ޤައުމީ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގައި މާލީގޮތުންނާއި، ނިޒާމީ ގޮތުންނާއި އަދި ސިޔާސީ ގޮތުން ކަންކަން ކުރުމުގެ ވިސްނުމަކީ، ތިލަދުންމަތިން އުފަންވެގެން އަންނަ ޚާއްޞަ ކަމެއް: އެމްޕީ ޢަބްދުﷲ ޝަރީފު
ޤައުމީ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގައި މާލީގޮތުންނާއ،ި ނިޒާމީ ގޮތުންނާއި އަދި ސިޔާސީ ގޮތުން ކަންކަން ކުރުމުގެ ވިސްނުމަކ،ީ ތިލަދުން މަތިން އުފަންވެގެން އަންނަ ޚާއްޞަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.
އެމްޕީ ޝަރީފު މިހެން ވިދާޅުވީ 2025 އަށް، ސަރުކާރުން ހުށަހެޅުއްވި ބަޖެޓް ބަހުސްގައި މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމްޕީ ވިދާލުވީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް އައީ ފަތުވެރިކަމުގެ ޞިނާޢަތުގެ ތެރޭން މައުމޫލުގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބޭނެ ނިޒާމެއް މި ރާއްޖޭގައި ގާއިމްކުރުމަށް، މަޖިލީސް މެންބަރެއްގެ ޙައިޞިއްޔަތުން އަލްމަރުޙޫމް ވަށަފަރު އާދަމް ޢަބްދުއްރަޙްމާން ހުށަހެޅުއްވި ބިލާ ގުޅިގެން ފަތުރުވެރިކަމުގެ ތެރޭން މައުމޫލްގެ ފައިސާ ދައުލަތަށް ލިބޭ ގޮތް ވުމުން ކަމަށެވެ.
އެމްޕީ ޝަރީފު ވިދާޅުވީ ރިސޯޓްތައް ހެދިފައިވާ ރަށްރަށުން ދައުލަތަށް އާމްދަނީ ވަންނާނެ މަގެއް ކޮއްޓަވައި ދެއްވި، މަރުޙޫމް އާދަމް ޢަބްދުއްރަޙްމާނަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅުފުށުގެ ބޮޑުބޭބޭފުޅަށް ވުމާ، ބަހުސްކުރަމުންދާ ބަޖެޓުން މާލީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން މި ޤައުމު އިޞްލާޙުކޮށް ބާރުވެރި ކުރުމުގެ ވާހަކަ ބުނެދޭ ބުނެދިނުމަކީ، ޤައުމީ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގައި ތިލަދުންމަތިން އުފަންވެގެން އަންނަ ޚާއްޞަ ތަޞައްވުރަކަށް އެކަން ވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ބަޖެޓް ބަހުސްގައި ކެލާ ދާއިރާގެ މެންބަރު ޝަރީފު ދެއްކެވި ވާހަކަފުޅުގައި ޤައުމުގައި، ހެޔޮމަގަށް އަޅުވަން ޖެހޭ އެތައް ކަމެއް ހުރި އިރު، އެ ކަންކަމާ އަޅައި ނުލެވި އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހެވާއި ލާބަޔަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމުގައި އަދުގެ ސަރުކާރުން ދައްކަމުންދާ ސާބިތުކަމަށް ޓަކައި މި ސަރުކާރަށް، އެމްޕީ ސާބަސް ދެންނެވިއެވެ.