ޝައިޚް އިބްރާހީމް ސުކޫލަށް ޓީވީ ހަދިޔާކޮށްފި
ކެލާ ޝައިޚް އިބްރާހީމް ސުކޫލުގެ ކުލާސްރޫމްތަކުގައި ބެހެއްޓުމަށް ބޭނުންވާ ޓީވީ ހޯދުމަށް އެ ސުކޫލުން އެދިލެއްވި އެދިލެއްވުމަކާ ގުޅިގެން 3 ފަރާތަކުން އެ ސުކޫލަށް ބޭނުންވާ 55 އިންޗީގެ 5 ޓީވީ ހަދިޔާކުރައްވައިފިއެވެ.
އެ ސުކޫލުން ކުރައްވާފައިވާ ފޭސްބްކް ޕޯސްޓްތަކުންނާ އަދި މި ނޫހުން ހޯދި މަޢުލޫމާތުން އެނގުނު ގޮތުގައި އެ ސުކޫލަށް ބޭނުންވާ 5 ޓީވީ ހަދިޔާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފާއި، ކެލާގައި ކުރެވޭ ކަންކަމުގެ ތެރެއިން އެދިލެއްވި ކޮންމެ ކަމެއްގައި މި ފަހަކަށް އައިސް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ކިހައްޑިހަ އިންވެސްޓްމެންޓާއި، ފެޑޯ ގްރޫޕުގެ ފަރާތުންނެވެ.
ޒަމާނަށް އައި ބަދަލާ ގުޅިގެން ފަންނިއްޔާތުގެ އެހީގައި ކިޔަވައިދިނުމަކީ ދަރިވަރުންގެ މޯޓިވޭޝަން އިތުރުވެ، ކިޔަވައިދޭ އެއްޗެއް ފަސޭހައިން ދަރިވަރުންނަށް އޮޅުންފިލައި، އުނގަންނައިދޭ މުދައްރިސުންނަށް ހުރިހައި ގޮތަކުން ވެސް ފަހިކަން ގެނެސްދޭ ކަމެކެވެ.
ކެލާ ޝައިޚް އިބްރާހީމް ސުކޫލަކީ މޮޅު ދަރިވަރުންތަކެއް ޤައުމަށް ނެރެދީފައިވާ އަދި މިހާރުވެސް ނެރެދެމުން އަންނަ ސުކޫލެކެވެ. ނިިިމި ދިޔަ ޖީސީއީއޯލެވެލްއާއި އެސްއެސްސީ އިމްތިޚާނުން ވެސް އެ ސުކޫލުގެ 3 ދަރިވަރަކު ގަދަ 10 އިން ޖާގަ ހޯދިއެވެ. ޓީވީ ހަދިޔާކުރެއްވި ފަރާތްތަކަށް ތިލަ އުތުރު ނޫހުގެ ފަރާތުން ވެސް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.