ރަޙިމުގެ ގުޅުން ބަދަހިކުރުމަށާއި ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރުމަށް ޚުޠުބާގައި ގޮވާލައިފި

ރަޙިމުގެ ގުޅުން ބަދަހިކުރުމަށާއި ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރުމަށް ޚުޠުބާގައި ގޮވާލައިފިއެވެ. މި ކަމަށް ގޮވައިލެއްވީ 2026 އޮކްޓޯބަރު މަހު 30 ވަނަ ދުވަހު އިއްޔެ ރަޢްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައެވެ. އިއްޔެގެ ޚުޠުބާގެ މައުޟޫޢަކީ “ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން”އެވެ.
އެހެންދުވަސްތަކެކޭ އެއްގޮތަށް އިއްޔެގެ ޚުޠުބާ ވެސް ފައްޓަވަފައި ވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާކޮށްދެމުންނެވެ،
އިއްޔެގެ ޚުޠުބާގައި މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާއިރު، މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދިއުމާއި، ޢާއިލާގެ ތެރޭގައި އޮންނަންޖެހޭ ގުޅުންތައް ނުއޮތުމާއި، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ދިއުމަކީ އެންމެންގެ ވެސް ޝަކުވާއެއް ކަމަށް ވިދާޅުވިއެވެ. އަދި އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުންއަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި، އެ ކުދިންނަށް ދެވޭ ތަޢުލީމުކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި، ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށްވިޔަސް، އެ ކުއްޖަކު އެކި ގޮތްގޮތަށް ބައްޓަންވަނީ ދެވޭ ތަޢުލީމާއި ތަރުބިޔަތާއި ގެންގުޅެ ބޮޑުކުރެވޭ ގޮތުންނެވެ. އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން އެމީހުންގެ ދަރީންނަށް ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރަށް، މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަމާއި ރަޙިމުގެ ގުޅުން ގުޅިފައިވާ ބަޔަކީ ކޮބައިކަން ބުނެދީ ގުޅުން ބަދަހިކުރަން ދަސްކޮށްދޭން ޖެހޭނެކަން ހަނދާންކޮށްދެއްވިއެވެ.
އިއްޔެގެ ޚުޠުބާގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވިދާޅުވިއެވެ. އަދި ތިމާގެ ރިޒުޤު ތަނަވަސްވެ، ޢުމުރު ދިގުވުމަށް ނުވަތަ ޢުމުރުގައި ބަރަކާތްލެއްވުމަށް އެދޭ މީހާ، ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓަންޖެހޭނެ ކަމަށް ރަސޫލާގެ ޙަދީޘްފުޅެއްގައި ބަޔާންވެގެންވާ ކަށަށް ވެސް ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލެއްވީ، ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރުމުގެ ތައުފީޤު މިންވަރުކުރައްވައި، ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުންތައް ދަމަހައްޓާ، ގާތްތިމާގެ މީހުންގެ ޙާލުބަލައި ހެޔޮފޯރުވާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާކުރަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.



