އާރުޑީސީއާ ހަވާލުކޮށްގެން ކެލާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ހިފައިގެން ދަތުރުފަށައިފި

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކެލާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ސާމާނު ބަރުކޮށްގެން ދަތުރު ފަށައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.
އެމްޕީ ޢަބްދުﷲ ޝަރީފު މިހެން ވިދާޅުވީ ފޮޓޯތަކާއެކު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. މި ކަމާ ގުޅިގެން މި ނޫހުން އެމްޕީއާ ގުޅުމުން ވިދާޅުވީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކެލާގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ބަރުކޮށްގެން މިހާރު ދަތުރު ފަށައިފައިވާކަމަށެވެ.
މި ނޫހަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ކެލާގައި ހިންގުމަށް އާރުޑީސީއާ ހަވާލުކޮށްފައިވާ 3 ޕްރޮޖެކްޓަކީ ކަނޑައެޅިފައިވާ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތާއި، ކެލާގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި އަދި ކެލާ ރަށްވެހި އާސާރުގެ މަސައްކަތެވެ.

މި 3 ޕްރޮޖެކްޓްގެ މަސައްކަތް ބާރު ސްޕީޑްގައި ގެންގޮސް ނިންމުމަކީ ކެލާ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ކަމެކެވެ. ޚާއްޞަކޮށް ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ ދުއްވާ އެއްގަމު އުޅަނދުތައް އިތުރުވަމުން އަންނަ ކެލާގެ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.