ބޭސިކް ހޭންޑް ބޯލް ކޯޗިންގ ކޯސް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދެއްވައިފި
ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްއާއި، ހޭންޑް ބޯލް އެސޯސިއޭޝަނާ ގުޅިގެން ކެލާ ޔޫތު ފޯރަމުން ހިންގި ބޭސިކް ހޭންޑް ބޯލް ކޯޗިންގ ކޯސް ނިމި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވައިފިއެވެ.
މި މަހުގެ 6 އިން 16 އަށް ކެލާގައި ހިންގި މި ބޭސިކް ހޭންޑް ބޯލް ކޯޗިންގ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ އެ ކަމަށް ޓަކައި ރޭ ކެލާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރ އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ.
މި ކޯހުގައި ކެލާ، ދިއްދޫ، ފިއްލަދޫ، ބާރަށް އަދި އިހަވަންދޫއިން 31 މީހަކު ބައިވެރިވެ، 24 މީހަކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކުރައްވައިފައި ވެއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކެލާގައި ކުރިޔަށް ގެންދިޔަ މި ކޯހުގައި ކިޔަވައިދެއްވީ ހޭންޑް ބޯލް އިންސްޓްރަކްޓަރ އިބްރާހީމް ހައިޝަމް ޢަބްދުﷲއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެމްޕީ ޢަބްދުﷲ ޝަރީފު ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރު ދިރުވާ އާލާކޮށް، ކުޅިވަރުން ޤައުމަށް ރީތިނަން ހޯދައިދިނުމަށް އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ. އަދި ކެލާ ދާއިރާގައި، ކުޅިވަރު ތަރައްޤީކޮށް އެ ކަމަށް ކުރެވޭ މަސައްކަތްތަކުގައި އެމްޕީގެ ބައިވެރިވުމާ، އެހީތެރިކަމާ، އެއްބާރުލުން ދެއްވާނެ ކަމަށް ޢަބްދުﷲ ޝަރީފު ވިދާޅުވިއެވެ.
ހޭންޑް ބޯލް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ފަޔާޒާއި، ކެލާ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ އިންފާޒާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ބައެއް ވެރިން ބައިވެރިވެލެއްވިއެވެ.
ހޭންޑް ބޯލްގެ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ ގްރާސް ރޫޓް މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކެލާ ޔޫތު ފޯރަމުން ހިންގި މި ކޯހުގެ ސަބަބުން ކެލާއާއި، ހއ. އަތޮޅުގައި ހޭންޑް ބޯލްގެ ޙަރަކާތްތައް މިހާރަށް ވުރެ އިތުރަށް ފުޅައިވެގެން ދާނެކަމަށް އުންމީދުކުރެވެއެވެ.