ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކައިދޭ އިންޑެކްސްއިން 1 ވަނަ އަތޮޅު ކައުސިލަށް ހއ. އަތޮޅު ކައުންސިލް އަދި ރަނަހަމާންތި 2 ވަނަ ދަރަޖަ ތުރާކުނު ކައުންސިލް ހޯދައިފި
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކައިދޭ އިންޑެކްސްއިން 1 ވަނަ އަތޮޅު ކައުސިލަށް ހއ. އަތޮޅު ކައުންސިލް އަދި ރަނަހަމާންތި 2 ވަނަ ދަރަޖަ ހއ. ތުރާކުނު ކައުންސިލް ހޯދައިފިއެވެ. މި ކަން އިޢުލާންކޮށް ހއ. އަތޮޅު ކައުންސިލަށާއި، ތުރާކުނު ކައުންސިލަށް އެވޯޑް ޙަވާލުކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ އެލްޖީއޭގެ ފަރާތުން “މީރުމާ” ގައި ބޭއްވި ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ.
ކަންގަތި އެވޯޑް ދިނުމަށް “މީރުމާ” ގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑް ތިލަދުންމަތީ އުތުރުބުރީ ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑޮކްޓަރ ޢަބްދުﷲ ރާފިޢެވެ.
ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ޝަރަފުވެރިކޮށްދެއްވި މި އަހަރުގެ ކަންގަތި އެވޯޑް ދިނުމުގެ ޙަފުލާގައި ރަނަހަމާންތި 2 ވަނަ ދަރަޖަ ޙާޞިލްކުރި ތުރާކުނު ކައުންސިލަށް ވެސް އެވޯޑް ދެއްވައިފައި ވެއެވެ. މި އެވޯޑް ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ ޢަބްދުއްލަޠީފާ ޙަވާލުކޮށްދެއްވީ ޝަރަފުވެރި މެހްމާނު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.
ކަންގަތި އެވޯޑަކީ ލޯކަލް ކައުންސިލްތައް މިންކުރުމަށް އެކުލަވައިލައިފައިވާ ޕަރފޯމަންސް އިންޑެކްސްގެ ދަރަޖަތަކަށް ބަލައި އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކައުންސިލްތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެމުން ގެންދާ އެވޯޑެކެވެ.
މިއަހަރު ކަންގަތި އެވޯޑް ޙާޞިލްކުރެއްވި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އެންމެހައި މެންބަރުންނަށާއި، މުވައްޒަފުންނަށް އަދި ތުރާކުނު ކައުންސިލްގެ މެންބަރުންނަށާއި، އެންމެހައި މުވައްޒަފުންނަށް “ތިލައުތުރު” ނޫހުގެ ފަރާތުން ނުހަނު އިޚްލޞްތެރިކަމާއެކު ތަހުނިޔާ ކިޔަމެވެ. 2025 ގެ ކަންގަތި އެވޯޑް މި އަތޮޅުގެ އިތުރު ކައުންސިލްތަކުން ޙާޞިލްކުރައްވާނެ ކަމަށް އުންމީދުކުރަމެވެ.