ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ކެލާ ޔޫތު ފޯރަމަށް ލިބުނު ކާމިޔާބު ފާހަގަކޮށްފި
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ކެލާ ޔޫތު ފޯރަމަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް އިޙުތިފާލެއް ބާއްވައިފިއެވެ. ރޭ ސައުތު ރެސްޓޯރަންޓްގައި ބޭއްވި މި އިޙުތިފާލު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރ ޢަބްދުﷲ ޝަރީފެވެ.
މި ރަސްމިއްޔާތުގައި މުބާރާތުގެ ބައިވެރިންނާ އެ ބައިވެރިންގެ ބެލެނިވެރިންނާ މުޚާޠަބުކުރައްވާ ކެލާ ދާއިރާގެ މެންބަރ ދެއްކެވި ވާހަކަފުޅުގައި ކެލާ ޔޫތު ފޯރަމުން 36 ވަނަ ޤައުމީ މުބާރާތުން ހޯދި މަތިވެރި ކާމިޔާބަށް ތަޢުރީފުކުރައްވާ ޝުކުރުއަދާކުރެއްވިއެވެ. އަދި ކެލާ ދާއިރާގައި ކެލާ ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބަށް ޓަކައި، މަޖީލީހުގެ ކެލާ ދާއިރާގެ މެންބަރަށް ވާތީ ފަޚުރުވެރިވެވަޑައިގަންނަވައި ކަމަށް ވެސް ވިދާޅުވިއެވެ. އެ ގޮތުން ދާދި އިހަކަށްދުހު ހައި އެޗީވަރސް ސްކޮލަރޝިޕް ކެލާގެ 3 ދަރިވަރަކު ހޯއްދެވި ކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި 36 ވަނަ ޤުރުއާން މުބާރާތުގައި ޔޫތު ފޯރަމުން ބައިވެރިވި ދަރިވަރުންނާ، އެހީތެރިވެ ދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި، ފިލާ ވަނީ ދެވިފައެވެ. ހަނދާނީ ލިޔުމާއި ފިލާ ބައްސަވައިދެއްވީ ރަސްމިއްޔާތުގެ ޚާއްޞަ މެހުމާން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރ ޢަބްދުﷲ ޝަރީފެވެ.
ކެލާ ޔޫތު ފޯރަމަކީ ކީރިތި ޤުރުއާނުގެ ޢިލްމް ފަތުރާ، ހެޔޮކޮށް ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ކެލާ ޔޫތު ފޯރަމުން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން އެހެނިހެން މުއައްސަސާތަކުގެ ބައިން 2 ވަނަ ހޯދާފައެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާފައި ވަނީ އެ ޖަމްޢިއްޔާގެ ޔަޢީޝް މުޙައްމަދު ނިޔާޒެވެ. ކެލާ ޔޫތު ފޯރަމުން ހޯދި ފަޚުރުވެރި ކާމިޔާބަށް ޓަކައި ތިލައުތުރުން ފަށްފަށްކޮށް މަރުޙަބާ ކިޔަމެވެ.