އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ “އުފާވެރި ރާސްތާ” ޕްރޮގްރާމް ކެލާގައި

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން، އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ބާއްވާ “އުފާވެރި ރާސްތާ” ޕްރޮގްރާމް މިއަދު ކެލާގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މިއަދު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ އެއް ބޭނުމަކީ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ޢުމުރުން ދުވަސްވީ މީހުންނަށް ހޯދައިދިނުން ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމްންޓްން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ 8 އަތޮޅެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ “އުފާވެރި ރާސްތާ” ޕްރޮގްރާމު މި އަހަރު ކުރިއަށްގެންދަނީ ހއ. ކެލާގެ އިތުރުން ލ. މާމެންދޫ، ގއ. ދާންދޫ، ހދ. ކުރިނބީ، ށ. މިލަންދޫ، ރ. އިނގުރައިދޫ، ނ. މަނަދޫ، އަދި ކ. ތުލުސްދޫގައެވެ. މި ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.
މިއަދު އޮންނަ “އުފާވެރި ރާސްތާ” ޕްރޮގްރާމުގެ ތެރޭގައި، އިޖުތިމާޢީ އަދި ސިއްޙީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިސްރަށްވެހިން އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަށް ވެސް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން އިސްރަށްވެހިންގެ ތަޖުރިބާ މި ޖީލުގެ ޒުވާނުންނަށް ޙިއްސާކުރުން ވެސް މި ޕްރޮގްރާމުގެ ތެރޭން ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.