ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ހުޅުވައިލައިފި

އެމްޓިސީސީއާ ޙަވާލުކުރައްވައިގެން ކެލާގައި ކުރިއަށް ގެންދިޔުމަށް ސަރުކާރު މަސައްކަތްކުރައްވަމުން އަންނަ ނެރުމަގު ފުންކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢާގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ކެލާ ކައުންސިލުން ހުޅުވައިލައިފިއެވެ.
ކެލާގެ ޤުދުރަތީ މުއްސަނދިކަމާ ގުޅިފައިވާ މި މުހިންމު ޕްރޮޖެކްޓްގެ މަސައްކަތް އަވަހަށް ފެށުމަކީ، ކެލާގެ ޤުދުރަތީ މޫނުމަތީގެ ހިތްގައިމުކަން އިތުރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ލީޑިން ބީޗުގެ އެވޯޑް ލިބިފައިވާ ކެލާ ގޮނޑުދޮށް އޮށްއަކިރީގެ ޙަމަލަތަކުން ހަލާކުވެދާތަން ބަލަން ތިބުމަތީ އެއްވެސް ރައްޔިތަކު ބޭނުންވާ ކަމެއް ނޫނެވެ.
ގޫގުލް ފޯމެއް މެދުވެރިކޮށް ކެލާ ކައުންސިލުން ހުޅުވައިލައިފައިވާ މި ފުރުޞަތުގެ ބޭނުން ކޮންމެ ރައްޔިތަކުވެސް ހިފުމަކީ މުހިންމު ކަމެކެވެ. ފުރުޞަތަކީ އަބަދު ލިބިލިބި އޮންނަ އެއްޗެއް ނޫނެވެ. ފުރުޞަތުގެ ހިނދުކޮޅު އަންނަނީ ވެސް ގިނަ ފަހަރު އެނގިގެންނެއް ނޫނެވެ. މި ފުރުޞަތުގެ ބޭނުން ހިފައި ރަށުގެ މޫނުމަތި އަވަހަށް ޙިމާޔަތްކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
ދޮންކުދިންނަށް ފައްކާކުރަމުންދާ ތިލަދުންމަތީ ކެލައަށް، ގޮނޑުދޮށް ޙިމާޔަތްކޮށް، ވިލުކުލައިގެ މޫދާއެކު ދޮންވެލި ބީޗު ގޮނޑުދޮށް އޮތުމަކީ އެ ވެރިންނަށް މުހިންމުވާ ފަދައިން ރަށްވެހީންނަށް ވެސް އެހައިމެ މުހިންމު ކަމެކެވެ. ގެއްލިދާ ނިޢުމަތް ދެމެހެއްޓުމަށް އެންމެން އެއް ލަވައެއް ކިޔައި ވާގި ދިނުމަކީ، ފަހިކަމާއެކު ކަންކަން ތަންފީޒުކުރަން ފަސޭހަވާނެ ކަމެކެވެ.

ގޫގުލް ފޯމު އަވަހަށް ފުރާލާށެވެ. މި ކަމުގައި ތިބާ ދެކޭ ގޮތް ވެސް ބުނެދޭށެވެ.