ޚަބަރު

ތިލައުތުރު ފުޓްސަލް މުބާރާތް ގުރުއަތުލުމުގެ ޙަފުލާ ބާއްވައިފި

ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ހުޅުވައިލައިގެން އަހަރަކު އެއް ފަހަރު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ”ތިލައުތުރު ފުޓްސަލް މުބާރާތް” ގުރުއަތުލުމުގެ ޙަފުލާ ބާއްވައިފިއެވެ. 

“ތިލައުތުރު ފުޓްސަލް މުބާރާތް” ގުރުއަތުލުމަށް  ރޭ ކެލާގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ.

ކެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ، މި އަހަރުގެ ތިލައުތުރު  ފުޓްސަލް މުބާރާތުގައި އަތޮޅުގެ 10 ރަށަކުން ވާދަކުރެއެވެ. އެއީ ތުރާކުނު، އުލިގަން، އިހަވަންދޫ، ދިއްދޫ، ވަށަފަށް، ފިއްލަދޫ، ބާރަށް، އުތީމު، މުރައިދޫ އަދި ކެލާއެވެ.

ދެ ގުރޫޕަކަށް ބަހައިލައިގެން ކުޅޭ މި ފުޓްސަލް މުބާރާތުގެ ގުރޫޕް A ގައި ހިމެނެނީ ވަށަފަށް، މުރައިދޫ، ދިއްދޫ، ބާރަށް އަދި ފިއްލަދޫއެވެ. ގުރޫޕް B ގައި ހިމެނެނީ ތުރާކުނު، އުތީމު، އުލިގަން، ކެލާ އަދި އިހަވަންދޫއެވެ. 

ދިވެހިރާއްޖޭގެ ފަޚްރުވެރި “ނަޞްރުގެ ދުވަސް” ކަމުގައިވާ އަންނަ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ތިލައުތުރު ފުޓްސަލް މުބާރާތް” ފައްޓާ މެޗްގައި ބައްދަލުކުރަނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމުގައިވާ ވަށަފަރާއި، މި އަހަރުގެ މުބާރާތް ބާއްވާ ރަށް ކަމުގައިވާ ކެލާއެވެ. މިއީ މުބާރާތުގެ ދެ ގުރޫޕެއްގައި ހިމެނޭ ދެ ޓީމެއްގެ މެދުގައި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވޭ ޝަރަފުވެރި އަދި އެހައިމެ ފޯރިގަދަ މެޗަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ކާމިޔާބު މިންކުރާ ގޮތަށް ކުޅެވޭ މެޗެއް ނޫނެވެ.

މި އަހަރުގެ ” ތިލައުތުރު ފުޓްސަލް މުބާރާތް”ގެ ފޯރި އިތުރުކޮށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ހެދުމަށް ކެލާ ކައުންސިލާއި، ހއ. އަތޮޅު ކައުންސިލުން ގުޅިގެން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މުބާރާތް ގުރުއަތުލުމަށް ރޭ ކެލާގައި ބޭއްވި ރަސްމިއްޔާތުގައި ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤާއި، އަތޮޅު ކައުންސިލާއި، މުބާރާތުގައި ވާދަކުރާ ރަށްތަކުގެ ކައުންސިލުތައް ތަމްސީލުކޮށްދޭ މަންދޫބުން ބައިވެރިވެލެއްވިއެވެ. 

މަލިކުދަނޑީގެ ޘަޤާފީ ރަހަތަކުން ހިތްތަކަށް އުފާވެރިކަން ގެނެސްދިން މި ޙަފުލާގައި، މުބާރާތުގެ “ތީމް ލަވަ” އިފްތިތާޙްކުރުން ވެސް އޮތެވެ. ފުޓްބޯޅައާ ނުހަނު ގުޅޭ ގޮތަށް އަމިއްލަ ރާގަކަށް ހަދާފައިވާ މި ލަވަ ލޯންޗްކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button