ޖޫނިއަރ ހޭންޑް ބޯލްގައި ޔާގޫތާއި ފީރޯޒު އެެއްވަރުވެ ސީނިއަރ ފުޓުބޯޅައިގައި ޔާގޫތު ކުރި ހޯދައިފި
ކެލާ ޝައިޚް އިބްރާހީމް ސުކޫލުގެ ހައުސްތަކުގެ މެދުގައި ބާއްވާ ފުޓުބޯޅަ މުބާރާތާއި، ހޭންޑް ބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ޖޫނިއަރ ހޭންޑް ބޯލް މެޗް ޔާގޫތު ހައުސްއާއި ފީރޯޒު ހައުސް 1 ލަނޑު 1 ލަނޑުން އެއްވަރުވެ، ސީނިއަރ ފުޓުބޯޅައިގައި ޔާގޫތު ހައުސް ކުރި ހޯދައިފިއެވެ.
މި މަހުގެ 25 ވަނަ ދުވަހު ފެށިގެން ހިނގަމުންދާ މި މުބާރާތްތަކުގައި ސީނިއަރ ފުޓުބޯޅައިގައި ޔާގޫތު ހައުސް ކުރި ހޯދީ 2 ލަނޑު 1 ލަނޑުންފީރޯޒުހައުސްގެ މައްޗަށެވެ.
ޕީޓީއޭގެ މެންބަރ މަރިޔަމް ޝިފްނާ ޝަރަފުވެރިކޮށްދެއްވި ޖޫނިއަރ ހޭންޑް ބޯލް މުބާރާތުގެ މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފީރޯޒު ހައުސްގެ އާމިނަތު ޔާނާއެވެ. ކެލާ ޕޮލިސް ސްޓޭޝަން ހިންގެވުމާއި ޙަވާލުވެ ހުންނެވި ސީނިއަރ ސާޖަންޓް ޝާހިދު ޢަބްދުﷲ ޝަރަފުވެރިކޮށްދެއްވި ސީނިއަރ ފުޓުބޯޅަ މުބާރާތުގެ މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔާގޫތު ހައުސްގެ މާހިން ރަޝީދެވެ.
“ތިލަ އުތުރު” އަށް މަޢުލުމާތު ލިބިފައިވާ ގޮތުގައި، ސުކޫލުގެ ކުޅޭ ބިމުގައި ކުރިޔަށްދާ މި މުބާރާތްތަކަށް ބެލެނިވެރިންނާއި، ދަރިވަރުންގެ ފަރާތުން ފުރިހަމަ ސަޕޯރޓް އަންނަނީ ލިބެމުންނެވެ. ކުޅިވަރުގެ ރޫޙް ދިރުވާ އާލާކޮށް، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ މަޤްޞަދުގައި ޝައިޚް އިބްރާހީމް ސުކޫލުން ބާއްވާ މި މުބާރާތްތަކުގައި މާދަމާ ހަވީރު ވެސް 2 މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.