ، ރަށް މަރުވެ އެކި ދިމަދިމާއަށް ވަރަލައި އުދުއްސައި ގަންނަ ސަބަބު ދެނެ ގަތުމަކީ ވެސް، ފެށި މީލާދީ އައު އަހަރުގައި ވިސްނާލަން މުހިންމު ކަމެކެވެ.
ވިހި ފަންސަވީހަށް އަޅުގަނޑުމެން މަރުޙަބާކީ ބީދައިން ގުޅުންތައް ބަދަހިކޮށް އުޚުވަތްތެރިކަމުގެ ވާފަށަށް ބާރުކޮށްލުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެމެވެ. ކުރިއަރައި ދިޔުމަށް ހުރަސްއެޅުމުގެ ބަދަލުގައި އެ ކަންކަމަށް މަގުކޮށައި ދިނުމަށެވެ. ހަސަދައިގެ ގިނި މަޑުކޮށް ތިމާ އުޅޭ ފަދައިން އެހެން މީހުން ވެސް އުޅުނަ ދިނުމަށެވެ. ވަޠަނަށް ހެޔޮ އެދިގެން މަސައްކަތްކުރުމަށެވެ.
ދުނިޔެއަށް ﷲ އަޅުގަނޑުމެން ފޮނުއްވި ޙަޤީޤީ ބޭނުން ފުރިހަމަކުރެވޭތޯ ބަލަމާ ހިނގާށެވެ. އަޅުގަނޑުމެންނީ އެއް އުންމަތެއްގެ، އެއް ނަސްލެއްގެ، އެއް ޤައުމެއްގެ އަދ އެއް ފަސްގަނޑަކަށް ނިސްބަތްވި ބަޔަކީމެވެ. ވިހި ސައްވީހަށް އަލްވަދާޢު ކިޔައި ހިނިތުންވެ ތިބެ، ވިހި ފަންސަވީހަށް މަރުޙަބާ ކިޔަމާތޯއެވެ. ރަށަށް ފާގަތިކަން އެދިއެވެ.