އިހަވަންދޫ ކައުންސިލުން ކުރެއްވި ނަމޫނާ މަސައްކަތެއް

13 މިލިއަން ރުފިޔާ ޚަރަދުކޮށް ހއ. އިހަވަންދޫ ކައުންސިލުން، ރަށުގައި ތިބެގެން މަތީ ތަޢުލީމު ފޯރުކޮށް ދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަކީ އެހެން ކައުންސިލުތަކުން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ މުހިންމު ކަމެކެވެ.
ތަޢުލީމީ ރައްޔިތަކު ދިރިއުޅޭ އިހަވަންދޫއަކީ، ތަޢުލީމަށް ލޯބިކުރާ ބަޔަކު ވެސް ދިރިއުޅޭ ރަށެކެވެ. ނިސްބަތުން ރަށުގައި ދިރިއުޅޭ އާބާދީ ވެސް އަތޮޅު އެންމެ ބޮޑު އެއް ރަށެވެ. ރަށުގައި ތިބެގެން އޭލެވެލްއާ ހަމައަށް ކިޔަވާ ދަރިވަރުން ވެސް އަތޮޅުން އެންމެ ގިނަ އެއް ރަށަކީ އިހަވަންދުއެވެ. ރާއްޖެއާއި، ރާއްޖޭން ބޭރުން ވެސް އިހަވަންދޫ ދަރިވަރުން އަންނަނީ ތަޢުލީމީ ގޮތުން ފޮނި އަރުތަތަކެއް ޙާޞިލްކުރަމުންނެވެ.
ޤައުމީ ޔުނިވަރުސިޓީގެ ގޮތްޕެއް އިހަވަންދޫގައި ފެށުމަށް ޒަމާނީ ފެންވަރުގެ ޢިމާރާތެއް ހަދައި، 35 އަހަރުގެ ދިގު މުއްދަތަކަށް ޤައުމީ ޔުނިވަރުސިޓީއަށް ޙަވާލުކުރުމަކީ އިހަވަންދޫގެ އިތުރުން ތިލަދުންމަތީ އުތުރުބުރިއަށް އަށް ވެސް އޭގެ ސަބަބުން އެތައް ކުރިއެރުންތަކެއް އަންނާނެ ކަމެކެވެ.
އިހަވަންދޫއަކީ ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވުމީ، އަތޮޅުގެ އެހެން ރަށްތަކުން ވެސް މަތީ ތަޢުލީމަށް އިހަވަންދޫ އިޚްތިޔާރުކުރަން ފަސޭހަވާ ސަބަބެކެވެ. ޚާއްޞަކޮށް ގައްލަންދޫ އެތެރެވަރީގައި ދިރިއުޅޭ މޮޅަދޫ، އުލިގަން، ތުރާކުނު އަދި ހޯރަފުށްޓާއި، ތަކަންމާރަންދޫ ކުދިންނަށް ވެސް އެތައް ގޮތަކުން އިހަވަންދޫ ފަސޭހަވާނެއެވެ.
ކުޅިވަރުތަކަށް ރަށްރަށުގެ ކައުންސިލުތަކުން ބޮޑު ޚަރަދުކުރާ ބީދައިން މި ފަދަ ކަންތައްތަކަށް ޚަރަދުކުރުމަކީ ވެސް ރަށްރަށުގެ ރައްޔިތުން އެ މީހުން އިޚްތިޔާރުކުރި ކައުންސިލަރުންގެ ކިބައިން އިންތިހާއަށް އެދޭ ކަންކަމެވެ. ފައިސާއިން ފައިސާ މުޑުވަށްކުރެވޭނެ ގޮތްތައް ކައުންސިލުތަކުން އުފައްދާ ރަށްރަށުގައި ހިންގުމަކީ ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް އިތުރަށް އިޙްސާސްވާނެ ކަމެކެވެ.
މި ނަޒަރުން ދެކޭ ނަމަ އިހަވަންދޫ ކައުންސިލުން ހޭދަކުރި 13 މިލިއަން ރުފިޔާގެ ބަދަލުގައި އެތައް 13 މިލިއަން ރުފިޔާ މުސްތަޤްބަލުގައި އެ ކައުންސިލަށް ލިބިގެން ދާނެއެވެ. ޝައްކެއްނެތް ގޮތުގައި އިހަވަންދޫ ކައުންސިލުން މި ފަހަރު މި ކުރީ އެހެން ކައުންސިލްތަކުން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމެކެވެ.